މޭ މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދާ 13 ޕަސެންޓު އިތުރު ވެއްޖެއެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭ މަހު ވަނީ 205 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައެވެ. މި އަހަރުގެ މޭ މަހު މި އަދަދު ވަނީ 236 އަށް އިތުރު ވެފައެވެ. މިއީ 13 ޕަސެންޓުގެ އިތުރު ވުމެކެވެ.
ދައުލަތައް ލިބުނު އާމްދަނީ އަށް ބަލާއިރު، މިދިޔަ އަަހަރު މޭ މަހު 236 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަވާއިރު މި އަދަދު ވަނީ މި އަހަރުގެ މޭ މަހު 271 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 15 ޕަސެންޓުގެ އިތުރު އަަދަދެކެވެ.
މިދިޔަ އަހަރުގެ މޭ މަހު ރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މޭ މަހު މި ޢަދަދުވަނީ 3.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 4 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު އަގުގެ ގޮތުން ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތިއިލެންޑަށެވެ. ތައިލެންޑަށް ވަނީ 47 ޕަސެންޓުގެ މުދާ އެކްސްޕޯޓުކޮށްފައެވެ. ޖަރުމަންވިލާތުން 12 ޕަސެންޓުގެ އަގުގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު ފަރަންސޭސިވިލާތުން ވަނީ 8 ޕަސެންޓުގެ އަގުގެ މުދާ އެކްސްޕޯޓު ކޮށްފައެވެ
މޭ މަހު ރާއްޖެއަށް އަގުގެ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓު ކޮށްފައިވަނީ ޗައިނާ އިންނެވެ. ޗައިނާ އިން ވަނީ ރާއްޖެއަށް 22 ޕަސެންޓުގެ އަގުގެ މުދާ އިމްޕޯޓު ކޮށްފައެވެ. ޔޫއޭއީއިން 21 ޕަސެންޓުގެ އަގުގެ މުދާ އެތެރެކޮށްފަވާއިރު ދެން އެންމެ ގިނައިން ރާއްޖެ އަށް އަގުގެ މުދާ އެތެރެކޮށްފަވަނީ ސިންގަޕޫރުންނެވެ. އެއީ 12 ޕަސެންޓުގެ މުދަލެވެ.
.