ހަބަރު

ކޮމިޝަނަށް ހާޒިރުކޮށް މަރުތަކާ ގުޅޭ ގޮތުން އަދީބާ ސުވާލުކޮށްފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށްފި އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނަށް އަދީބު ހާޒިރުކޮށް އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރިލްވާން އާއި އަފްރާޝީމް ގެއްލުވައިލި މައްސަލާގައި އަދީބުގެ މައްޗަށް މީގެ ކުރިން ވެސް ބޮޑެތި ތުހުމަތުތަކެއް ދިޔައީ ކުރަމުންނެވެ.

މިއަދު ކަރެކްޝަނަލް ސާވިސްއިން ވަނީ އަދީބު ބޭރަށް ދިޔުމުގެ ހުއްދަ ދީފަ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ކޮމިޝަނަށް އަދީބު ހާޒިރުނުކޮށް ބޭރަށް ފޮނުވާލުމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލި އެވެ. މަރު ކޮމިޝަނުން ޓްވީޓްކުރީ އެކަމާ ގުޅިގެން ކޮމިޝަނަށް ވެސް ގިނަ ސުވާލުތަކެއް އަމާޒުވަމުން ދަނިކޮށެވެ.

އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ. އަދީބުގެ އެއްވެސް މައްސަލައެއް މިވަގުތަކު އެއްވެސް ކޯޓަކު ނެތެވެ.

ޖިނާއީ ބޮޑެތި ކުށްތަކުން ސަލާމަތްވެފައިވާ އަދީބު މިހާރު ތަންފީޒު ކުރަމުން އަންނަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ.