ހަބަރު

ކޮމިޝަނަށް ޑީޑީއާ އަދީބު ހާޒިރުކުރަންޖެހޭ: ރިލްވާންގެ އާއިލާ

ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަން އަހުމަދު ރިލްވާންގެ އާއިލާއިން ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް އަޑު އެހުމުގައި ފުލުހުންގެ ތަހުގީގު ރިޕޯޓަކުން ވަނީ ރިލްވާން މައްސަލައިގައި ފަނޑިޔާރު ދީދީއަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

އެ ރިޕޯޓުގައި ވަނީ ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި ދެ މީހަކު ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ މީހަކު "ސަސްޕެކްޓް 1" މުއާމަލާތް ކުރަމުން އައިއިރު އެ ދެ މީހުންގެ މައުލޫމާތު އޭނާ ޑީޑީއަށް މެސެޖުކޮށްފައިވާ ކަމަށެވެ. އެވަގުތު އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ޑީޑީ އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ފަނޑިޔާރު ޑީޑީއަށް މެސެޖު ކުރި "ސަސްޕެކްޓް 1" އަކީ އަދީބު ކަމަށް އަޑުތައް ފެތުރިފައި އޮވެ އެވެ.

ރިލްވާންގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރު ކޮމިޝަނަށް ޑީޑީ އާއި އަދީބު ހާޒިރުކޮށް ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަަމަށެވެ. ރިލްވާން ގެއްލުނު މައްސަލައިގައި ތަހުގީގަށް މިހާތަނަށް އިންސާފު ލިބިފައި ނުވަނީ އަދުލުއިންސާފުގެ ނިޒާމަށް ސިޔާސީ ނުފޫޒު ފޯރުވުމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.