ބެލްޖިއަމް

ހަޒާޑްގެ މޮޅު ކުޅުމާއެކު ބެލްޖިއަމް މޮޅުވެއްޖެ

އެޑެން ހަޒާޑްގެ މޮޅު ކުޅުމާއެކު، ބެލްޖިއަމުން ސްކޮޓްލޭންޑްގެ މައްޗަށް 3-0 މޮޅެއް ހޯދައިފި އެވެ.

ރެއާލް މެޑްރިޑަށް ދާދި ފަހުން ސޮއި ކުރި ހަޒާޑް ވަނީ، ބެލްޖިއަމުން ޖެހި ފުރަތަމަ ދަ ލަނޑުގައި ވެސް އޭނާގެ މުހިންމުކަން ހާމަ ކޮށްދީފަ އެވެ. ފުރަތަމަ ލަނޑު ޖަހަން ރޮމެޔޫ ލުކާކޫއަށް ހަޒާޑް ބޯޅަ ތަނަވަސް ކޮށްދިނީ، ބޯޅަ ބޭރުވާން ދަނިކޮށް ރޮނގުމަތިންނެވެ. ރޮނގުމަތީގައި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ހަޒާޑް ޗިޕެއް ހެން ބޯޅަ ނަގައިދިނީ ސޮކޮޓްލޭންޑްގެ ޑިފެންޑަރުންގެ ބޯ މަތިންނެވެ. އެ ބޯޅަ ލުކާކޫ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

ދެ ވަނަ ލަނޑު ލުކާކޫ ކާމިޔާބު ކުރީ، ހަޒާޑް އާއި ކެވިން ޑި ބުރޭނޭ އާ ދެ ކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން އުފެއްދި ބޯޅަ ޑި ބުރޭނޭ ސްކޮޓްލޭންޑްގެ ގޯލަށް ފޮނުވާލުމުން، އެ ޓީމުގެ ކީޕަރު ޑޭވިޑް މާޝަލް ދިފާއު ކުރުމުން ރީބައުންސްވެގެން ނިކުތް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބެލްޖިއަމްގެ ތިން ވަނަ ލަނޑު، ޑި ބުރޭނޭ ކާމިޔާބު ކުރީ، މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. ޑުރައިސް މާޓެންސް ދިން ބޯޅަ ޑި ބުރޭނޭ ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ އޭރިއާގެ ބޭރުންނެވެ.