ހަބަރު

އަދީބު ފުރަން ހުއްދަ ދިނުމުން މަޖިލީހަށް ކުއްލި މައްސަލައެއް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އަދީބު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ހުއްދަ ދިނީ އިއްޔެ އެވެ. އެކަމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މަޖިލީހުގައި ކުރިއަށްދާ ޖަލްސާއަށް މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ވަނީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވާއިރު އޭނާ ފިލައިގެން ނުދިޔަ ދިނުމަށްޓަކައި ކަރެކްޝަންސް އިން އަޅާނެ ފިޔަވަޅުތައް ސާފު ކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހަޒިރުކޮށް ސުވާލު ކުރުމަށެވެ.

އަދީބު ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަންސް އިން ދިނީ އެ ކަމަށް މެޑިކަލް ބޯޑުން ލަފާ ދިނުމުންނެވެ. އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް އޭނާ އެދިވަޑައިގަންނަވަމުން ގެންދަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.

އަދީބުގެ މައްޗަށް އުފުލި ތިން ދައުވާގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލައިގެ އިތުރުން މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް އަލުން ބެލުމަށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ، ގެއްލިފައިވާ މީހުންނާއި މަރަލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ އޭނާ ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލައިގައި އަދީބާ ވަނީ ސުވާލުކޮށްފަ އެވެ.