ހަބަރު

އަދީބު ފުރުވާލުމަކީ ސީރިއަސް މައްސަލައެއް: މެންބަރުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުން އެކަން ބަލަން ގިނަ މެންބަރުން ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ދީފަ އެވެ. އެކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި މީކާއީލް ވީދާޅުވީ ކުއްލި މައްސަލައެއްގެ ގޮތުގައި އަދީބުގެ މައްސަލަ ހުށަހެޅުއްވީ އަދީބުގެ މައްޗަށް މަރުތަކުގެ މައްސަލަތަކެއްގައި ވެސް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މަރުތަކުގެ މައްސަލަ ބަލައި ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަން ވެސް މީކާއީލް ފާހަގަ ކުރެއްވި އެވެ.

"މިހާ ކުއްލި ގޮތަކަށް ކަރެކްޝަންސް އިން ހުއްދަ ދީގެން މިއަދުން މިއަދަށް އޭނާ ފުރުވާލަން އުޅޭ މައްސަލައަކީ މި މަޖިލީހުގެ ސަމާލު ކަމަށް އަންނަ ޖެހޭ ވަރުގެ ކަމެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ދެކޭ ގޮތުގައި އަދީބު ދިވެހިރާއްޖެއިން ފުރައިގެން ގޮސްފިނަމަ އެއީ ދިވެހިރާއްޖޭގެ ދައުލަތަށް އޮތް ނުރައްކަލެއް." މީކާއީލް ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ފެންނަމުން ދަނީ ބޮޑެތި ކުށްތައް ކުރާ މީހުންނާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވޭ މީހުން މިނިވަންވާ މަންޒަރު ކަމަށާއި އިސްލާހަށް މަސައްކަތް ކުރި މީހުން މަގުމަތިވެފައިވާ ކަމަށެވެ. އަދި އަދީބުގެ މައްސަލަ ބަލައި ކޮމިޝަނާ އޮފް ޕްރިޒަންސް ހާޒިރު ކުރުމަށް އަފީފު ތާއީދު ކުރެއްްވި އެވެ.

"މިފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ ފަރާތްތައް ފިލައިގެން ނުގޮސް މި ތަނުގައި ހިފެހެއްޓުމަށްޓަކައި ކޮމިޝަނާ އޮފް ޕްރިޒަންސް ހާޒިރުކޮށް އެކަމުގައި އޭނާއަށް ކުރެވޭނެ ކަންތައް ބެލުމަކީ މި މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމެއް." އަފީފު ވިދާޅުވި އެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ އަދީބު ބޭރަށް ފޮނުވާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައަކީ އެހެން އެއްވެސް މަސައްކަތަކަށްވުރެ ބޮޑަށް ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ވީހާ ވެސް މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

"މި ކަމުގެ ހައްސާސްކަން ބޮޑު. މިއީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ މައްސަލައެއް ކަމަށް ވާތީ އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން އެތައް ދުވަހަކު އިންތިޒާރުކުރަމުން ދިޔަ، މަރާލާފައިވާ އެތައް ބައެއްގެ ތަހުގީގުތައް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށް ފެންނާތީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ." އާދަމް ޝަރީފު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ވަނީ އަދީބުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ އެއް މައްސަލައަކީ އޭނާ މީހާރު ތަމްސީލު ކުރައްވާ ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ.

މި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަން ގިނަ މެންބަރުން އަދީބު ފުރިޔަ ނުދިނުމަށް ގޮވާލައްވާފައިވާއިރު، ބައެއް މެންބަރުން ވަނީ އަދީބަށް ބޭސްފަރުވާ ހޯދުމުގެ ހައްގު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މި މައްސަލަ އައިސްފައިވަނީ އެމްޑީޕީން ވަކާލާތު ކުރި އަސާސްތަކާ ހިލާފަށް ކަމަށެވެ. ޝަހީމް ވިދާޅުވީ އަދީބު ވިޔަސް އަދި އެހެން މީހަކު ވިޔަސް ރާއްޖެއިން ބޭސްފަރުވާގެ ކަންކަން ކުރެވެން ނެތް ހާލަތްތަކުގައި ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމުގެ ހައްގު ލިބެން ވާނެ ކަމަށެވެ.

"ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވެން ނެތް ހާލަތެއްގައި ރާއްޖެއިން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދިނުން، އޭނާ ބޭސްފަރުވާ ދިނުން ރައީސުލްޖުމްހޫރިއްޔާ ހުއްޓުވާ އުސޫލު ބަދަލު ކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރު އައިސްފައި މި އޮތީ." ޝަހީމް ވިދާޅުވި އެވެ.