ވާހަކަ

ބޭނުންވަނީ ޔާރާ

(10 ޖޫން 2019 އާ ގުޅޭ)

މަންހާއަށް ބޭނުންވާ ބޭނުންވުމަކީ ހިތަށްވުރެ ހަށިގަނޑާ ގުޅިފައިވާ އެނދުންވެރި ކަމަކަށް ވެދާނެތީ ދާއިން ޖެހިލުންވެއެވެ. އަނެއްކޮޅުން ޒާރާގެ އުޅުމަށް އަންނަ ކުދި ކުދި ބަދަލުތަކުން އޭނަ ހުންނަނީ ވަރަށްވެސް އުފަލުންނެވެ. އެކަމާވެސް ގުޅިފައިވަނީ މަންހާއާއި ކަމަށްވެފައި ޒާރާއަށް ހަގީގަތް އެނގުމުން މަންހާދެކެ އިތުރަށް ލޯބިވާނެކަމަށް ދާއިން އަބަދުވެސް ހީކުރެއެވެ.

"ދާއިން......" މަންހާގެ އަޑުއިވުމުން ދާއިން އޭނައަށް ބަލާލިއެވެ. އެހިނދު އަތުން އިޝާރާތް ކޮއްލަމުން އޭނަގެ ކައިރިއަށް އައުމަށް މަންހާ އެދުނެވެ. މާގިނަ ވާހަކަތަކެއް ނުދެކެވުނު ކަމުގައި ވިޔަސް އެދެމެދުގައި ދުރުކަމެއް ނުވެއެވެ. މަންހާ އޭނަގެ އަތުގައި އޮތް ރީތި ބޮއްޔެއް ދާއިންއަށް ދައްކާލިއެވެ.

ވަގުތު ހިނގާލެއް ލަސްހެން ހީވިނަމަވެސް ރޭގަނޑުގެ ހަތެއް ޖަހަންދެން މަންހާ ދާއިން އާއިއެކު އުޅުނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ހަތެއްޖެހުމާއިއެކު ރޭގަނޑު ކެއުން ކޮޓަރިއަށް ގެނެސް ދިނުމަށް ދާއިން އެނދުނެވެ. ގޮނޑީގައި ޓީވީ ބަލަން އިން މަންހާގެ ގާތަށް ދާއިން އައެވެ. އަދި އަތްދިއްކޮލުމާއިއެކު މަންހާ އެއަތުގައި ހިފަމުން ގޮނޑިން ތެދުވިއެވެ. ދާއިން މަންހާ އަނބުރާލަމުން ކަހަލަ ގޮތަކަށް ހަމައެގޮނޑީގައި އޭނަ އިށީނދެ އޭނަގެ އުނގުގައި މަންހާ ބައިންދައިފިއެވެ. ބޮޑު ގޮނޑިއަކަށްވެފައި ދާއިންނަށް ހަމަޖެހުލުމަށް އެއްވެސް ދައްޗެއް ނުވިއެވެ. އޭނަގެ އަތުގެ ތެރޭ މަންހާ ބާއްވާލިއެވެ. ގޮނޑީގެ އަތްގަނޑުގައި މަންހާގެ ދެފައި އަޅުވާލައިގެން އޮތްއިރު އޭނަގެ ނަޒަރުވަނީ ދާއިންގެ މޫނަށް ހުއްޓިފައެވެ. މަންހާގެ ކަނދުރާ އާއި ގޮނޑީގެ އަތްގަނޑާއި ދޭތެރޭގައި ދާއިންގެ އެއްއަތް އޮތްއިރު އަނެއްއަތްވަނީ މަންހާގެ އަތުގެ އިނގިލިތަކާއި ގުޅި ލާމެހިފައެވެ. މަންހާއަށް ދާއިންގެ އެފަދަ ހަރަކާތްތައް ވަނީ ފެނިފައިކަމަށްވާތީ ދާއިން ބޭނުންވެގެން އުޅޭކަމެއް އޭނައަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހެންވެ ދާއިންއަށް ފުރުޞަތުދެމުން އެދެލޯމަރާލިއެވެ.

މަންހާގެ ހަށިގަނޑަށް ކުޑަނަމަވެސް ލޮޅުމެއް އަރައިގެންދިޔައީ އޭނަ ލާފައިވާ ޓޮޕްކޮޅުގެ ދޭތެރެއިން އެއްވެސް ހުރަހަކާއި ނުލާ ދާއިންގެ އަތްތިލަ ބަނޑުގައި ބީހިލުމުންނެވެ. ދާއިން މަންހާގެ ބަނޑު ހާމަކޮއްލުމާއިއެކު ބޮސްދިނެވެ. އެހިނދު އޭނަގެ ފަހަތުން ބޮލުގެ އިސްތަށިތަކުގެ ތެރެއަށް މަންހާގެ އިނގިލިތަށް މަހާލެވިގެން ދިޔަކަން އެނގުނެވެ. އަދި އެއަތުގައިވާ ބާރު އިޙްސާސް ކުރެވިގެންދިޔައެވެ. ދާއިން މަންހާގެ ގައިގާ ފިރުމަމުން ބޮސްދެމުން ދިޔައީ ދުވަހަކުވެސް މީހަކު އޭނަގެ ގައިގާ ބީހިފައިނުވާފަދަ ގޮތަކަށެވެ. އިސްތަށިގަނޑު ހުޅިއެއްހެން އޮޅާލާފައި ޖަހާފައި އިން ދިގު ދަޑިކޮޅުވެސް ދާއިން ނައްޓާލަމުން މަންހާގެ އިސްތަށިގަނޑު ދޫކޮއްލިއެވެ. ގޮނޑީގެ އަތްގަނޑުން ބޭރަށް މަންހާގެ އިސްތަށިގަނޑު ދޫވެ ބައެއްއިސްތަށިތައް ނަށަންފެށިއެވެ.

"މިހާރު ކާއެއްޗެހި ގެންނަން އުޅޭނެ....." މަންހާއަށް ބުނެލެވުނެވެ. އެގޮތަށް ދާއިންގެ ބީހުންތައް ކިތަންމެ ފަހަރަކު އިޙްސާސް ކުރެވިއްޖެއެވެ. އެހެންނަމަވެސް އެންމެ ބޭނުންވާ ވަގުތު ދާއިން އޭނަ އާއި ދުރަށް ދާންޖެހެއެވެ. އެހެންވާން މަންހާ ބޭނުންނުވީއެވެ. އެފަދަވަގުތެއްގައި ފަހަރެއްގައި އޭނައަށް ދާއިންގެ ހަށިގަނޑުން ދޫކޮއްނުލެވިދާނެތީ ކަންބޮޑުވެފައިވެއެވެ.

"ދޮރުގަ ޓަކި ޖެހީމަ އެނގޭނެ......ހުއްދައަކާއި ނުލާ ދޮރެއް ނުހުޅުވާނެ..........މަންހާ ކަންބޮޑުވަނީ ކޮންކަމާތަ" ދާއިން މަންހާގެ މޫނު އެއްއަތުން ހިފަހައްޓާލަމުން އަހާލިއެވެ. އޭގެ ޖަވާބެއްގެ ގޮތުގައި މަންހާ ދާއިންގެ މޫނުގެނެސް އޭނަގެ މޫނުގައި ޖައްސާލިއެވެ. މަންހާގެ ފަރާތުން އެފަދަ އިޝާރާތެއް ދާއިންއަށް މިނޫނީ ނުފެނެއެވެ. ދާއިން މަންހާގެ ފިނިފެންމަލެއްގެ ފިޔައެއްފަދަ ރީތި ދެތުންފަތުގައި ލޯބިކޮއްލިއެވެ.

ކޮޓަރީގެ ދޮރުގައި ޓަކިޖެހިއިރުވެސް މަންހާ އާއި ދާއިން ތިބީ މަސްތީ ސަމާސާ ކުރުންތަކުގެތެރެއަށް ގެއްލިފައެވެ. އެކަކުވެސް އަނެކަކާއި ދުރަށް ދާން ބޭނުންނުވެފައެވެ. އެހެންނަމަވެސް ދާއިންގެ އުނގުން މަންހާ ތެދުވުމާއިއެކު އޭނަ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ކޮޓަރީގެ އަރިމަތީގައި ހުރި މޭޒެއްގެ މަތީ ކާއެއްޗެހި އަތުރާފައި ހުރި ޓްރޭ ބެހެއްޓުމާއިއެކު އެމީހާ ނުކުމެގެން ހިނގައްޖެއެވެ. ދާއިން އާއި މަންހާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އެފަދަ ވަގުތެއްގައި މީހަކު ވަންނާތީ ކަންބޮޑުވެފައި ހުރި މަންހާއަށް ހިތްހަމަޖެހުން ލިބުނެވެ.

ދާއިން އޭނަގެ ހަށިގަނޑުގައިވާ ފަހަރަކު އަންނައުނެއް ބާލަމުން ގޮސް ފާހާނާވަނެވެ. މަންހާ ހަދަންވީ ގޮތެއް ނޭގިގައި ކޮޓަރީގެ މެދުގައި ފާހާނާއަށް ބަލަން ހުއްޓެވެ. ފާހާނާގެ ފެންމާގަނޑު ދޫވި އަޑުއިވި، ކުޑަހިނދުކޮޅެއްގެ ތެރޭ ދާއިން މަންހާއަށް ގޮވާލިއަޑުއިވުނެވެ. އަވަސް ފިޔަވަޅުގައި ގޮސް ފާހާނާއަށް ވަތް މަންހާއަށް ތެމެމުންދިޔަ ދާއިން ފެނި ކުއްލިއަކަށް އަނެއްފަރާތަށް އެނބުރެވުނެވެ.

"ކީއްވެތަ ތިހާ ލަދުގަންނަނީ.........ތީ މަގޭ އަންބަކަށްވާއިރު އަހަރެން މީ މަންހާގެ ފިރިމީހާއެއްނު......މިކޮޅަށް އެނބުރިލަ ބަލަ" ތެމިފައިހުރި ދާއިން އައިސް މަންހާގެ ފުރަގަހުން އޭނަގެ ކަންފަތްކައިރީ މަޑުމަޑުން ބުނެލިއެވެ. މަންހާއަށް ލަދުންގޮސް ދެއަތުގެ ތެރޭ މޫނުފޮރުވާލެވުމާއިއެކު ދެފަރާތަށް ބޯހޫރުވާލީ ނުކެރޭނެއޭ ބުނާފަދަ ގޮތަކަށެވެ. ދާއިންގެ ލުއި ލުއި މަސްތީ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އޭނަ މަންހާގެ އިސްތަށިގަނޑުއެއްފަރާތްކޮއްލުމަށްފަހު އެދޮންކަނދުރާގައި ބޮސްދިނެވެ. ދާއިންގެ ހަށިގަނޑުގެ ފިނިކަން މަންހާއަށް އިޙްސާސް ކުރެވުނު ހިނދު ކުރިއަށްވުރެވެސް ބޮޑަށް ދެލޯމަރާ ބާރުކޮއްލެވުނެވެ. ދާއިން މަންހާ އޭނައާއި ދިމާލަށް އަނބުރާލިއެވެ. އަދި އަނެއްކާވެސް ހީލިއެވެ. މިފަހަރު އެހީލުން ދިގުދެމިގެން ދިޔައެވެ.

"މަންހާ.........އަހަރެންގެ މޫނަށް ބަލާލަބަލަ.........ޕްލީޒް.........." ދާއިންގެ އެހިތްގައިމު ފިރިހެންވަންތަ އަޑުގައި ހަރުލާފައިވި އާދަޔާއި ހިލާފު މަސްތުކަން މަންހާއަށް އިޙްސާސް ކުރެވުނެވެ. މަޑުމަޑުން ދެއަތްތިލަ ދުރުކޮއްލަމުން މަންހާ ދާއިންއަށް ބަލާލިއެވެ.

"ޔޫ ލުކް ބިއުޓިފުލް......." ދާއިން މަންހާ ގެނެސް އެހަށިގަނޑާއި ޖައްސާ ބާރުކޮއްލަމުން ބުނެލިއެވެ. އެހިނދު ދާއިންގެ މޭގައި މޫނު ފޮރުވާލިއެވެ. މަޑުމަޑުން ފަހަތަށް ދިޔަ ދާއިން އާއިއެކު މަންހާވެސް ހިނގަމުންދިޔައެވެ. ފެންމާގަނޑުން އޮހިގަތް ފެންތިކިތަށް މަންހާގެ ހަންއޮމާން ދޮން ހަށިގަނޑުގައި ޖެހުމާއިއެކު އަދިވަކިން ބޮޑަށް ދާއިންގެ ގައިގާ އޮޅުލައިގަތެވެ. ދާއިންގެ ލޯބިކުރުންތަކާއި ހިތްއަވަސްކުރުވާ ބީހުންތަކުން މަންހާއަށް ހީވީ މުޅިން އެހެން ދުނިޔެއެއްގައި އުޅެވޭހެންނެވެ.

ދާއިންގެ އަތުގެތެރެއަށް ލައިގެން ގެނެސް އެނދުގައި ބާއްވާލި ގޮތް ދުވަހަކުވެސް މަންހާގެ ހަނދާނަކުން ނުފިލާނެކަން ގައިމެވެ. ދެހަށިގަނޑުގައި ހުޅުނުފަޅާ އަލިފާނެއް ރޯވެގެންދިޔައެވެ. މަންހާގެ ދުލުން ދާއިން ދެކެ ލޯބިވާކަން ހާމަ ކުރީ ކިތަށް ސަތޭކެ ފަހަރަކު ކަމެއް ނޭގެއެވެ. އެހެންނަމަވެސް އޭގެ ޖަވާބުގައި ދާއިންގެ ދުލުން ނުކުތީ މަންހާގެ ނަމެވެ. މުޅި ކޮޓަރިއަށްވެސްވަނީ ދިލަ އާތްވަކާއި މަސްތުކަމެއް ވެރިވެފައެވެ. މާނޭވާލަމުން ދިޔަ ދާއިންގެ އަތްމަތީގައި މަންހާ އޮތެވެ. އަވަސް އަވަހަށް ފައިކޮޅުގައި އޮތް ބެޑްޝީޓުގެ އެހީގައި ހަށިގަނޑު ނިވާކޮއްލި މަންހާ ދާއިންއަށް ބަލާލިއެވެ. ދާއިންގެ ދެލޯވަނީ މެރިފައެވެ. އެހެންނަމަވެސް މުޅި ރޭވޭތުވެގެން ދިޔައީ އެފަދަ ހާލެއްގައެވެ. ނޭވާ ހިނދެން ގާތްވުމާއިއެކު ހަމަނޭވާލާން ފުރުޞަތުދެމުންނެވެ. ވަރުބަލިކަމެއްނެތިއެވެ. މަންހާ އާއި ދާއިން ހޯދަމުންދިޔަ އަރާމާއި އުފަލަށް ނިމުމެއްނުވާކަހަލައެވެ.

ފަތިހު ހަތަރެއް ޖަހާލާކަން ހާއިރެވެ. ކުޑަކޮށް ނިދިފައި ހޭލެވުނު މަންހާ ދާއިންއަށް ބަލާލިއެވެ. ނިދިފައި އޮތްއިރުވެސް އެމޫނުގައިވަނީ ލުއި ހިނިތުންވުމެކެވެ. މަންހާގެ ހިތަށް ހަމަޖެހުން އެހިނިތުންވުން ގެނުވިއެވެ. ދާއިންގެ ހިތްހަމަޖައްސާދެވުނު ކަމުގެ އިޙްސާސް އޭނައަށް ކުރެވިގެންދިޔައެވެ. މަޑުމަޑުން ދާއިންގެ މޫނާ ގާތްވެލާފައި އެތުންފަތުގައި ބޮސްދިނެވެ. އަދި ދާއިންގެ އަތުގެ ތެރެއިން މަޑުމަޑުން ތެދުވިއެވެ. މަންހާ ސިއްރު ފިޔަވަޅުތަކެއް އަޅަމުންގޮސް ފާހާނާއަށްވަނެވެ. ފާހާނާގެ ލޯގަނޑުން އޭނަގެ މޫނު ބަލާލިއެވެ. އަދި ދެކޯތާފަތާއި ތުންފަތުގައި އަތްލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ބިލިނގާއަށް އެރި އިސްކުރު ދޫކޮއްލިއެވެ. އަދި ބިލިނގާގައި ހަށިގަނޑު ދަމާލަމުން ކަނދުރާ ޖައްސާލައިގެން މައްޗަށް ނަޒަރު ހުއްޓާލައިގެން މަންހާ އޮތެވެ. އޭނަ ވިސްނަމުންދިޔައީ ދާއިން އާއި އެދެމެދުގައި ހިނގާދިޔަ ކަންތައްތަކާއިމެދުއެވެ.

"އައި ރިއަލީ ލަވް ޔޫ............އައި ލަވް ޔޫ ދާން..........." ވައިއަޑުން މަންހާއަށް ބުނެލެވުނެވެ. ވިސްނި ވަރަކަށް މަންހާގެ ދެލޯ ފެންކަޅިވިއެވެ. އޭނަ ދެރަވަނީއެވެ. އަމިއްލަ ހިތުގެ މައްޗަށް ބާރުނުފޯރުވުނެވެ. މައްޗަށް ބަލަހައްޓައިގެން އޮތް މަންހާގެ ދެލޮލަށް ކަރުނަޖަމާވާންފެށިއެވެ. އަދި އެއްވެސް ހިފެހެއްޓުމެއްނެތި އޭނަގެދެލޮލަށް ޖަމާވި ކަރުނަތައް ފައިބައިގަތެވެ. މަންހާ ނުރޯން މަސައްކަތް ކުރިއެވެ. މަންހާއަށް ހީވީ އެދެމެދުގައި ހިނގާ ދިޔަ ކަންތައްތަކުގެ ތެރެއިން އެއްފަހަރު ނަމަވެސް ދާއިންގެ ދުލުން ލޯބިވެޔޭ ބުނާނެކަމަށެވެ. މާބޮޑަށް އެކަމަށް އެދެވުނީއެވެ. ހިތަށްވީތަދުން މަންހާއަށް މޭގައި އަތްޖައްސާލެވުނެވެ. އަދި އެއްފަރާތަކަށް އެނބުރި ބިލިގާގައި އަޅުވާލިއަތުގެ ތެރޭ މޫނު ފޮރުވާލަމުން ގިސްލާފައި ރޮމުންދިޔައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ދޫވަމުންދިޔައެވެ.

"ޝްޝްޝް........މަންހާ..........ކީއްވެތަ ތި ރޮނީ......ބަލަ މީނދަ މޮޔަކުއްޖާ..........ތިހާ ހިތްވަރު ދެރަވެގެން ކިހިނެއް ދާން ކަހަލަ މީހެއްގެ ހިތް ހޯދޭނީ، ކައިވެނި ކުރިއިރުވެސް އެނގެއެއްނު ދާން ލޯބިވަނީ ޒާރާ ދެކެކަން، އެހުރިހާ ކަމަކާ ކުރިމަތިލެވޭނެހާ ހިތްވަރު މިހާރު ކޮބާ.........ރޯނެ ކަމެއްނެތް........ދާއިންއަށް މަންހާ ތިގޮތަށް ރޯތަން ފެނިއްޖެނަމަ ސުވާލު ކުރާނެ، އޭނަ ދެރަވެސް ވާނެ، އެއީ މަންހާ ބޭނުންވާގޮތްތައް........ދާންގެ ހިތް ފަތަހަ ކުރެވޭނީ ވަރަށް ހިތްވަރުގަދަ އަންހެނަކަށް......މިކަހަލަ އެންމެ ރެއަކުން ދާންގެ ހިތާ ހަމައަށް ވާޞިލެއް ނުވެވޭނެ........އަވަހަށް ހުއްޓާލާ..........." މަންހާގެ ޒަމީރުގެ އަޑުމުޅިހަށިގަނޑަށް އިޙްސާސް ކުރެވިގެންދިޔައެވެ. ރޮމުން ރޮމުން ބޯޖަހާލަމުން އޭނަގެ އަމިއްލަ ޒަމީރާއި އެއްބަސްވިއެވެ. އަދި ދެލޯފޮހެލިއެވެ. އޭރު ބިލިނގާ ފުރިގެން ގޮސް ފެންތައް ބޭރަށް އެޅެމުންދިޔައެވެ. އަވަސް އަވަހަށް އިސްކުރު ބަންދުކޮއްލިއެވެ. އަދި ނުރޯން އަޒުމު ކަނޑައަޅައި އަނެއްކާވެސް ހަށިގަނޑު ދަމާލަމުން ނިތުގައި އަތްބާއްވާލިއެވެ. މަޑުރިހުމެއް ހަށިގަނޑުގައި އެކުލެވިފައިވިއެއް ކަމަކު ތަޙައްމަލުނުކުރެވޭވަރެއް ނުވެއެވެ. މަޑުމަޑުން ދެލޯ މަރާލަމުން ފުންނޭވާއެއް މަންހާ ބޭރުކޮއްލިއެވެ. ފެންގަނޑުގެ ފިނިކަމުން ހަށިގަނޑަށް އަރާމުލިއްބައިދިނެވެ.

"މަންހާ.......ކިހިނެއްވެފަ ތިއޮތީ، އަރ ޔޫ އޯކޭ............." ފާހާނާގެ ތެރެއިން ކަންބޮޑުވެފައިވާ ދާއިންގެ އަޑުއިވުނެވެ. ނިތުން އަތްހިއްލާލަމުން މަންހާ ދާއިންއަށް ބަލާލާފައި ހިނިތުންވެލިއެވެ.

"އަދި ނުނިދަންތަ؟ ލޯ ހާދަ ރަތޭ..........މިހާ ފަތިހާ ފިންޏެއްވެސް ނުވޭތަ" އުނުގައި ހުދު ތުވާއްޔެއް އޮޅާލައިގެން ހުރި ދާއިން މަންހާގެ ގާތަށް އައެވެ.

ބިލިނގާގެ ކައިރީ ކުޑަކަކޫ ޖަހާލި ދާއިން މަންހާގެ ބޮލުގައި ފިރުމާލިއެވެ. އޭނަގެ ހިތުގައި މަންހާއަށް ދެވުނު މަގާމު ކުރިއަށްވުރެ މަތިވެރިވެގެން ހިނގައްޖެއެވެ. މަންހާގެ ކޮނޑުގައި ފިރުމާލި ދާއިންގެ އަތްތިލަ ބިލިނގާގެ ފެންގަނޑުގެ ތެރޭގައި އޮތް މަންހާގެ އަތްތިލާގައި ހިފާލިއެވެ. އެހަށިގަނޑުގެ ތޯހިރުކަމާއި ތާޒާކަމުގެ މީރު ރަހަ ލިބިގަތް މީހަކީ ހުދު ދާއިންކަމުގައި ވީތީ އޭނަގެ ހިތްވަނީ އުފަލުންނެވެ. އެފަދަ ނަސީބެއް އޭނައަށް މިންވަރުކުރެއްވީތީ އެކަމާ ޝުކުރުވެރިވާ ހާލުގައެވެ.

"ހިނގާ ދަމާ....އެހެންނޫނީ މާބޮޑަށް ފިނިވެދާނެ" ދާއިން މަންހާގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ. އަދި ފާހާނާގައި ހުރި ކަބަޑުން ތުވާއްޔެއް ނަގާ އަތުގެތެރޭ ފަތުރާލަމުން މަންހާ އާއި ދިމާލަށް އެނބުރިލިއެވެ. މަޑުމަޑުން ބިލިނގާގެ ތެރެއިން ފޭބި މަންހާގެ ގައިގާ ދާއިން ތުވާލި އޮޅާލިއެވެ.

"އޫ......ހާދަ ފިންޏޭ........." ދާއިންގެ ގައިގާ މަންހާގެ އިސްތަށިގަނޑު ހޭކިލުމުން ބުނެލިއެވެ. އަދި ވަގުތުން ދުރަށް ޖެހިލެވުނެވެ. ދާއިންގެ އެހަރަކާތުން މަންހާއަށް ހެވުނެވެ. އިސްތަށިގަނޑުގައި ހިފާ އެއްފަރާތްކޮއްލަމުން ފެންތައް ފޮޅާލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މަންހާގެ ހިތަށް ލިބުނު ހިތްދަތިކަން ފިލާ ހިތަށް ހަމަޖެހުން ލިބިފައިވެއެވެ. ދާއިން ފެނުމުންވެސް އޭނައަށް ބުނެދެން ނޭގޭ އުފާވެރިކަމެއް އިޙްސާސް ކުރެވިގެންދެއެވެ. ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވެއެވެ. ދާއިންގެ އުފާވެރިކަމާއި އެހިތުގެ ހިތްހަމަޖެހުން ކަމުގައި މަންހާވުމަށް އިންތިހާއަށް އެދެވެއެވެ.

ރިސޯޓުގައި ހަފްތާއެއް ވޭތުކޮއްފައި މާލެ އައިއިރު މަންހާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަށް ކަމުގައި އެދުވަސްތައް ވެގެން ދިޔައެވެ. ހަނދާނުގައި ދުވަހަކުވެސް ނުފިލާނޭގޮތަށް ފޮރުވާލެވިފައިވިއެވެ. ހަމައެފަދައިން އެތަށް އަހަރަކަށްފަހު ދާއިންވެސް ހުރީ ވަރަށް ހިތްހަމަޖެހިލާފައެވެ. އެހެންނަމަވެސް ގެއަށް އައިސް އޭނަގެ އެޕާރޓްމެންޓަށް ވަނުމާއިއެކު މަންހާގެ އުނަގަނޑުން ދާއިންގެ އަތްދޫވެއްޖެއެވެ. އަދި ސޯފާގައި އިން ޒާރާ ދުވެފައި އައިސް ދާއިންގެ ގައިގާ އޮޅުލައިގަނެ ޝަކުވާ ކުރަންފެށިއެވެ. އޭނަ އާއި ދުރުގާ އެހާ ގިނަދުވަހު އުޅުނީމައެވެ. ގޭގައި ގެންގުޅޭ ބޭރު އަންހެން މީހާކަމުގައިވާ ސޯފިއާ އާއި ވާހަކަދައްކަން ހުރި މޫމިނާގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މެންދުރުގެ ވަގުތަށްވުމާއިއެކު ކާން ގޮވިއެވެ. މޫމިނާއަށް މަންހާގެ މޫނުމަތިން ފެންނަން ބޭނުންވިފަދަ އެތަށް ކުލަވަރެއް ފެނިގެންދިޔައެވެ. އޭނަގެ ދަރިފުޅާއި މަންހާ އާއި ދެމެދުވާ ގުޅުން ގާތްވެއްޖެކަން އޭނައަށް ނަގައިގަނެވުނެވެ. އަދި ސޯފިއާ ކައިރީ އާމޯސް އަށް ގޮވާލާފައި މަންހާގެ ދަބަހާއި ދާއިންގެ ދަބަސް މަންހާއަށް ހާއްޞަ ކުރެވިފައިވާ އެޕާރޓްމެންޓަށް ގެންދިއުމަށް ބުންޏެވެ.

"ދަރިފުޅުމެން ނެތީމަ ހާދަ ފަޅުވިއޭ ގޭތެރެ، ޒާރާ އަބަދު ދައްކަނީ ކޮންއިރަކުން ހޯ ދާއިން މަންހާ ގޮވައިގެން އަންނާނީ........އޭނަވެސް އުޅުނީ ވަރަށް ފޫހިވެގެން........ކީއްވެތަ އަންގާވެސް ނުލާ ތިއައީ، އެހެންނޫންނަމައެއްނު ދަރިފުޅުމެންނަށް ޙާއްޞަ ކާއެއްޗެއްވެސް ތައްޔާރު ކުރާނީ" މޫމިނާ ހުރިހާ ކަމެއް ހުއްޓާލާފައި ދާއިން އާއި މަންހާއަށް ސަމާލުކަން ދިނެވެ.

"މަންމާ، މިހެން ކުއްލިއަކަށް ފެނުމުން މާ އުފާވާނެ، އެހެންވެ ބުނެވެސް ނުލާ މިއައީ، ޙާއްޞަ ކާއެއްޗެއް ނުހެދިޔަސް އެންމެ ރަނގަޅޭ، ކޮންމެ އެއްޗެއްވެސް ކަމުދާނެ ދޯ މަންހާ" މަންހާއަށް ބަލާލަމުން ދާއިން ބުނެލިއެވެ. އަދި ޒާރާ ދައްކަމުންދިޔަ ވާހަކަތަކަށް ޖަވާބު ދެމުން އޭނަ ގޮވައިގެން ގޮސް ކޮޓަރިއަށް ދާއިން ވަނެވެ. މަންހާ މޫމިނާ އާއި އެކިއެކި ވާހަކަދެއްކިއެވެ. މިއަދު އޭނަގެ މަންމަ މަތިން ވަރަށް ހަނދާންވެއެވެ. އެހެންނަމަވެސް އެމަންމަ މަންހާގެ މަތިންވަނީ ހަނދާންނައްތާލާފައެވެ. އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. ވީއިރު ދެކިލަން އައުމަކީ އަދި މާދުރުގައިވާ ކަމެއްކަން އޭނައަށް އެނގެއެވެ.

އަސުރު ނަމާދަށް ކޮޓަރިއަށް ވަތް މަންހާ ނަމާދުކޮއްނިމިގެން އޭނަގެ އެޕާރޓްމެންޓުގައި މަޑުކޮއްލައިގެން އިނެވެ. ދާއިންގެ ޚަބަރެއް ނުވިއެއް ކަމަކު މަންހާ ކަންބޮޑެއްނުވެއެވެ. ލޯގަނޑު ކުރިމަތީ އިށީނދެ ރީތިކޮށް އިސްތަށިގަނޑު އޮމާންކޮއްލިއެވެ. އަދި ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. މަންހާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު އޭނަ އެވަތްގަނޑުގައި އޮތް ބޮޑު ސިޓީއުރަނެގިއެވެ. މަޑުމަޑުން ސިޓީއުރައިގެ ތެރޭގައި އޮތް ސެޓްފިކެޓްނަގާ އެއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެއީ މަންހާ އާއި ދާއިންގެ ކައިވެނީގެ ސެޓްފިކެޓެވެ. މަންހާގެ ފޮޓޯގެ ކައިރީ ދާއިންގެ ފޮޓޯ ފެނުމުން އެފޮޓޯގައި ލޯތްބާއިއެކު ފިރުމާލިއެވެ. އެދެމެދުގައި ހުރި އުމުރުގެ ފަރަގަށް މަންހާ ބަލާލިއެވެ. މަންހާގެ އުމުރުން ތޭވީސް އަހަރުވެފައިވާއިރު ދާއިންގެ އުމުރުން ތިރީސްނުވަ އަހަރުވެއްޖެއެވެ. ދެމީހުންގެ މެދުގައި ސޯޅަ އަހަރުގެ ތަފާތުކަން އެބަހުއްޓެވެ. އެހެންނަމަވެސް މަންހާއަށް އުމުރު މުހިއްމު ނުވިއިރު ދާއިންއަށްވެސް އުމުރަކީ މުހިއްމު އެއްޗެއް ކަމުގައި ނުވިއެވެ. އެދެމެދުގައިވާ ގާތްކަމާއި މަންހާގެ ހިތުގައިވާ ބަދަލުވުމެއްނެއް ލޯބި އެދެމެދުގައިވި އުމުރުގެ ތަފާތުކަން ފޮރުވާލާފައިވާކަހަލައެވެ. ލުއި ހީލުމަކުން މަންހާ ހީލިއަޑު އިވިގެންދިޔައެވެ. އޭނަގެ ސިކުނޑި ދާއިންގެ އެކިއެކި ލޯބިވެތި ހަރަކާތްތައް ހަނދާންކޮއްދީ އެލޮލުގެ ކުރިމަތީ ސިފަކުރުވަމުންދަނީއެވެ. އެގޮތަށް ކައިވެނީގެ ސެޓްފިކެޓަށް ގެއްލިފައި އެތަށް އިރެއްވަންދެން އިނެވެ. އެޕާރޓްމެންޓުގެ ބެލްޖެހިއަޑުއިވުނީވެސް މަންހާ އެހެންއިންދައެވެ. އަވަސް އަވަހަށް ކުރިން އޮތްގޮތަށް ސިޓީއުރަ ޑްރެސިންގް ޓޭބަލްގެ ވަތްގަނޑަށް ލާފައި ކޮޓަރިން ނުކުންނަން ވާއިރަށް އެޕާރޓްމެންޓުގެ ދޮރުގެ ތަޅުގައި ހިފާއަޑުއިވި އެއީ ކާކުކަން މަންހާއަށް އެނގުނެވެ. ހިނިއައިސްފައި އަވަހަށްގޮސް ދޮރުހުޅުވިއިރު ހުރީ ޒާރާއެވެ. ވަންގޮތަށްވަދެ އޭނަގެ އަމިއްލަ ވާހަކަތައް ފެއްޓިއެވެ.

ދާއިން ޕޯސްޓް ފޮށި ބަލާލިއިރު މިފަހަރުވެސް ސިޓީތައް ލިބިފައި އެބަހުއްޓެވެ. އޭންޖެލްގެ ނަމުގައި ސިޓީ ލިޔަމުން ދިޔައީ މަންހާކަމުގައި ކުރިން ހީކުރެވުނު ނަމަވެސް އެކަންވެސް މަޑުމަޑުން ބަދަލުވެއްޖެއެވެ. މަންހާގެ ފަރާތުން ޝައްކެއްވާފަދަ އެއްވެސް ކަމެއް ދާއިންއަށް ފާހަގައެއް ނުކުރެވުނެވެ. އަދިވެސް ދާއިންއަށް ސިޓީ ކިޔަން ފެށުމުގެ ކުރިންނާއި އަދި ކިޔާނިމިގެން ކަރުދާހުގައި ވަސްގަނެލެވެއެވެ. ދުވާމީރުވަހަށް ބަދަލެއް ނާދެއެވެ. އެތަކެއް އަހަރު ވޭތުވެގެން ދިޔައިރުވެސް އެވަހަށް ބަދަލެއް ނައިތާ ސިޓީގައިވާ ބަސްމޮށުންތެރިކަމަށްވެސް ބަދަލެއް ނާދެއެވެ. ލޯބިވުމުގައި އެފަދަ މިސާލެއް ނުވާފަދައެވެ. ކިތަންމެ ފުރިހަމަ ކަމުގައިވިޔަސް އެއީ ކޮންތާކު އުޅޭ ކާކުކަމެއް އަދިވެސް ދާއިންއަކަށް ނޭގެއެވެ. އެތަށް އަހަރަކަށްފަހުވެސް އެމީހަކު ދާއިން އާއި ބައްދަލު ކުރާކަހަލަގެ ހިޔާލެއް އަދިވެސް ނުކުރެއެވެ. މިހާރު ސިޓީތައް އަޅަން ގެންގުޅުނު ކަރުދާސް ފޮށި ފުރި އިތުރު ފޮއްޓަކަށް ސިޓީތައް އަޅަންޖެހިފައިވެއެވެ. ނަމަވެސް އެތަނުން އެންމެ ސިޓީއެއްވެސް އެއްލާލާ ކަހަލަ ހިޔާލެއް ދާއިން ނުކުރެއެވެ. އެއަށްވުރެ އޭނައަށް އެސިޓީތައް ޚާއްޞަވެފައިވެއެވެ.

އަލީޝާގެ ފޯންކޯލާއި އެކު މަންހާ ވަކިން ބޮޑަށް އުފާވިއެވެ. ހަވީރުގެ ވަގުތަށްވެފައި އޭނަގެ ދެރަޙުމަތްތެރިން ކަމުގައިވާ އަމާނީ އާއި އަލީޝާ އެގެއަށް ފުރަތަމަ ފަހަރަށް އަންނަން ބޭނުންވެގެން ހުއްދައަކަށް އެހިއެވެ. މަންހާ އާއެކޭ ބުނެލީ ވިސްނާލުމެއްވެސް ނެތިއެވެ. އެހެނީ އޭނަހުރީ އެކުވެރިންނާއި ބައްދަލުކޮއްލާހިތުން ކެތްތެރިކަން ކުޑަވެފައެވެ. މަންހާ ފޯނުން ވާހަކަދެއްކީ ކާކާތޯ ޒާރާ ސުވާލުކުރިއެވެ. މަންހާ އޭނަގެ ރަޙުމަތްތެރިންގެ ވާހަކަ ޒާރާއަށް ކިޔާދިނެވެ.

ގޭތެރޭގައި މަންހާގެ ކައިވެންޏަށްފަހު ފުންމިން ނޭގޭ ހަމަހިމޭންކަމެއްވަނީ ވެރިވެފައެވެ. ވަސީމާ އާދައިގެ މަތިން އޭނަގެ މަސައްކަތްތަކުގައި އުޅެއެވެ. އެހީތެރިވެދޭން ޅީދަރިފުޅު ޖޫން އުޅެއެވެ. ޝިމާދު އާއި ޝަރަފްގެ އިތުރުން ސަޢީދުވެސް އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށްދިޔައެވެ. އެހެންނަމަވެސް އެކަކަށްވެސް ވަސީމާގެ ކައިރިން ކުރިއެއް ނުލިބުނެވެ. މަންހާ އާއިމެދު ވަސީމާގެ ހިތެއް ރުއްސޭގޮތެއް ނުވިއެވެ. އަދިވެސް ބުނަމުންދަނީ އޭނަގެ މަންހާ ކިޔާ ދަރިއަކު ނުހުންނާނެ ކަމުގައެވެ. ވީއިރު ހާލުބަލާކަށްވެސް ނުޖެހޭނެ ކަމުގައެވެ.

ޝަރަފް އާއި ޖެނީގެ ގުޅުން ކުރިއަށްދިޔައިރު އެގުޅުމުގެ ކަންތައްތައް މައިންބަފައިންނާއި ހަމައަށް ގެންދިއުމަށް ދެމީހުންވެސް ވަނީ ޖެހިލުންވެފައެވެ. ވިޝާލް އާއި މަންހާގެ ގުޅުން ކެނޑިގެން ދިޔަގޮތާއި ދޭތެރޭ ދެއާއިލާގެ ތެރޭގައިވެސް ހިތްހަމަ ނުޖެހުމެއް ވާކަން އެނގޭތީ އާއިއެކުވެސް މެއެވެ.

ހަޔާތުގެ ސޮފުހާތަށް އުކެމުން މާޒީއަށްވަމުންދިޔައެވެ. ދާއިން އާއި މަންހާގެ ގުޅުމަށް އެއްއަހަރުވެގެންދިޔައިރު އަދިވެސް ކޮންމެވެސް ވަރެއްގެ ދުރުކަމެއް އެދެމެދުގައިވެއެވެ. ދާއިން ޒާރާދެކެ ވާފަދަ ލޯއްބެއް ވާނެ ދުވަހަކަށް މަންހާ އިންތިޒާރު ކުރަމުންދިޔައެވެ. ދާއިންގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮއްދެމުން މަންހާ ދިޔައީ ގޭގައި ހުރެގެންނެވެ. ދާއިން އާއިއެކު އޮފީހަށް ނުކުތުމުގެ ބަދަލުގައި ދާއިންގެ ބޮޑެތި ޕްރޮޖެކްޓުތަކުގައި މަންހާގެ ކުޅަދާނަކަން ފެންނަމުންދިޔައެވެ. މަސައްކަތުގެ ބަހަނާގައި ދާއިން މަންހާގެ ގާތުގައި ގިނަ ރޭތަށް ހޭދަކުރަމުންދިޔައެވެ.

ޝިމާދު އާއި ޖޫންގެ ފުރަތަމަ ދަރިފުޅު އުފަންވީ ދާއިންގެ އުފަންދުވަހުގައެވެ. މަންހާއަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދަތިވިއެވެ. ވިޝާލްއަށް އާދޭސް ކުރުމާއިއެކު މަދުމަދުން މަންހާއަށް ގޮވާލަން އޭނަގެ ގާތަށް އަންނަންފެށިއެވެ. ގޭތެރޭގެ ކަންތައް ތަފްޞީލުކޮށް އޮޅުން ފިލަނީ ޖެނީ ނޫނީ ވިޝާލް އަންނަ ދުވަހެއްގައެވެ. އަނެއްކޮޅުން ދޮންބެ ޝިމާދުގެ އުފަލުގައި ބައިވެރިވުމަށް ގެއަށް ނުދެވުމުން އެކަމާ ހިތާމަ ފާޅުކުރިއެވެ. ވަސީމާވަނީ މަންހާ އެގެއަށް ވަނުން މަނާކޮއްފައެވެ. އޭނަ ދާއިން އާއި ކައިވެނިކުރީ ދުވަހަކުވެސް އެނބުރި އެގެއަށް ނުދާނެކަމަށެވެ. ޝިމާދުއަށް ލިބުނު އަންހެން ދަރިފުޅުގެ އުފަލުގައި ބައިވެރިވެ މަރުޙަބާކިޔަން ޖެހުނީ ފޯނުންނެވެ. އެހެންނަމަވެސް ވިޝާލްގެ އަތަށް ދީފައި މަންހާ އޭނަގެ ދޮންބެ އާއި ދައްތައެއްހާ ހެޔޮ ފަހަރިއަށް ހަދިޔާ ފޮނުވިއެވެ. އޭނަ އާއި ދާއިންގެ ފަރާތުންނެވެ.

ދެން މަންހާއަށް ކުއްލި ސިހުމެއް ގެނުވި ޚަބަރަކަށްވީ ގާތް ރަޙުމަތްތެރި އަލީޝާ އާއި ކާއިލްގެ ގުޅުމުގެ ޚަބަރެވެ. ދެމީހުން ރައްޓެހިވެގެން އުޅޭތާ ހަމަސްވީކަމެވެ. ކާއިލްގެ ދިރިއުޅުން ބަދަލުވެފައިވާކަމެވެ. ހުދު ކާއިލް އަލީޝާ އާއި ކައިވެނީގެ މަތިވެރި ގުޅުމުން ގުޅެން ބޭނުންވާ ކަމެވެ. މަންހާ އުފަލުންގޮސް އުއްދުއްސައިނުގަތީ ކިރިއާއެވެ. އެޚަބަރު ދާއިންއަށްވެސް ދިނެވެ. އޭނަގެ އެންމެ ފުރަތަމަ ކަމަކަށްވެސްވީ ކާއިލްއަށް ނަސޭޙަތްތެރިވުމެވެ. ދެންހުރި ގާތް ރަޙުމަތްތެރިއާ އަމާނީ ޑޮކްޓަރުކަން ކިޔަވަން ފުރައިފިއެވެ. މައިންބަފައިން ފަޙުރުވެރިވާނޭފަދަ ދަރިއަކަށްވުމަށް އޭނަ ވަރަށް މަސައްކަތްކުރެއެވެ. އަމާނީއަކީ މަންހާގެ ހިޔާލާ އުޅުމާ އެންމެ އެއްގޮތް ރަޙުމަތްތެރިއާއެވެ. އެފަދަ ރަޙުމަތްތެރިއަކާއި ދުވަސްކޮޅަކަށްވެސް ދުރުވާންޖެހުމުން މަންހާ ކަންބޮޑުވެފައިވެއެވެ. ނަމަވެސް ހިތުގައި އެކުވެރިއާއަށްޓަކައި ކުރިއެރުމާއިއެކު ހެޔޮދުޢާވިއެވެ.

ހެނދުނުގެ ނާސްތާކޮއްގެން ތެދުވި މަންހާ ކުއްލިއަކަށް އަރިއަޅާލައިގެން ވެއްޓެންދިޔައެވެ. އެވަގުތު މޭޒުގެ އަނެއްފަރާތުގައި އިން މޫމިނާއަށް ތެދުވެވުނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. މޭޒުގެ ކޮޅުގައި އިން ދާއިން ހަލުވިކަމާއިއެކު އެއްލިއަތުން މަންހާގެ އަތުގައި ހިފުނެއެވެ. އެއާއިއެކު އޭނަގެ އަތުގެތެރެއަށް ކުއްލިއެއްޖެހުމާއިއެކު މަންހާގެނެސް ހިފަހައްޓާލިއެވެ.

"މަގޭދަރި.....ކިރިޔާއެއްނު ނުވެއްޓުނީ......." މޫމިނާ ދާއިންގެ ގާތަށް ޖެހިލަމުން ބުނެލިއެވެ.

"މަންހާ....މަންހާ....ލޯހުޅުވާލަބަލަ، ކިހިނެއްތަވީ" ދާއިންގެ އަތުގެތެރޭގައި އޮތް މަންހާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ގޮވާލިއެވެ. ދާއިންގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނުނެވެ. މަންހާ ކުޑަކުޑަކޮށް ލޯހުޅުވާލާފަވެސް ދެލޯމަރާލުމާއިއެކު ދާއިންގެ އަތުގެތެރެއަށް ދެމުނެވެ. އަތްދަނޑިމައްޗަށް މަންހާ އުފުލާލަމުން ދާއިން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

(ނުނިމޭ)