ހަބަރު

9 ރަށެއްގެ ފެނާ ނަރުދަމާ އަޅަން އިންޑިޔާ ބަޔަކާއެކު ތިން ޕާޓީއަކަށް

ނުވަ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން އިންޑިއާ ކުންފުޏެއް ހިމެނޭ ގޮތަށް ތިން ޕާޓީއަކަށް ދީފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ބާއްވައި މި ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މުޅި ޕްރޮޖެކްޓްތަކުގައި ހިމެނޭ ރަށްތަކަކީ ބ. ހިތާދޫ އާއި ރ. ވާދޫ އާއި ރަސްގެތީމާއި ށ. ފޯކައިދޫ އާއި އެ އަތޮޅު މަރޮއްޓާއި ކަނޑިތީމާއި ކޮމަންޑޫ އާއި ތ. ވަންދޫ، ކަނޑޫދޫ އެވެ. މި ނުވަ ރަށުގައި ފެނާއި ނަރުދަމާގެ ގާއިމް ކުރަން ދީފައި ދެ އަހަރު ދުވަހުގެ މުއްދަތެވެ.

މީގެ ތެރެއިން ހިތާދޫ އާއި ރަސްގެތީމާއި ފޯކައިދޫ އާއި ކަނޑިތީމާއި ވަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޗެންނާއީ އަށް ނިސްބަތްވާ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ.

ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަށް ހަދަން 40 މިލިއަން ޑޮލަރަށް ދިނީ ވެސް މި ކުންފުޏްޏެވެ. އަދި 2017 ވަނަ އަހަރު ކެންދު ބަނދަރާއި ބޯފެނުގެ މަޝްރޫއު ވެސް ދިނީ އެ ކުންފުންޏަށެވެ. އަދި އެ އަހަރު ތިން ރަށެއްގައި ފެން ޕްލާންޓް ބަހައްޓަން ވެސް އެ ކުންފުންޏަށް ދިނެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭ ވާދޫ އާއި ކޮމަންޑޫ، އާއި ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި މަރޮށީގައި ފެނާއި ނަރުދަމާ ގާއިމްކުރަން ދިނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.