އެޗްއާރްސީއެމް

ގޭގެ ވެރިފަރާތުން ފެން ކަނޑާލާތީ އެޗްއާރްސީއެމުން ކަންބޮޑުވެއްޖެ

ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ މައްސަލަތައް މި ފަހަކަށް އައިސް ހުށަހެޅެމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވާއިދުން ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުމުގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް އެންގުމަކައި ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ މައްސަލަތައްވެސް ހުށަހެޅެމުންދާކަން ފާހަގަކޮށްފަ އެވެ.

އެޗްއާރްސީއެމް އިން ބުނީ ކޮމިޝަނަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި މައްސަލައިގައި ޝާމިލްވާ މީހުން އަދި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޯށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައިދީފައިވާ ކަމަށެވެ.

"ފެނުގެ ހިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްްތައް ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރުމަކީ މި ކޮމިޝަނުން ނުހަންނު ކަންބޮޑުވާ ކަމެއް،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށްވެސް އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ.