ހަބަރު

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު ބޭރުކޮށްލައިފި

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު އާ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އެ ބިލު މިދިޔަ މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބިލު ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން 74 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބިލު މަޖިލީހުން ބޭރުކޮށްލާފަ އެވެ. ބިލު ބަލައިގަންނަން ދެ މެންބަރަކު ވޯޓު ދެއްވިއިރު، ވަކިި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.

މި ބިލަށް ކުރީ ދައުރުގައި ވެސް އެމްޑީޕީގެ މެންބަރުން ދެކޮޅު ހެއްދެވި ބިލެކެވެ. އެމްޑީޕީގެ އާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާ، ރައީސް ސޯލިހު ފޮނުއްވެވި ގޮތަށް ބިލު ބޭރުކޮށްލުމަށް ތާއީދުކޮށްފަ އެވެ. ނަމަވެސް މައިނޯރިޓީގައި ތިއްބެވި ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ބަހުސް ކުރެއްވީ އެއްކޮޅަށެވެ.

ނައިބު ރައީސުންނަށް އިނާޔަތް ދޭ ބިލުގައިވާ ގޮތުން ނައިބު ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު 35،000 ދޭން ޖެހެ އެވެ. އަދި ސަލާމަތީ ހިދުމަތްތަކުން އެ ފަރާތްތަކަށް ރައްކާތެރިކަން ދޭން ޖެހެ އެވެ.

ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މިހާރު ދުނިޔޭގައި އެބަ ތިއްބެވެ. ބިލުފާސްވިނަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މުހައްމަދު ވަހީދުއްދީނާއި، އަހުމަދު އަދީބުގެ އިތުރުން ޑރ. އަބްދުﷲ ޖިހާދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް އިނާޔަތް ލިބިވަޑައިގެންނެވީހެވެ.