ހަބަރު

ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގައި ސޮއިކުރަން މަޖިލީހުގެ ލަފައަކަށް އެދިއްޖެ

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގައި ސޮއި ކުރަން ކެބިނެޓުން ލަފާ ދިނުމުން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ހުށަހެޅުއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލަފައަށް އެދި ހުށަހަޅުއްވަން ރައީސް ސޯލިހް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މިނިސްޓަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަކީ ގައުމެއްގައި ވިޔަފާރި ކުރުމުގައި ވިޔަފާރިވެރިންނަށް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ގާނޫނުތަކާއި ގަވާއިދުތަކާއި ޕްރޮސީޖާތައް ބަޔާން ކުރުމަށް އަދި އެގޮތަށް މެންބަރު ގައުމުތަކުން އަމަލު ކުރުމާ ގުޅޭ ގޮތުން އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ މަގްސަދަކީ މުދާ ކްލިއާ ކުރުމާއި ރިލީސް ކުރުމާއި ޓްރާންސިޓް ކުރަން ޖެހޭ ހާލަތްތަކުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމާއި ގައުމުތަކުގެ ކަސްޓަމްސް އާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ޓްރޭޑް ފެސިލިޓޭޓް ކުރުމަށް މަސައްކަތް ކުރުމުވެ.

އިމްޕޯޓް އެކްސްޕޯޓް މަރުޙަލާގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަކީ ވެސް އެއްބަސްވުމުގައި ސޮއިކުރަން ނިންމި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުން ވިޔަފާރީގެ މުއާމަލާތްތަކުގެ ހަރަދުތަކާއި އާންމުން ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ނިސްބަތުން ކުޑަކުރެވި، ވިޔަފާރި ކުރުމުގައި ފަހި މާހައުލެއް ގާއިމު ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެއްބަސްވުމުގެ ދަށުން މުދާ ކްލިއާ ކުރުން އަވަސްވެ ބޯޑާ އޭޖެންސީތަކުގެ ގުޅުން ބަދަހިވާނެ ކަމަށާއި ވިޔަފާރިވެރިންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރުމަށް ރައީސް ނިންމެވުމާ ގުޅިގެން އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ރައީސް އޮފީހުން ދަނީ ކުރަމުންނެވެ.