މާޒިޔާ

ޓްރެއިނިން ކޭމްޕުން މާޒިޔާއަށް ތަފާތު ރޫހެއް އަތުވެއްޖެ

ސައުދީ އަރަބިއްޔާގައި ޓްރެއިނިންއަށް ކޭމްޕް ކޮށްފައިވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޓީމަށް ބޮޑު ރޫހެއް އަތުވެއްޖެ ކަމަށް އެ ޓީމުގެ ހެޑް ކޯޗް މެސަޑޯނިއާގެ މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

އެފްއޭއެމުން ފޯރުކޮށް ދިން ޓްރެއިނިން ކޭމްޕްގައި، ސައުދީގެ ޖިއްދާގައި ކޭމްޕް ކޮށް، މާޒިޔާއިން ވަނީ ސައުދީގައި ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. އިއްޔެ ކުޅުނު މެޗުގައި އަޒުރީ އެފްސީ އާ ދެކޮޅަށް ކުޅެ މާޒިޔާ މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. މާޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު 'ހަމްޕު' އާއި ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

އެ މެޗުގެ ކުރިން މާޒިޔާއިން ކުޅުނީ ޖިއްދާ ކުލަބާ ދެކޮޅަށެވެ. އެ މެޗު މާޒިޔާއިން ކާމިޔާބު ކުރީ، 2-1 ން ނެވެ. މާޒިޔާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އެވެ.

މާޒިޔާގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ، ވީޑިއޯގައި، ސެކްލޮވްސްކީ ބުނީ، މާޒިޔާގެ ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދަނީ ރަނގަޅު ލެވަލެއްގައި ކަމަށެވެ.

"ޓްރެއިނިން ކޭމްޕް ވަރަށް ރަނގަޅު، އަހަރެމެންނަށް މިތަނުން ލިބޭ ކަންކަން މިހުރީ ވަރަށް ރަނގަޅަށް، ހޮޓެލަށް ބެލިޔަސް ޓްރެއިނިން ގުރައުންޑަށް ބެލިޔަސް ވަރަށް ރަނގަޅަށް މިދަނީ،" ސެކްލޮވްސްކީ ބުންޏެވެ. "މިކަހަލަ ވަސީލަތްތަކާއެކު ޓްރެއިނިން ކުރަން ފުރުސަތު ލިބުމަކީ ކުޅުންތެރިންގެ ރޫހް ރަނގަޅު ވާނެ ކަމެއް."

އޭނާ ބުނީ މާޒިޔާއިން ޓްރެއިނިން ކޭމްޕްގެ ބޭނުން ހިފަން ނިންމި ސަބަބަކީ ޓީމު ވޯކަށް ބިނާކޮށް ޓެކްޓިކްސްތަކަށް ފަރިތަކުރުމުގެ ގޮތުން ކަމަށެވެ.

"ރަނގަޅު ވަސީލަތްތަކާއެކީ އެކަމަށް މަސައްކަތް ކުރަން އަހަރެމެންނަށް ވަގުތު ލިބިގެން ދިޔަ،" ސެކްލޮވްސްކީ ބުންޏެވެ. "ކުޅުންތެރިން ތިބީ ވަރަށް މޯޓިވޭޓްވެފައި، އެ ކުޅުންތެރިން ކުރަމުންދާ މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ."

ހުކުރު ދުވަހުގެ ރޭ ފަށާ ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ކުލަބު ގުރީން ސްޓްރީޓާ ދެކޮޅަށެވެ.