ހަބަރު

ޖުޑިޝަރީ ކޮމެޓީއަށް ޖޭއެސްސީގެ މެންބަރުން ހާޒިރު ކުރަނީ

Jun 12, 2019
4

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ހާޒިރު ކުރުމަށް ނިންމައި، އެކަން އެ ކޮމެޓީއިން ފާސްކޮށްފި އެވެ.

އާ މަޖިލީހުގައި އަލަށް އުފެއްދި ޖުޑިޝަރީ ކޮމެޓީއަކީ ޝަރުއީ ދާއިރާގެ ކަންކަން ބެލުމަށް އުފެއްދި ކޮމެޓީއެކެވެ. އެ ކޮމެޓީގެ މަސްއޫލިއްޔަތުތައް އެކުލަވާލާފައިވަނީ ކޯޓުތަކާއި ފަނޑިޔާރުންގެ ކަންކަން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލެވޭ ގޮތަށެވެ.

އެ ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ މެންބަރުން ހާޒިރު ކުރުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ކޮމެޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ޖޭއެސްސީގެ މެންބަރުން ހާޒިރު ކުރަން ބޭނުންވާ ސަބަބެއް ކަމަށް ހަސަން ލަތީފް ވިދާޅުވީ އެ ކޮމިޝަންގެ މަސައްކަތްތައް ހުރި ހިސާބެއް މިހާރު ކޮމެޓީއިން ބެލުން ވަރަށް މުހިންމު ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުކުމްތައް ބާތިލް ކުރި މައްސަލާގައި ވެސް ބަލަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އެ ހުށަހެޅުމަށް ކޮމެޓީގެ ހުރިހާ މެންބަރުން ވެސް ތާއިދު ކުރެއްވި އެވެ.

ޖޭއެސްސީއަށް މިއަދު ވަނީ އަދީބުގެ މައްސަލަ ބާތިލްކުރަން ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު ޗުއްޓީގައި ހުންނެވުމަށްފަހު ވަޑައިގެންނެވި މައްސަލަ ބަލައިދޭން ވެސް އެދިފަ އެވެ. ޖޭއެސްސީއަށް އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

ޖޭއެސްސީގެ މެންބަރުން ޖުޑިޝަރީ ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވާއިރު އެ ކޮމެޓީގައި މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ހިސާން ހުސެއިން ވެސް ކޮމެޓީގައި ހިމެނިވަޑައިގަންނަވަ އެވެ. ކޮމެޓީގެ މުގައްރިރަކީ އިމްތިޔާޒު ފަހުމީ އެވެ.

އޭގެއިތުރުން އެ ކޮމެޓީގައި ދެ ގާނޫނީ ވަކީލުން ކަމަށްވާ އަލީ ހުސެއިން އާއި އިބްރާހިމް ރިޒާ ވެސް ތިއްބަވަ އެވެ.