ހަބަރު

އަދީބު ފުރާނީ ހުކުރު ދުވަހު، އެނބުރި އަންނާނީ މި މަހު 26 ގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާ ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ ވަނީ ހާޒިރުކޮށްފަ އެވެ. މި ބޭފުޅުންނާއެކު އެ މުއައްސަސާތަކުގެ ބައެއް އެހެން އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަންނަން ހުއްދަ ދިނީ އެއް އަހަރު ދުވަހަށެވެ. ނަމަވެސް ހުކުރު ދުވަހު ވަޑައިގަތުމަށް ފަހު، ފަރުވާއަށް އިތުރަށް މަޑުކުރަން ނުޖެހޭނަމަ މި މަހުގެ 26 ވަނަ ދުވަހު އަނބުރާ ވަޑައިގަންނަވާ ގޮތަށް ޓިކެޓުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އަދީބު އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ކަން ކަށަވަރު ކުރުމަށްޓަކައި ހުރިހާ ސަލާމަތީ ކަންކަން ހަމަޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ ވިދާޅުވި ގޮތުގައި އަދީބަށް ޕާސްޕޯޓު ދުލެއް ނުކުރެ އެވެ. ބޭސްފަރުވާއަށް ވަޑައިގަތުމަށް އިމިގްރޭޝަނުން ދޫކުރީ އެއް އަހަރު ދުވަހުގެ ޓްރެވެލް ޑޮކިއުމެންޓެކެވެ. އެ ޑޮކިއުމެންޓުން ދަތުރު ކުރެވޭނީ ވެސް ހަމައެކަނި އިންޑިއާއަށެވެ. އެހެން ގައުމަކަށް ދަތުރެއް ނުކުރެވޭނެ އެވެ. ޑޮކިއުމެންޓަކީ އެއް އަހަރުގެ ޑޮކިއުމެންޓަށް ކަމަށް ވީ ނަމަވެސް އޭގެ ކުރިން ވެސް ރާއްޖެ ވަޑައިގެންފިނަމަ، އެއާ ހަމައިން ޑޮކިއުމެންޓް ކެންސަލް ވާނެ އެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އަދީބާއެކު ފުލުހުންގެ ތިން އޮފިސަރުންނާއި ކަރެކްޝަންގެ ތިން އޮފިސަރުން އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. ފުލުހުންގެ އެޑްވާންސް ޓީމެއް މާދަން އިންޑިއާއަށް ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފުލުހުންނާއި ކަރެކްޝަންސްއިން ވެސް ވަނީ އަދީބު ފިލައިގެން ނުދެވޭނެ ކަމަށް ބުނެފަ އެވެ.

އަދީބު ބޭސްފަރުވާއަށް ފޮނުވަން ހުއްދަ ދިނީ ރާއްޖެއިން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނުވުމުން ކަމަށާއި އަދީބުގެ ދަތުރުފުޅުގައި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އިންސާފުގެ ކުރިމައްޗަށް އަދީބު ހާޒިރު ކުރަން ޖެހިއްޖެނަމަ އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދީބުގެ މައްޗަށް ދައުވާ ކުރި ތިން މައްސަލާގައި އިއްވާފައިވާ ހުކުމްތައް މިހާރު ވަނީ ބާތިލުވެފަ އެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި އިއްވާފައިވާ 15 ދުވަހުގެ ހުކުމެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ. ނަމަވެސް ބޭސް ފަރުވާއަށް ފުރާ ހިސާބުން މުއްދަތު ގުނުން މެދުކަނޑާލާނެ އެވެ.