ދުނިޔެ

އަނބިމީހާއަށް ގަނެދިން އެންމެ ފަހުގެ ފޯނު ހަދިޔާ ކުރެވުނީ 18 އަހަރު ފަހުން

އެންމެ ފަހުން ޑުބާއީއަށް ކުރި ދަތުރުގައި އަނބި މީހާއަށް ދޭން ގަތް ހަދިޔާ ހިފައިގެން ގާޒާއަށް ދާން ރަފާއިން ހުރަސް ކުރަނިކޮށް ހައްޔަރު ކުރި ފަލަސްތީނުގެ އިމާދުއްދީން އަލް-ސަފްތާވީ އޭނާގެ އަނބި މީހާއަށް ގަތް ހަދިޔާ 18 އަހަރު ފަހުން ރައްދު ކޮށްދީފި އެވެ.

އިޒްރޭލު ސިފައިން 2000 ވަނަ އަހަރު އޭނަ ހައްޔަރުކުރީ އެމިރޭޓްސްއަށް ކުރި ދަތުރަކަށް ފަހު އޭނާގެ އަނބިމީހާއަށް ހަދިޔާ ކުރަން އޭރު ނޮކިއާ ބްރޭންޑްގެ އެންމެ ފަހުގެ ފޯނެއް ގަނެގެން ދިޔަ މަގުމަތީގަ އެވެ. އަނބިމީހާއަށް ގަނެދިން ފޯނު އޭނާ ޖަލުގައި ހޭދަކުރި 18 އަހަރު ވަންދެން ރައްކާކޮށް ބާއްވާފައި އޮތީ ކޮންމެވެސް އެއް ދުވަހަކުން އޭނާގެ ލޯބިވާ އަނބިމީހާއަށް އެ ފޯނު ރައްދު ކޮށްދެވޭނެ ކަމުގެ އުންމީދުގަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައި ހުރި އިޒްރޭލުގެ ޖަލުން އޭނާ މިނިވަން ކުރި ވަގުތު އޭނަގެ އަތުން އަތުލާފައިވާ ތަކެތި އަނބުރާ އޭނައާ ހަވާލުކުރި އެވެ. އޭގެ ތެރޭގައި އަނބިމީހާއަށް ގަނެދިން ފޯނުވެސް އޮތެވެ.

ގެއަށް ދެވުމުން އެންމެ އަވަހަކަށް އިމާދުއްދީން އޭނަގެ އަނބިމީހާއަށް ގަނެދިން ފޯނު ނުހަނު ލޯތްބާއެކީ ހަދިޔާ ކުރި އެވެ. އަދި އޭނަގެ އަންހެން ދަރިފުޅު އެ މަންޒަރު ބަލަން ހުރެފައި ފޮޓޮއެއް ނަގާފައި ކުރި ޓްވީޓް މިހާރު ވަނީ ވައިރަލް ވެފައެވެ.