ޓްރާންސްފާ މާކެޓް

ޔުނައިޓެޑަށް ބަދަލުވުމަކީ ހަޔާތުގެ އެންމެ ބޮޑު އުފާ

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލު ވެވުމަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން އެއް ދުވަސް ކަމަށް، ޔުނައިޓެޑަށް މިއަދު ސޮއި ކުރި ވޭލްސްގެ ވިންގާ ޑެނިއެލް ޖޭމްސް ބުނެފި އެވެ.

ސްވަންސީ ސިޓީއަށް 15 މިލިއަން ޕައުންޑް ދޭން އެއްބަސް ވުމަށްފަހު، ޔުނައިޓެޑުން ޑެނިއެލްގެ ސޮއި ކުރުވީ ފަސް އަހަރު ދުވަހަށެވެ. ސްވަންސީންގެ އެކެޑެމީން އުފެއްދި ޑެނިއެލް ޖޭމްސް ވަނީ މިދިޔަ ސީޒަންގައި އޭނާ ކުޅުނު 38 މެޗުގައި ފަސް ލަނޑު ޖަހާފަ އެވެ.

ވޭލްސްގެ ގައުމީ ޓީމަށް މިދިޔަ އަހަރު ކުޅެން ފެށި، 21 އަހަރުގެ ވިންގާ ވަނީ، ޔޫރޯ ކޮލިފިކޭޝަންގައި ވޭލްސް އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ކުޅެފަ އެވެ. ވޭލްސްގެ ޖޯޒީގައި ވާދަވެރި މެޗެއްގައި އޭނާ އެންމެ ފުރަތަމަ ލަނޑެއް ޖެހީ މާޗު މަހު ސޮލަވާކިއާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޑެނިއެލް ޖޭމްސްގެ ބައްޕަ ވަނީ މިދިޔަ މަހު ކުއްލިއަކަށް މަރުވެފަ އެވެ.

"މިއީ އަހަންނާއި އަހަރެންގެ އާއިލާއަށް ވަރަށް ހާއްސަ ވަގުތު ކޮޅެއް،" ޔުނައިޓަޑަށް ސޮއި ކުރުމަށް ފަހު އޭނާ ބުންޏެވެ. "ހަމަޔަގީނުން ވެސް މި އުފާވެރި އިހްސާސް ކުރަން އަހަރެންގެ ބައްޕަ ނެތުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް."

ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި ލީޑްސް ޔުނައިޓެޑަށް ބަދަލުވުމާ ވަރަށް ގާތަށް ޖޭމްސް ދިޔަ އެވެ. ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނީ، ޑެނިއެލްއަކީ ގިނަ ހުނަރުތަކެއް ލިބިފައިވާ ޒުވާން ކުޅުންތެރިޔެއް ކަމަށެވެ. އޭނާގެ މަސައްކަތުގެ ރޭޓާއި އެތިކްސް ވެސް ރަނގަޅުކަން ސޮލްޝަޔާ ފާހަގަ ކުރި އެވެ.

"ކުރި އެރުން ހޯދުމަށް ޔުނައިޓަޑަކީ ޑެނިއެލްއަށް ރަނގަޅު މާހައުލަކަށް ވެގެންދާނެ." ސޮލްޝަޔާ ބުންޏެވެ.