ރިޕޯޓް

ތައުލީމު ލޯނުގެ މައްސަލަ: ޒިންމާ ނަގަންޖެހޭނީ ކޮންބައެއް؟

މިދިޔަ ހަފުތާ ތެރޭގައި އެންމެ ބޮޑަށް ދެކެވެމުންދިޔަ ވާހަކައަކީ މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނަށް ހުށައެޅި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވުމުގެ މައްސަލަ އެވެ. އެއާއެކު ސަރުކާރަށާއި ހަޔާއެޑިއުކޭޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެހާ ގިނަ ކުދިން ޑިސްކޮލިފައިވިއިރު ޒިންމާ ނަގަންޖެހޭނީ ކޮންބައެއް ހެއްޔެވެ؟

މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނަށް ހުޅުވާލާފައިވަނީ މިދިޔަ މާރިޗް މަހު އެވެ. 242 ޖާގައަށް ފުރުސަތު ހުޅުވާލި އެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 993 ދަރިން ކުރިމަތިލިއިރު، ފުރުސަތު ލިބުނީ އެންމެ 79 ދަރިވަރުންނަށެވެ. ބާކީ ކުރިމަތިލި ހުރިހާ ކުދިންގެ ފޯމްތައް ޑިސްކޮލިފައިވީ އެވެ.

ލޯން ލިބުނު ކުދިން އިއުލާން ކުރުމުން ހަޔާ އެޑިއުކޭޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެ ފުރުސަތަކަށް އެތައް ދަރިވަރުންނެއް އެދިއެދި ތިއްބައި އެހާގިނަ ދަރިވަރުންގެ ފޯމްތައް ބާތިލް ކުރުމުން ބޮޑު ކޯޅުމަކަށް ދިޔަ އެވެ. އަދި ހަޔާއެޑިއުކޭޝަން ހޫނުފެނަށް ވެއްޓިގެންދިޔަ އެވެ.

ބައެއް ކުދިންގެ ޝަކުވާތައް ދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އެގޮތުން ބައެއް ކުދިން ބުނަމުން ދިޔައީ ޑިސްކޮލިފައި ކޮށްފައިވަނީ އުސޫލުތަކާއި ހިލާފަށް ހުށަހަޅައިގެން ނޫން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ކުދިންނަށް ލޯން ދިނުމަށް ގިނަ ކުދިން ޑިސްކޮލިފައިކުރީ ކަމަށެވެ. ތުހުމަތުތައް އަދިވެސް ގިނަ އެވެ.

"މިނިސްޓްރީން އިއުލާންކުރި ގޮތަށް އަޅުގަނޑުމެން ފޯމް ފުރާފަލީ، އެކަމަކު ޑިސްކޮލިފައި ކޮށްލާފަވަނީ، ސަބަބެއް ނޭންގެ، މިނިސްޓްރީން ޒިންމާދާރުކޮށް ކުރިކަމެއް ނޫން މިއީކީ،" ދަރިވަރަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ކޮމެންޓެކެވެ.

އެހާގިނަ ފޯމްތައް ޑިސްކޮލިފައިވުމުގެ ސަބަބުން އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކުުރި އެވެ. އަދި އެމްޑީޕީގެ ބައެއް އިސްވެރިންވެސް ހަޔާ އެޑިއުކޭޝަންގެ އިސްވެރިންނާއި ބައްދަލުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް އޮޅުންފިލުވި އެވެ.

ދެން އޮތް ސުވާލަކީ މިހާގިނަ ފޯމްތައް ބާތިލްވީ ހަމައެކަނި މިނިސްޓްރީގެ ސަބަބުން ހެއްޔެވެ؟ ޒިންމާ ނަގަން ޖެހޭނީ މިނިސްޓްރީން ހެއްޔެވެ؟ ލޯނު ގިނަ ބަޔަކަށް ނުލިބުނީ އުސޫލާ ހިލާފަށް ލޯނަށް އެދި ހުށަހަޅާފައިވާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ. ހަމަގައިމުވެސް އެހާގިނަ ފޯމްތަކެއް ބާތިލް ކުރަން މިނިސްޓްރީއަށް މަޖުބޫރުވި ސަބަބުތަކެއްވެސް ވާނެ އެވެ.

ފޯމްތައް ޑިސްކޮލިފައިވި ބައެއް ސަބަބުތަކާއި އޭގެ އަދަދުތައް

  • ރާއްޖޭގައި ކިޔަވަން ފޯމް ހުށަހެޅި ފަރާތްތައް - 1
  • ސެޓްފިކެޓް އަދި ޑޮކިއުމަންޓްތަކުގެ ދެފުށް ހުށަހަޅާފައިނެތުން - 271
  • މި ސްކީމްގެ ދަށުން ހިމަނާފައިނުވާ ގައުމުތަކަށް ކިޔެވުމަށް އެދިފައިވުން - 192
  • ކޯހަށް ވަނުމަށް ބޭނުންވާ އެމްކިއުއޭގެެ ޝަރުތު ފުރިހަމަނުވުން - 22
  • އެޕްލިކޭޝަންގެ ހުރިހާ ބައެއް ފުރިހަމަކޮށްފައި ނެތުން - 51
  • އިއުލާނާއި އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމަނުވުން - 183
  • ހުށަހަޅަންޖެހޭ ކެޓެގަރީ ނޫން އެހެން ކެޓެގަރީއަކަށް ފޯމް ހުށަހަޅާފައިވުން - 16
  • ކޮލިފައިވެ، ހުށަހެޅި ސްލޮޓް ފުލްވެގެން - 12
  • ސެޓްފިކެޓް އެކްރެޑިޓް ކޮށްފައިނެތުން - 21
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލު ނުކުރާ ކޯސްތަކަށް ކުރިމަތިލާފައިވުން - 14

ސަބަބުތައް ވަރަށްވެސް ގިނަ އެވެ. މިހާގިނަ ކުދިން ޑިސްކޮލިފައިވީ ރަނގަޅަށް އިއުލާން ނުކިޔުމުން ކަމަށްވެސް ބުނެވިދާނެ އެވެ. އިއުލާންގައި ސާފުކޮށް ހުރިހާ ކަމެއް ބަޔާންކޮށްދީފައިވެ އެވެ. އެހެންކަމުން މިކަމުގައި މިނިސްޓްރީގެ ބޮލުގައި ތުހުމަތު އެޅުވުން ހައްގު ހެއްޔެވެ؟

މިނިސްޓަރު ވިދާޅުވީ، ފޯމްތައް ފުރުމާއި ގުޅޭ ގޮތުން ވަރަށް ގިނަ ސުވާލުތައް ކުދިން ކުރި ކަމަށެވެ. އަދި އެސުވާލުތަކަށް މިނިސްޓްރީން ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ޖަވާބުދީފައިވާނެ ކަމަށެވެ. އަދި އިއުލާންގައި ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

މިކަމުގައިވެސް ގިނަ ބައެއްގެ ޝަކުވާ އިތުރުވެގެންދިޔަ އެވެ. އެއީ ފޯމްގައި ކަންކަން ފުރިހަމަ ނުވާނަމަ ފޯމް ބާތިލް ކުރުމުގެ ބަދަލުގައި ރަނގަޅު ކުރަން އަނބުރާ ފޮނުވާ ނުލީ ކީއްވެ ހެއްޔެވެ؟ ނޫނީ އޮންލައިންކޮށް ހުށަހެޅިއިރު ފޯމް ފުރިހަމަ ނުވާކަން އިންޑިކޭޓް ކޮށްދޭނެ ނިޒާމެއްނެތީ ކީއްވެހެއްޔެވެ؟

ލޯނަށް ކުރިމަތިލި ދަރިވަރުންގެ އިހުމާލުވުން ވަރަށް ބޮޑެވެ. ހަމައެހެންމެ މިނިސްޓްރީގެ އިހުމާލުވެސް ބޮޑުވެ. ޕޯޓަލް ގާއިމްކޮށްފައިވާއިރު، ފޯމް ފުރިހަމަ ނުވާނަމަ އެކަން ދައްކުވާދޭނެ އެއްވެސް އިންތިޒާމެއް އެޕޯޓަލްގައިނެތެވެ. އެހެންކަމުން ދަރިވަރުންނަށް ފޯމް ފުރިހަމަވި ކަމާއިނުވާކަންވެސް ވަނީ ނޭންގިފަ އެވެ.

މިނިސްޓަރު ވަނީ ގިނަ ކުދިންގެ ފޯމްތައް ބާތިލް ކުރަން ޖެހުމުން ދެރަވި ކަމަށް ވިދާޅުވެފަ އެވެ. ދެން ގިނަ ބައެއްގެ ސުވާލަކަށްވީ މިހާ ގިނަ ކުދިންގެ ފޯމް ބާތިލް ކުރަން ޖެހުމުން 79 ދަރިވަރުންނަށް ދިނުމުގެ ބަދަލުގައި ހުރިހާ ފޯމެއް ބާތިލްކޮށްފައި 242 ޖާގައަށް އަލުން ހުޅުވާނުލީ ކީއްވެ ހެއްޔެވެ؟ ދެރަވާނަމަ އެގޮތަށް އަމަލު ނުކުރީ ކީއްވެހެއްޔެވެ؟

"އެހާ ގިނަ ކުދިންގެ ފޯމްތައް ބާތިލްވި، އެންމެ 79 ދަރިވަރުންނަށް ލިބުނީ، އެހާ ގިނަ ފޯމްތައް ބާތިލް ކުރިއިރު، ހެދިފައިވާ މިސްޓޭކް އަލުން ރަނގަޅު ކުރަން ފުރުސަތުދީފައި ހުރިހާ ފޯމެއް ބާތިލް ނުކުރީމަ މައްސަލައަކީ، މިހާ ގިނަ ކުދިންގެ ފޯމް ބާތިލްވީމަ މައްސަލައަކީ، މިހާރު އިން ގޮތުން ލޯން އަސްލު ހައްގުވާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ހަނިވެގެންދިޔައީ، 79 ޖާގަ ގެއްލުނީ،" ޒުވާން ދަރިވަރަކު ބުންޏެވެ.

ރާއްޖެއިން ބޭރަށް ކިޔަވަންދާން ހުޅުވާލި ފުރަތަމަ ފުރުސަތުގައި ގިނަ ކުދިންނަށް މިވަނީ ލޯން ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް މިކަމުގެ ޒިންމާ ދެފަރާތުންވެސް ނަގަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ވަކި ބަޔަކު ބޮލުގައި އަޅުވާފައި ރެކެވޭކަށް ނެތެވެ. ޒިންމާ ނަގަންޖެހޭނީ ދެފަރާތުންނެވެ.

މިނިސްޓްރީން މިހާރު ވަނީ ބާކީ އިން 163 ޖާގައަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. އެޖާގަތަކަށް ހުޅުވާލީ އުސޫލުތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން މިހާރު ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ކިޔަވަންދާން ކުރިމަތިލެވެ އެވެ. އަދި ކުރިން މިސްޓޭކް ހެދި ކުދިންނަށް އެމިސްޓޭކް ފެންނާނެ ހެން ޕޯޓަލްގައި ވަނީ ފޯމް ހިމަނާފަ އެވެ. އަދި ފޯމް ފުރިހަމަ ނުވާނަމަ ޕޯޓަށް މެދުވެރިކޮށް އިންޑިކޭޓްވެސް ކޮށްދޭނެ އެވެ. މިނިސްޓަރުގެ އެދުމަކީ އުސޫލާއި އެއްގޮތަށް ކުރިން ހެދި މިސްޓޭކްތައް ނަހަދައި ވީހާޥެސް ގިނަ ކުދިން ފޯމް ހުށަހެޅުމެވެ.