ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. އައިޝަތު އަލީ

ބޮޑު އިހުމާލެއް: ކޮބާ މަގޭ ސެޓްފިކެޓް!

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އޯލެވެލް އަދި އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓިފިކެޓް އަދިވެސް ދަރިވަރުންނަށް ލިބިފައި ނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިިފި އެވެ.

އޯލެވެލް އާއި އޭލެވެލް އިމްތިހާނުގެ ސެޓިފިކެޓަކީ އިމްތިހާނު ނިމޭތާ މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުނަށް ނަތީޖާ ލިބި އޭގެ މަހެއް ނޫނީ ދެ މަސް ފަހުން ރީ-މާކިން ޕްރޮސެސް ނިންމާ ލިބެމުން އަންނަ ސެޓްފިކެޓްކެވެ.

ނަމަވެސް މިހާތަނަށް ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ސެޓިފިކެޓް ލިބިފައި ނުވަނީ ކީއްވެގެންކަން އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނާއި ސްކޫލްތަކަށް ވެސް އަންގާފައެއް ނުވެއެވެ.

ނަން ޝާއިއު ނުކުރުމަށް އެދި އަވަސްއާ ވާހަކަދެއްކި މާލޭ ސްކޫލްތަކުގެ ބައެއް ވެރިން ވިދާޅުވީ އެ ކަމާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާތައް ވަރަށް ގިނައިން ސުކޫލަށް ލިބެމުން އަންނަ ކަމަށެވެ. އަދި ދަރިވަރުން މިދިޔަ އަހަރު ހެދި އިމްތިހާނުގެ ސެޓްފިކެޓް ލިބިފައި ނުވާ ސަބަބު ހޯދަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެންގޮސްފައިވާ ކަމަށާއި މިހާތަނަށް ސެޓްފިކެޓާބެހޭ ހަބަރެއް ލިބިފައި ނުވާ ކަމަށެވެ.

"އިމްތިހާނުގެ ނަތީޖާ ސްޕިލްތައް ދަރިވަރުންނަށް ވަނީ ލިބިފައި. ރީޗެކް ނަތީޖާ ވެސް ވަނީ ލިބިފައި. މިހާރު އޭގެ ފަހުން އެތައް މަހެއް ފާއިތުވެ މިދަނީ. ދަރިވަރުންނާއި ބެެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ. އަދި މިއީ ދަރިވަރުންގެ މުސްތަގްބަލަށް އޮތް ވަރަށް ބޮޑު ހުރަހެއް. އަޅުގަނޑުމެން ވެސް ވާނީ މި ޝަކުވާތަކުގެ ބޮޑުވުން އޮތުމުން އެޑިއުކޭޝަން މެދުވެރިކޮށް އެކަން ސާފު ކުރުމަށް މަސައްކަތްކޮށްފައި، ނަމަވެސް މިހާ ދުވަސްވީއިރު ސެޓިފިކެޓައް ނުުުލިބި ވަނީ ކީއްވެގެންކަން އަދި ސާފެއް ނުވޭ." މަތީ ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލެެއްގެ އިސްވެރިއަކު ރޭ ވިދާޅުވި އެވެ.

ބޭރު ޔުނިވާސިޓީތަކަށް ވަންނަ ދަރިވަރުން ކަންބޮޑުވެފައި

އޯލެވެލާއި އޭލެވެލް ނިންމާ ރާއްޖޭން ބޭރުގެ ޔުނިވާސީޓިތަކުގައި ކިޔަވަން ދާން މަސައްކަތް ކުރާ ދަރިވަރުންނަށް، ސެޓިފިކެޓް ނުލިބުމުގެ ސަބަބުން ޔުނިވާސިޓީ އެޑްމިޝަން ފުރިހަމަ ކުރަން ވަނީ ހުރަސް އެޅިފަ އެވެ. އަދި ވިސާ ލިބުމަށް ހުރަސް އެޅި ބައެއް ދަރިވަރުން އާއިލާ އާއެކު އެކި ގައުމުތަކަށް ގޮސް އެނބުރި އަންނަން ޖެހިފައި ވެސް ވެއެވެ.

އޭލެވެލް ނިންމި ދަރިވަރުންނަށް ސަރުކާރުން ދޭ ޕްރެޒިޑެންޝަލް ސްކޮލާޝިޕާއި ހައި އެޗީވާޒް ސްކޮލާޝިޕް ލިބޭ މިންވަރަށް ނަތީޖާ ހޯދި ދަރިވަރުންނާއި ބެލެނިވެރިން ވެސް ތިއްބީ ކަންބޮޑު ވެފައެވެ. އެއީ ދަރިވަރުންނަށް ސެޓްފިކެޓްގެ އިތުރުން ޕްރެޒިޑެންޝަލް ސްކޮލާޝިޕް އަދި ހައި އެޗީވާޒް ސްކޮލާޝިޕް ލިބުނު ކަމުގެ ލިޔުން ލިބިފައި ނުވުމާއި ވަގުތު ފާއިތުވަމުން ދާތީ އެވެ.

ދަރިވަރުންނަށް އޯލެވެލް އަދި އޭލެވެލް ސެޓިފިކެޓް ލިބުން ލަސް ވާނަމަ މި އަހަރު ކިޔަވަން ފެށުމުގެ ފުރުސަތު ގެއްލިދާނެ އެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީ. ދަރިވަރުން އެ ތިބީ ޔުނިވާސިޓީ ކިޔެވުން ފެށުމަށް ތައްޔާރު ވެގެން. ކޯސް ލިބުނު ކަމުގެ ޔަގީންކަން ވެސް ލިބިފައި ވަނީ. ނަމަވެސް ސެޓިފިކެޓް ނުލިބުމުގެ ސަބަބުން ޔުނިވާސިޓީ އެޑްމިޝަން ފުރިހަމަ ނުކުރެވި ވަނީ. އެހެންވީމަ މި އަހަރު ކިޔެވުމުގެ ފުރުސަތު ގެއްލި އިތުރު އެއް އަހަރު މަޑުކުރަން ޖެހޭނީ. އެއީ ކިހާ ބޮޑު ގެއްލުމެެއް ދަރިވަރުންނަށް." ބެލެނިވެރިއަކު ބުންޏެވެ.

ހަޔާ އެޑިއުކޭޝަނަށް ފޮނުވަންޖެހޭ ލިޔުން ވެސް ނުފޮނުވާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މަތީ ތައުލީމު އުނގެނުމުގެ ވަރަށް ގިނަ ފުރުސަތުތަކެއް ދަރިވަރުންނަށް ފަހި ކޮށްދީފަ އެވެ.

ޕްރެޒިޑެންޝަލް ސްކޮލާޝިޕް އަދި ހައި އެޗީވާޒް ސްކޮލާޝިޕް ލިބޭ އުސޫލު ބަދަލުކޮށް ބޭރުގެ ޔުނިވާސީޓިތަކުގައި ފުލް ފަންޑްގައި ކިޔެވުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހި ކޮށްދީފަ އެވެ. ނަމަވެސް މިއަހަރު ޕްރެޒިޑެންޝަލް ސްކޮލާޝިޕާއި ހައި އެޗީވާޒް ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން އަދި ވެސް ދުލެއް ނުކުރެ އެވެ.

އެ ލިޔުން ދޫކުރަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ޕްރެޒިޑެންޝަލް ސްކޮލާޝިޕާއި ހައި އެޗީވާޒް ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ލިސްޓް އެ މިނިސްޓްރީއަށް ފޮނުވުމަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރަންޖެހޭ ކަމެކެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް އެ ލިސްޓް އެޑިއުކޭޝަނުން ހަޔާ އެޑިއުކޭޝަނަށް ފޮނުވާފައެއް ނުވެއެވެ.

އެ މައުލޫމާތު އެނގި ވަޑައިގަންންވާ، ތައުލީމީ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި ޕްރެޒިޑެންޝަލް ސްކޮލާޝިޕް އަދި ހައި އެޗީވާޒް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ލިޔުން ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރީތަކެއްވި އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރަންޖެހޭ ކަމެއް ނުކޮށް އޮތުމުން އެކަން ނުކުރެވި އޮތީ އެވެ.

"މިދިޔަ ޖަނަވަރީގައި ދަރިވަރުންނަށް ސްކޫލްތަކުން ވަނީ ނަތީޖާ ސްލިޕް ދޫކޮށްފައި. އަދި ރީ ޗެކަށް ހުށައެޅި ދަރިވަރުންނަށް ވެސް ފެބްރުއަރީގައި ސްލިޕް ދޫކޮށްފައިވޭ. އެހެންވީމަ ޕްރެޒިޑެންޝަލް ސްކޮލާޝިޕާއި ހައި އެޗީވާޒް ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ލިސްޓް އެޑިއުކޭޝަން މިނިސްޓްރީއަށް ތައްޔާރުކޮށް ހަޔާ އެޑިއުކޭޝަނަށް ފޮނުވަން ވަރަށް ދިގު މުއްދަތެއް ލިބިއްޖެ. އަދިވެސް އެކަން ނުކުރެވި މި އޮތީ. މިއީ ކިތައް ދަރިވަރުންގެ ހައްގު. އެ ދަރިވަރުންނަށް މަހުރޫމް އެވަނީ ކިހާ ބޮޑު ހައްގަކުން." އޭނާ ވިދާޅުވި އެވެ.

ބައެއް ބެލެނިވެރިންނާއި ސުކޫލްތަކުގެ އިސްވެރިން ވިދާޅުވީ ދަރިވަރުންނާއި ގުޅިފައިވާ މިހާ ބޮޑު ކަމެއްގައި އެޑިއުކޭޝަން މިނިސްޓްރީން އިހުމާލުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާ ދުވަސްވީއިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަމުގައި ޖަވާބެއް ދީފައިނުވުމަކީ ވަރަށް ބޮޑު އިހުމާލެކެވެ.

"މިއީ ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއަށް އައުމުގެ ކުރިން ނިމިފައި ހުންނަންޖެހޭ ކަންކަން. މި ހާލަތުގައި ބައެއް މީހުން ބުނެފާނެ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ލަސް ވަނީއޭ. ނަމަވެސް މިއީ އެޑިއުކޭޝަންގެ އިހުމާލެއް، ފަރުވާ ކުޑަކަމުގެ އަމަލެއް. އުޒުރަކަށް ކޮވިޑް ދެއްކޭކަށް ނެތް."