ހަބަރު

"ސާފު ވަޔަށް ބައިސްކަލު" ހަރަކާތެއް ބާއްވައިފި

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން "ސާފު ވަޔަށް ބައިސްކަލް" ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ބައިކް މޯލްޑިވްސް ގުޅިގެން ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ފަސް ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގަ އެވެ. މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެއާ ޕޮލިއުޝަން" ނުވަތަ "ވައިގެ ތަޣައްޔަރުކަން" މި އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވި މި ހަރަކާތް ހުޅުމާލޭ ފެރީ ޓާމިނަލުން ފައްޓަވާދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވައި ތައައްޔަރުވާ މިންވަރު މާލެ ފަދަ އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި އިތުރުވާކަމަށާއި މާލެ ސަރަހައްދުގައި މިހާރު 58 ހާސް އިންޖީނުލީ އުޅަނދު ރަޖިސްޓާ ކޮށް ދުއްވާކަމަށެވެ. އަދި މި އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މާލޭގެ ވައިގައި އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ %10 އިތުރަށް ވިހަ މާއްދާތައް ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ހުޅުމާލޭ ފެރީ ޓާމިނަލުން ފެށުނު މި ހަރަކާތް ނިންމާލާފައިވަނީ ސޯޝަލް ސެންޓަރަށެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އާއްމު ފަރުދުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އިންޖީނުލީ އުޅަނދުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދީ، އާއްމުންގެ މެދުގައި ބައިސްކަލު ދުއްވުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ.