ޓްރާންސްފާ މާކެޓް

ރެއާލްގެ ފަސް ވަނަ ޓްރާންސްފާ ފާލެންޑް މެންޑީ

މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ވަރަށް ހަރަކާތްތެރިކޮށް ފެންނަ ރެއާލް މެޑްރިޑްގެ ފަސް ވަނަ ކުޅުންތެރިޔެއްގެ ގޮތުގައި، ލިޔޯންގެ ޑިފެންޑަރު ފާލެންޑް މެންޑީ ވެއްޖެ އެވެ.

ލިޔޯން އަށް ދެ އަހަރު ވަންދެން ކުޅުނު މެންޑީގެ ސޮއި ހޯދުމަށް، ރެއާލް މެޑްރިޑުން ވަނީ 48 މިލިއަން ޔޫރޯ ލިޔޯންއަށް ދޭން އެއްބަސް ވެފަ އެވެ. މެންޑީ ލިޔޯންއާ ގުޅުނީ 2017 ވަނަ އަހަރު ފްރާންސްގެ ދެ ވަނަ ޑިވިޝަނުންނެވެ. ފްރާންސްގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ މިދިޔަ ނޮވެމްބަރު މަހު އުރުގުއޭ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ވާތު ބެކަށް ކުޅޭ، މެންޑީ ވަނީ މިދިޔަ ސީޒަންގައި ލިޔޯން އާ އެކު 44 މެޗު ކުޅެފަ އެވެ. ތިން ލަނޑު ޖެހި އެވެ. މެންޑީ ރެއާލް އަށް ގެނައީ މިހާރު ރެއާލްގެ ވާތު ބެކަށް ކުޅެމުން އަންނަ މާސެލޯ ވިއޭރާއަށް ވާދަވެރި ކަމެއް ދިނުމުގެ ގޮތުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މާސެލޯ ވިއްކާލަން ރެއާލުން ތިބީ ތައްޔާރަށެވެ.

މެންޑީ ސޮއި ކުރުމުގެ އެއް ހަފުތާ ކުރިން، ރެއާލުން ވަނީ ޗެލްސީއަށް ކުޅެމުން ދިޔަ ބެލްޖިއަމްގެ އެޑެން ހަޒާޑް ލައްވައި ސޮއި ކޮށްފަ އެވެ. އަދި އޭގެ ކުރިން ފްރެންކުފާޓްފެ ސާބިއާގެ ސުޓައިކަރު ލޫކަ ޔޯވިޗް ލައްވައި ރެއާލްއިން ސޮއި ކުރި އެވެ. މެންޑީ ވެގެން ދާނީ އާ ސީޒަނަށް ރެއާލް އާ ގުޅޭ ފަސް ވަނަ ކުޅުންތެރިޔާ އަށެވެ.

ބްރެޒިލްގެ ދެ ކުޅުންތެރިންކަމަށްވާ، ޕޯޓޯގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަދި ސަންޓޯސްގެ ޒުވާން ފޯވަޑް ރޮޑްރިގޯ ގޮއިސްވެސް އާ ސީޒަނަށް ރެއާލް އާ ގުޅޭނެ އެވެ. އެ ކުޅުންތެރިންގެ ޓްރާންސްފާއަށް ކުރި ހޭދައާ އެކު މިހާރުވެސް ރެއާލުން ވަނީ 300 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ.