(11 ޖޫން 2019 އާ ގުޅޭ)
"އޭނާގެ ވަރައިން މިބައި ވަކިކޮށްލާ، އެހެންނޫނީ ރަނގަޅަށް އޮތްބައި މި މުޅަކަން ފުތެރި ކާންފަށާފާނެ، އެއަށްފަހު އަހަރެންގެ މަސައްކަތް ފަށާނަން، އަދި އެވަގުތު އަހަރެންގެ އިޝާރާތެއްވަންދެން އަހަރެންނާއި އީޝަލްގެ ގައިގާ އަތްނުލާތި، މިކޮޓަރިއަށް މީހަކު ވަނަ ނުދޭތި، ކަލޭމެން ތި ތިބި ތަނުގައި ހިމޭންވެ ތިބޭ" އީޝަލްގެ ވަރައަށް ބަލަން ހުރެފައި އެ ވަރައިން ވަސް ބަލާލުމަށްފަހު ލުގަލްބަންދާ ބުންޏެވެ.
އީޝަލްގެ އެނދު ކައިރިން ލުގަލްބަންދާ އެއްފަރާތް ވެލުމުން އެތަނަށް ޒިޔަޒެލް ކައިރިވެލިއެވެ. އީޝަލްގެ ފެތުރިފައި އޮތް ވައަތު ވަރަފަތްގަނޑުން ބުރިވިވެފައި އޮތް ބައި ގުޅުވާ އަޅާފައި އޮތް ބޭސްގަނޑު ޒިޔަޒެލް މޮހެން ފެށިއެވެ. ބޭސްގަނޑު ނެއްޓެމުން ދިޔަ ވަރަކަށް ފަޒާގައި މުޅަވަހެއް ހަރުލަމުން ދިޔައެވެ. އެވަގުތު ޒިޔަޒެލްއަށް އެހީތެރިވަމުންދިޔަ މީކާޢިލް އޭނާއަށް ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.
"ވަރައެއްނެތި ވެސް އޭނާ އުޅެން ދަސްކުރާނެ" ހިތްވަރަށް ޒިޔަޒެލް ބުނެލި އެވެ. ވަސްވާހުގެ ހިޔަނިން ލިބެމުންދިޔަ ނުތަނަސްވަކަމުން ޚުދު އޭނާ ވެސް އެއްކިބާވާން ބޭނުންވެ ހުރެއެވެ.
ބޭސްގަނޑު ވަކި ވަރަކަށް ނެއްޓުމާއެކު ދިރުންނެތިފައިވާ އެއްޗެއް ފަދައިން ގުޅުވި ވަރަފަތް ފަޅި ވެއްޓެން ދިޔައެވެ. އެބައިގައި ހިފީ މީކާޢިލްއެވެ. މިޝަލްގެ ގަބުރު ވަޅުލެވިފައިވާ ތަނުގައި އެބައި ވަޅުލަން އޭނާ ގަސްދުކުރާކަން ހާމަކުރީ އެވަގުތެވެ. ޒިޔަޒެލް މަޑުމަޑުން ބޯޖަހާލީއެވެ. އީޝަލްއާ ދުރަށް ޖެހިލުމާއެކު މީކާޢިލްގެ އަތުގައި އޮތް ވަރައިގެ ބައިގައި ބޭސްފޮތި އަޅާ ބަނދެލިއެވެ. އީޝަލްގެ ވަރަށް ލިބިފައިވާ ޒަޚަމް ރޯ ފާރުގަނޑެއް ފަދައިން ހުއްޓެވެ. އެތަން ޒިޔަޒެލް ސާފުކުރުމަށްފަހު ބޭސް އެޅިއެވެ. އަދި އޭނާގެ މަސައްކަތް ނިމުމުން ދުރަށް ޖެހިލައި ލުގަލްބަންދާއަށް ބަލާލިއެވެ.
ޒިޔަޒެލްއާއި މީކާޢިލްއާ ދެ މީހުންގެ ނަޒަރު ހުރީ ލުގަލްބަންދާއަށް ހުއްޓިފައެވެ. އޭނާ މަޑުމަޑުން އައިސް އީޝަލްގެ އެނދުކައިރީ މަޑުކޮށްލިއެވެ. އިރުކޮޅަކު އީޝަލްއަށް ބަލަން ހުރެފައި ލުގަލްބަންދާގެ ސިފަ ބަދަލުވާންފެށިއެވެ. ކަޅުދުންގަނޑެއް އީޝަލްގެ އެނދު ވަށައިލިއެވެ. އެ ދުންގަނޑު ހިނދެން ފެށިއިރު މީހެއްގެ ސިފަ ޖެހިފައި ހުރި ލުގަލްބަންދާ އިނީ ބަންޑުން އޮތް އީޝަލްގެ ގާތުގައެވެ. އޭނާގެ އުނަގަނޑުގެ ދެފަރާތުން އެނދުމަތީ ދެފައި ވިއްދާލައިގެން އިން ލުގަލްބަންދާ އީޝަލްގެ ބޮޑުކޮށް އޮތް ވަރައިގައި ދެއަތުން ހިފިއެވެ. ގިނައިރެއްނުވެ ތަންމަތީގައި އޮތް އީޝަލް އަޑެއް ލައްވާލިހެން ދުރުގައި ތިބި މީކާޢިލްއާއި ޒިޔަޒެލްއަށް ވެސް ހީވިއެވެ. ދެން ފެނުނީ އީޝަލްގެ އެ ބޮޑު ވަރަފަތްގަނޑު ތެޅިގަތް ތަނެވެ. ނަމަވެސް ލުގަލްބަންދާގެ ދެއަތުން އެ ހިފެހެއްޓުމަށްފަހު ބުރަކައްޓާ ގުޅިފައި ހުރި ހިސާބުގައި އޭނާ އަތްލައި ބަލަން ފެށިއެވެ. ޒިޔަޒެލްއާއި މީކާޢިލްއަށް ސިހުން ލިބުނީ ލުގަލްބަންދާގެ އަނގަ ހުޅުވި އޭނާގެ ތޫނު ދަތްތައް އީޝަލްގެ ވަރައާއި ބުރަކަށްޓާ ގުޅިފައިވާ ހިސާބަކަށް ވައްދާލައި ދަތްއެޅިތަން ފެނުމުންނެވެ. މީކާޢިލްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހިނދު ލުގަލްބަންދާ ކުއްލިއަކަށް ބަލާލައިފިއެވެ. އޭނާގެ ދެ ލޯ ފެނި މީކާޢިލްއަށް ވެސް ހިންދިރުވާލެވުނެވެ. ނަފްސަށް އިޙްސާސް ކުރެވުނު އާދަޔާ ޚިލާފު ބިރުވެރިކަމެއްގެ ސަބަބުން އޭނާ ޖެހިލުންވީއެވެ. ޒިޔަޒެލް ނިކަން އަވަހަށް މީކާޢިލްގެ މުލައްދަނޑީގައި ހިފައި އޭނާގެ ގާތަށް ގެނައެވެ. މަޑުމަޑުން ދެފަރާތަށް ޒިޔަޒެލް ބޯހޫރާލީ މީކާޢިލް ގާތު ކުރިއަށް ނުދާށޭ ބުނާ ފަދައިންނެވެ. ލުގަލްބަންދާގެ އަނގަ ނައްޓާލައި ވައަތުން އަނގަމަތި ފުހެލިއެވެ. އަދި އޭނާ އީޝަލްއަށް ބަލަން އިނެވެ. ކަމަކަށް އިންތިޒާރުކުރާ ފަދައަކުންނެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ އީޝަލްގެ ހަށިގަނޑު ތެޅެންފެށިއެވެ. ފެންނެތް ތަނަކަށް އެއްލާލެވިފައި އޮތް ރޯ މަހެއް ތެޅޭ ފަދައިންނެވެ. ލުގަލްބަންދާ ގެނައި ކުއްލި ހަރަކާތާއެކު އޭނާ އީޝަލް އުއްޑުން ޖެހިއެވެ. އީޝަލްގެ ކޯތާފަތުގައި ދެ އަތުން ހިފަހައްޓާލުމާއެކު އޭނާ އީޝަލްގެ ކަންފަތް ދޮށަށް ގުދުވެ އެއްޗެހިތަކެއް ކިޔަން ފެށިއެވެ. ދެން ތެދުވެ އީޝަލްގެ ދެ ލޯ ހުޅުވާލުމަށްފަހު ލުގަލްބަންދާގެ ދެ ލޯ އަމާޒުކޮށްލައި އެ މޫނާ މޫނު ގާތްކޮށްލިއެވެ. ގިނައިރެއްނުވެ ދެންފެނުނީ ލުގަލްބަންދާ ދުރަށް ވިއްސައިގެން ދިޔަތަނެވެ. ޒިޔަޒެލްއާއި މީކާޢިލްއަށް ވެސް ސިހުން ލިބި ފަހަތަށް ޖެހިލެވުނެވެ. އެމީހުންގެ ނަޒަރު އީޝަލްއަށް ހުއްޓުނު އިރު އޭނާ ހުރީ ކޮޅަށެވެ. ދެލޮލުގެ ކަޅި ދިއްލި ދެވަރަ ހުޅުވާލައިގެންނެވެ. ތަޅުމުގައި އޭނާގެ ފައެއް ނުޖެހެއެވެ. އެހެން ހުރިއިރު އީޝަލްގެ ފުށުން ތަފާތު ބާރެއްގެ އިޙްސާސް މީކާޢިލްއާއި ޒިޔަޒެލްއަށް ވެސް ކުރެވުނެވެ. ޖެހިލުންވާ ފަދަ އިޙްސާސެކެވެ. ދުރުގައި އޮތް ލުގަލްބަންދާ ވެއްޓިފައި އޮތް ގޮތަށް އޮތީއެވެ. ހީވަނީ އޭނާގެ ޚަބަރު ހުސްވީ ހެންނެވެ. ދެން ހަދަންވީ ކިހިނެއްކަމެއް ޚުދު ޒިޔަޒެލްއާއި މީކާޢިލްއަކަށް ވެސް ނޭނގުނެވެ. ދެ މީހުން ވެސް އީޝަލްއަށް ބަލަން ތިބީއެވެ. ކުރިއަށް އީޝަލްގެ ކަނާއަތް ދަމާލިއެވެ. އޭނާގެ ނަޒަރު ހުރީ ލުގަލްބަންދާއަށް ހުއްޓިފައެވެ. ދެއަރިށް ބޯއަރިކޮށްލާފައި ދެން ފެނުނީ ދެއަތުން އީޝަލް ބޮލުގައި ހިފެހެއްޓިތަނެވެ. އެއާއެކު މުޅި މާޙައުލް ގުގުމައިގެން ދިޔަ ފަދަ ބާރު އަޑަކުން އީޝަލް ހަޅޭލަވައިގަތެވެ. އެ ހަޅޭކުގެ ތެރެއިން އޭނާ ރައުލްއަށް ގޮވިއެވެ. ދެކަކޫ މައްޗަށް ވެއްޓުނު އީޝަލްގެ ދެއަތް ތަޅުމުގައި ވިއްދާލިއެވެ. ހިނދިގެން ދިޔަ ހަޅޭކަށްފަހު ވައި އަޑުން ލުގަލްބަންދާއަށް އީޝަލް ގޮވާލި އަޑު އިވުނެވެ. އެހިނދު އީޝަލްގެ ބުރަކަށި އުފުލުނެވެ. ބޯކަޅު ދުންތަކެއް އޭނާ ވަށައިލައި އޭގެ އަސަރު ފިލައިގެން ދިޔައިރު އީޝަލް އަތްދަނޑި މައްޗަށް އުފުލާލައިގެން ލުގަލްބަންދާ ކޮޅަށް ތެދުވަނީއެވެ. ހައިރާންވެ އަޖައިބުވެފައި ތިބި މީކާޢިލްއާއި ޒިޔަޒެލްއަށް ބަލާލެވުނީ އިހު ލުގަލްބަންދާ ޚަބަރު ހުސްވެފައި އޮތް ދިމާއަށެވެ. އެތަނުގައި މިހާރު އެކަކު ވެސް ފެންނާކަށް ނެތެވެ. އެމީހުންނަށް ހިލަމެއް ވެސް ނުވެ ލުގަލްބަންދާ އީޝަލްގެ ގާތަށް އައިގޮތަކާ މެދު އެ ދެ މީހުން ވެސް ތިބީ އަޖައިބުވެ އަންތަރީސްވެފައެވެ. އެ ހައިރާންކަން ފިލުވާލީ ކަންފަތުގައި ޖެހުނު އީޝަލްގެ ރުއިމުގެ އަޑެވެ. އޭރު ލުގަލްބަންދާގެ އާންމު ސިފަ ޖެހި އީޝަލްގެ އެނދުކައިރީ އޭނާ އިނެވެ.
"އޭނާ އެނބުރި އަތުވެއްޖެ" ލުގަލްބަންދާ ބަލާލީ މީކާޢިލްއަށެވެ. އަދި މަޑުމަޑުން އޭނާ އެތަނުން ދުރަށް ދިޔައެވެ. އޭނާ ދިޔަގޮތް ފެނި ޒިޔަޒެލް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ލުގަލްބަންދާ އެ ކޮޓަރީގެ ދޮރުން ކިރިޔާ ނުކުމެވުނީއެވެ. ހަތަރެސްފައިގެ މައްޗަށް ހުންނަން އުނދަގޫވެ ތަޅުން މައްޗަށް އޭނާ ވެއްޓުނީއެވެ. ޒިޔަޒެލް ވަގުތުން އައިސް ލުގަލްބަންދާގެ ގާތުގައި އިށީނެވެ.
"އަހަރެންނަށް ކުޑަ ވަގުތުކޮޅެއް ދީ" ލުގަލްބަންދާ ބުނެލިއެވެ. ޒިޔަޒެލް ބޯޖަހާލީއެވެ. ލުގަލްބަންދާ ފުންނޭވާތަކެއް ލަމުންދާއިރު ހީވަނީ އޭނާ ވަރުބަލިވެ ގައިން ވަރުދޫވެފައި އޮތް ހެންނެވެ.
"އަޅުގަނޑު ފެންވަރާލަން ބޭނުން" މީކާޢިލްގެ އަތުގެ ތެރޭ އޭނާގެ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދީ އިނދެފައި އީޝަލް ބުންޏެވެ.
"އެންމެ ރަނގަޅު، މިވަގުތު ބޮޑުދައިތައެއް ވެސް މާމައެއް ވެސް ނެތް، އެކަމަކު ލާމިއާ ހުންނާނެ، އޭނާ ދަރިފުޅަށް އެހީވާނެ.... އެންމެން ތިރީ ފެންޑާގައި އެބައުޅޭ، ދަރިފުޅު އަންނަންދެން ބައްޕަމެން މަޑުކުރާނަން" ލުއި ހިނިތުންވުމެއް އީޝަލްއާ ބަދަލުކޮށްލައި އޭނާގެ ނިތްކުރީގައި މީކާޢިލް ބޮސްދިނެވެ. އީޝަލް ބޮލުންކޮއްލި އިޝާރާތް އެއީ ޖަވާބެއްކަމަށް މީކާޢިލް ފުއްދާލިއެވެ. އީޝަލްގެ މަގަތުން ތެދުވެ އެ ކޮޓަރިން ނުކުންނަން މީކާޢިލް ހިނގައިގަތެވެ.
ލާމިއާ އައިސް އީޝަލްގެ ކޮޓަރިއަށް ވަނެވެ. ޒިޔަޒެލްއާއި މީކާޢިލް ތިބީ އެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. އެތަނުގައި ލުގަލްބަންދާ އޮތްތަން ފެނި ޒިޔަޒެލްއާ އޭނާ ސުވާލުކުރިއެވެ. ބާރަކީ މީހާގެ ހަކަތައާ ވެސް ގުޅިފައިވާ އެއްޗަކަށްވާއިރު ލުގަލްބަންދާގެ ޒަޚަމްތައް ފަސޭހަވީ ނަމަވެސް އޭނާ މުޅިން ހަމައަކަށް ނޭޅެއެވެ. އީޝަލްއާ ކުރިމަތިލާން އޭނާ ވަގުތު ބޭނުންވީ މިހެންވާނޭކަން އެނގޭތީއެވެ. އެމީހުންގެ ތެރޭގައި އެކަން ކުރެވެނޭ މީހަކަށް ހުރީ ވެސް ހަމައެކަނި ލުގަލްބަންދާއެވެ. އީޝަލްއާ އޭނާ ބައްދަލުވީ ވެސް އެހެންވެއެވެ. އީޝަލް ރައްކާތެރިކުރުމަކީ ކޮންމެ ހާލެއްގައި ވެސް އޭނާ ކުރާނޭ ކަމެކެވެ.
* * * *
ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒަގަންއަށް ބޮލުގައި ދޭތެރެއަކުން އަތްހާކާލެވެއެވެ. ބޭރީތު ކަންތައްކުރާ ގޮތުން އޭނާއަށް ހީވަނީ ވަގުތީ ހައްޔަރެއްގައި އޭނާ ބަންދުވެފައި ހުރީ ހެންނެވެ. ގަނޑުވަރުން ބޭރަށް ދާނަމަ ބޭރީތުގެ ޚާއްޞަ ސިފައިންގެ ތެރެއިން ބަޔަކު ފޮނުވައެވެ. ބިންގަރާހުގައި ހުރި ހަރުގެއަށް ރައުލްއާ ބައްދަލުކުރަން ދާން ޒަގަން ވަނީ ކެތްމަދުވެފައެވެ. އޭނާގެ ހާލަކީ ކޮބައިތޯ ބަލަން ޒަގަން ބޭނުންވަނީއެވެ. އެތަނުގައި އޮވެ އޭނާ މަރުވީބާއޭ ވެސް ޒަގަންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އެތަނުގެ ހިލިހިލާތަކުން ސަލާމަތްވުމަކީ އޭނާއަށް ވެސް ނުވާނޭވަރު ކަމެއްކަން ޒަގަންއަށް އެނގެއެވެ. ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބެނީ އެހެންވެއެވެ.
ލާވީއަށް ވަނީ މާޔޫސްކަން ލިބިފައެވެ. އެހެންނަމަވެސް އޭނާ ހިތްހަމަޖައްސާލަނީ ދަރިފުޅު ހުރީ އޭނާއަށް ފެންނަ ހިސާބު ގާތުގައިކަން އެނގޭތީއެވެ. ރާވިން އުޅެނީ ލާވީއާ ދުރުންނެވެ. ފެނުނަސް ފެންނަކަމަކަށް ނުހަދައެވެ. ވަރަށް ބޮޑަށް އެކަހެރިވެގެންނެވެ. އޭނާ ނަމާދުކޮށް ރޮއެ ހަދާތީ ލާވީ ދުށްޓެވެ. އެ ޢަމަލުތައް ލާވީ ސިއްރުން ބެލިއެވެ. އޭނާ އެކުރާ ކަމެއް ލާވީއަށް އެނގެއެވެ. އެ ހަރަކާތްތައް ކުރާތީ އޭނާ އެންމެ ފުރަތަމަ ދުށީ ރައުލްގެ މަންމަ ޖިލައްޔާ އެ ގަނޑުވަރަށް ގެނެވުނު ފަހުންނެވެ. އެކަމުންވާ ފައިދާއަކީ ކޮބައިބާވައޭ ލާވީގެ ހިތަށް އަރައެވެ. އަނެއްކޮޅުން އެއީ ހަށިގަނޑަށް ޖެހުމަށްފަހު ފަސޭހަނުކުރެވޭ ބައްޔެއްކަމުގަ ލާވީ ޤަބޫލުކުރެއެވެ. އެ ބަލި ޖެހުމުން އެކަކު ދައްކާ ވާހަކައެއް ވެސް އަޑު ނާހާނޭކަން އެނގެއެވެ. ރާވިން އެ އުޅެނީ އެހެންކަން ލާވީ ދެނެގަތީ އެގޮތުގެ މަތިންނެވެ.
ސިއްރުން އައި ރާވިން ހުއްޓުނީ ގަނޑުވަރުގައި ހުންނަ ރައުލްގެ ކޮޓަރި ކައިރީއެވެ. އިރުކޮޅަކު މަޑުކޮށްލީ އެ ހިސާބުން ބައެއްގެ ހިލަމެއް ވޭތޯ ޔަގީންކުރުމަށެވެ. އެއަށްފަހު އޭނާ ހަލުވިކޮށް ރައުލްގެ ކޮޓަރިއަށް ވަނެވެ. ލައްޕާލެވުނު ދޮރުފަތުގައި ޖެހިލައިގެން އިރުކޮޅަކު އެ ކޮޓަރިއަށް ބަލަން އޭނާ ހުއްޓެވެ. ތަރުތީބު ގެއްލިފައިވި އެ ކޮޓަރި ފެނުމުން ރާވިންއަށް ވިސްނާލެވުނެވެ. އެތަނަށް މީހަކު ވަދެއްޖެކަން ރާވިންއަށް ޤައިމުވިއެވެ. އޭނާ ރައުލްއާއެކު އެކޮޓަރިއަށް ވަން ކޮންމެ ފަހަރަކު ވެސް ފެންނަނީ ކޮންމެ އެއްޗެއް ވެސް ވަކި ތަރުތީބަކުން ހުންނަތަނެވެ. ހަޑިވެފައި އެއްވެސް ތަނެއް ނުހުރެއެވެ. އެނދުގެ ތަންމަތީގައި މީހަކު ނިދިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނުހުރެއެވެ. ކުރިއަށް ރާވިން ފިޔަވަޅު އަޅާލިއެވެ.
"މިތަނަށް އެމީހަކުވަނުމުގެ ބޭނުމަކީ ކޮބާ؟" ވަށައިގެން ބަލަމުން ރާވިން އަމިއްލަ ހިތާ ސުވާލުކުރިއެވެ. ހުޅުވާލެވިފައި ހުރި ރައުލްގެ ހެދުންތައް އެޅި އަލަމާރި ކައިރީ ރާވިން ހުއްޓިލިއެވެ. ބައެއް ހެދުންތައް ވަނީ ތަޅުންމައްޗަށް އަޅާލެވިފައެވެ. ވެއްޓިފައި ހުރި ބައެއް އެއްޗެހި ރާވިން ނެގިއެވެ. އަދި އައިސް ރައުލްގެ އެނދުގައި އިށީނެވެ.
"އަހަރެން ދެން ކިހިނެއް ހަދަންވީ؟ އެނބުރި ޔާފިއާގެ ގާތަށްދާން ބޭނުން، ރައުލް... އީޝަލްއާ އަހަރެން ބައްދަލުވެއްޖެނަމަ ދޭނީ ކޮންޖަވާބެއް، ކަލެއާ ނުލާ އަހަރެން އޭނާގެ ކުރިމައްޗަށް އަރަންވީތަ؟... ބުނަންވީތަ ކަލޭ އެނބުރި އައުމެއްނެތްތަނަކަށް ހިނގައްޖޭ" ރާވިން ވާހަކަދެއްކީ އޭނާގެ ގާތުގައި ރައުލް ހުރި ފަދައަކުންނެވެ. ހަދާނޭ ގޮތެއްނޭނގި މާޔޫސްކަމާއެކު ރާވިން އިސްޖަހާލިއެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގެ ފަހަތު ފައެވެ. ކުއްލިއަކަށް ހަނދާންވީ އެނދުގެ ފައިދަށުގައި ރައުލް އެއްޗެހިލާ ތަނެއް ހުންނަ ކަމެވެ. އެތަން ދެތިން ފަހަރަކު ރާވިންއަށް ހުރީ ފެނިފައެވެ.
"އެއީތަ މިތަނަށް މީހަކުވަން ބޭނުމަކީ، ރައުލްގެ ސިއްރުތައް ހޯދަންތަ؟" އަމިއްލަ ޟަމީރާ ރާވިން ސުވާލުކޮށްލިއެވެ. އަދި ނިކަން އަވަހަށް އެނދުން ތެދުވެ ފައިލާކޮޅުގައި ހުއްޓި އެނދު ހިއްލާލައި އެއްފަރާތަށް ޖައްސާލިއެވެ. އަދި އެނދުގައި ފައި ޖެހިފައި ހުރި ދެ ފަރާތުގައި ރާވިން އަތްކާތަމުން ދަނިކޮށް ތަފާތު ހޫނުކަމެއްގެ އިޙްސާސް ކުރެވުނެވެ. އޭނާ އަތުން ޖަހައި ތަޅުމުގެ އެބައި ތަޅާލިއެވެ. އެއާއެކު ރަންފައުނުތަކަކާއި ކުލަކުލައިގެ ޖަވާހިރު ޖަހާފައި އޮތް ފިޔޮއްސެއްގެ އިތުރުން ދެން ވެސް އަގުހުރި އެހެން އެއްޗެހި ހުއްޓެވެ. އޭގެ ތެރޭގައި އޮތް ކަޅުވަކަރުގެ ފޮށި ވެސް ރާވިންގެ ލޮލުގައި އަޅައިގަތެވެ. އޭނާއަށް ފައިދާއެއް ކުރާނޭ އެއްޗެއް އެއަކުން ނުފެނުނެވެ. އެހެންވެ އޭގައި އޮތް ފޮށި ހިފައިގެން ކޮޅަށް ތެދުވިއެވެ. އޭގައި އޮތީ ކޯޗެއްތޯ ބަލާލުމަށް ހުޅުވާލިއެވެ. ފެނުނީ ފޮށީގެ އެތެރެ ފަރާތުގައި ހުރި ނިޝާނެކެވެ. އަދި ރަތްކުލައިގެ މަލްމަލް ފޮތީގެ ތެރޭގައި އޮތް ކަޅުރަތްކުލަ މަސްހުނިވެފައިވާ ހިލަ ކޮޅެކެވެ. އެ ނަގައި ރާވިން ބަލާލިއެވެ. ހަމައެވަގުތު ކުއްލިއަކަށް ރައުލްގެ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އަތުގައި އޮތް ހިލަކޮޅު ރާވިންލީ އޭނާގެ ހަރުވާޅުގެ ކަމަރު ދޭތެރެއަށެވެ. އަދި އެދިމާލުން އަތް ވިދެލައިގެން ހުއްޓެވެ.
"ކަލޭ މިތާ ކީއްކުރަނީ؟" އިވުނީ ޒަގަންގެ އަޑެވެ.
"ތި ސުވާލު މަށަށް ވެސް ކުރެވިދާނެ، ކަލޭތީ ރައުލްގެ އެންމެ ބޮޑު ދުޝްމަނު، މިތަނަށް ވަނީ ކަލޭކަން ޔަގީން، ކޯޗެއް ހޯދަން ކަލޭ މިތަނަށްވަނީ... ރައުލް ކޮބާ؟ އޭނާއަށް ކަލޭ ހެދީ ކިހިނެއް؟" ރުޅިވެރިކަމާއެކު ރާވިން ބުންޏެވެ.
"ޝުކުރުވެރިވާން ވެސް ކަލެއަށް ނޭނގޭތަ؟ އޭނާގެ ފުރާނަ ދުއްވާލި ވަގުތު އޭނާއާއެކު ކަލޭ ވެސް މަރާލެވުނުނަމަ، ބައްޕަގެ އަމުރު ނުވާނަމަ އަހަރެން ކަލޭ ލާވީއަށް ރައްދެއްނުކުރާނަން" ބޮޑާކަމާއެކު ޒަގަން ބުނެލިއެވެ. ރާވިންގެ ރުޅިއާއި އޭނާއަށް ލިބިފައިވާ ހިތްދަތިކަން ފެނުމުން ޒަގަންއަށް އުފާވެރިކަމެއް ލިބިފައިވާ ކަހަލައެވެ.
"ކަލޭގެ ނިމުން ވަރަށް ހިތިވާނެ، ކަލޭގެ ތި ބޮޑާކަމާއި އަނިޔާވެރިކަމުން އެވަގުތު އެއްވެސް ފައިދާއެއްނުކުރާނެ، ކަލެއަށްވުރެ ބާރުވެރި ފަރާތެއްވޭ" ހިތުގައިވީ ނަފުރަތު އޮބިނޯވެގެން ރާވިން ބުންޏެވެ.
"ކަލޭ މިތަނަށް ވަނީ ކޯޗެއް ހޯދަން، ތީ ކޮން ފޮށްޓެއް" ޒަގަން އައިސް ރާވިންގެ އަތުގައިވީ ފޮށި ޖަހައިގަތެވެ. އަނގައިން ބުނުމެއްނެތި އެތަނުން ރާވިން ނުކުމެގެން ދިޔައީއެވެ. އެވަގުތު އެތަނުގައި ހުރި އެނދު އެއްފަރާތް ކުރެވި ތަޅުމުގައި ހުޅުވިފައި ހުރި ބާގަނޑު ފެނުމުން ޒަގަން އަވަސްވެގަތީ އެދިމާއަށެވެ. ރާވިންއަށް ފަރުވާލެއްނުބަހައްޓައެވެ.
* * * * *
ފެންޑާގައި ތިބި އެންމެން އެއްފަހަރާ ކޮޅަށް ތެދުވިއެވެ. ލާމިއާއެކު އެމީހުންގެ ތެރެއަށް އައި އީޝަލް ފެނުމުންނެވެ. މީކާޢިލްގެ ހިތަށް އުނދަގޫތަކެއް ކުރެވުނެވެ. އީޝަލްގެ މޫނުގައި އެއްވެސް އަސަރެއް ނުވާތީ ފެނުމުންނެވެ. ކޮންމެ މީހަކު ތިބީ ބުނާނޭ އެއްޗެއް ނޭނގި އާގަމަވެފައެވެ. އެންމެންނަށް ބަލާލުމެއްނެތި އީޝަލް އައިސް ހުއްޓިލީ ޔާފިއާގެ ކުރިމަތީއެވެ. އޭނާގެ ދެއަތްތިލައިގައި އީޝަލް ހިފާލިއެވެ.
"އަހަރެންނަށް މަޢާފުކުރާނަންތަ؟" އީޝަލް އެއްސެވެ. ޔާފިއާ ހިފަހައްޓަމުން ދިޔަ ކަރުނަތައް އޭގެ މަޤާމު ދޫކޮށްލީ އެހިނދުއެވެ. އީޝަލްގެ ގައިގާ އޭނާ އޮޅުލައިގަތެވެ. މަޑުމަޑުން އޭނާގެ ބުރަކަށީގައި އީޝަލް ފިރުމަމުން ދިޔައެވެ. އެ މަންޒަރު ބަލަން ހުރި މީކާޢިލްއަށް ތުންފިއްތާލެވުނެވެ. އީޝަލް ރޯނޭކަމަށް ހީކުރެވުނު ނަމަވެސް އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުނުވާތީ މީކާޢިލް ކަންބޮޑުވިއެވެ. އޭނާ ލުގަލްބަންދާއާ ދިމާއަށް ބަލާލިއެވެ.
"ކަލޭ އީޝަލްއަށް ކިހިނެއް ހެދީ؟ އެނބުރި އައީ އަހަރެންގެ އީޝަލް ހެނެއް ހިޔެއްނުވޭ" މީކާޢިލް ވާހަކަދެއްކީ ޒިޔަޒެލްއާ ދެ މީހުން ސިއްރުން ވާހަކަދައްކާ ގޮތަށެވެ. އެ އަޑު އިވި ލުގަލްބަންދާ ރައްދު ދިނެވެ.
"އެއީ އީޝަލް... އޭނާގެ ނަފްސު ރޯއަޑު އަހަރެންގެ ކަންފަތުން އެންމެ ހިނދުކޮޅަކަށް ވެސް ކަނޑައިގެން ނުދޭ، އެއްވެސް ޝައްކެއްނެތި އެއީ އޭނާ" ލުގަލްބަންދާ ބުންޏެވެ.
މީކާޢިލް ދެން ބަލާލީ ލާމިއާއަށެވެ. އޭނާ ގާތު އީޝަލް އެއްވެސް ވާހަކައެއް ދެއްކިތޯ އެއްސެވެ. އޭނާ ހުރީ އަޖައިބުވެފައި ކަމުގައި ބުންޏެވެ. އީޝަލް އެއްވެސް އެއްޗެއް ނުބުނާތީއެވެ. ލާމިއާ ދެއްކި ވާހަކަތަކަށް ވެސް ރައްދެއް ނުދިން ކަމުގައި ބުންޏެވެ. ދަރިފުޅާ މެދު މީކާޢިލްގެ ކަންބޮޑުވުން އިތުރުވިއެވެ. ހިތުގެ އަޑިން އޭނާއަށް މިޝަލްއަށް ގޮވާލެވުނެވެ. މިފަދަ އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ދަރިފުޅާމެދު ކަންތައްކުރާނޭ ގޮތެއް މިޝަލް ހުރިނަމަ އެނގުނީހޭ މީކާޢިލްގެ ހިތް ބުނެއެވެ.
(ނުނިމޭ)