ލައިފްސްޓައިލް

ސްމާޓްފޯނާއެވެ! ލޯ މަތިން ތިބާ ގެއްލިގެން ދިއުމަކަށް ނޭދެވެ އެވެ!

Jul 20, 2015

ޑޭމިއަން ރައިސްގެ ނިކަން މަޝްހޫރު ލޯބީގެ ލަވައެއް އޮންނާނެ އެވެ. އޭގައި ބުނަނީ ލޯ މަތިން ތިބާ ގެއްލިގެން ދިއުމަކަށް ނޭނދޭ ވާހަކަ އެވެ. ނުވަތަ މިހެންނެވެ.

"އައި ކާންޓް ޓޭކް މައި އައިސް އޮފް ޔޫ."

ދިވެހިން ދުށް ކުޅަދާނަ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ނިކަން މަޝްހޫރު ލަވައެއްގައި ބުނަނީ "ތިބާ ނުފެނިގެން ނުވަތަ ތިބާ ނުފެންނަނީސް ލޮލަކަށް ނިންޖެއް" ނާންނަ ވާހަކަ އެވެ.

ރީކޯ މޫސަ އާއި މަރިޔަމް ނިޝާ އެކްޓްކޮށްފައިވާ ކްލެސިކް އަދި ހިތްގައިމު ލަވަ، "މޫނޭ ތިއީ ހިތް އެނދޭ" އަކީ ވެސް މި ފާހަގަކުރިހާ ރޮމޭންޓިކް ނުވަތަ ލޯބީގެ ޖަޒުބާތުތަކެއް ބަންޑުންކުރުވާ ލަވައެކެވެ.

އެކަމަކު ހިތާމަ އަކީ "ލޯބީގެ މި ވައްތަރަށް" މިހާރު އިރުއޮއްސި ސްމާޓް ފޯނުގެ ލޯތްބަށް އިރު އަރައިފައިވާ ކަމެވެ.

އޭރު ލޯބީގެ ވަލަށް ވަދެ ފިލައި ތިބެ ދެ ލޯބިވެރިން ބުނަނީ "މި ދެ ލޯ މަތިން ތިބާ ގެއްލިގެން ދިއުމަކަށް ނޭނދޭ" ވާހަކަ އެވެ. "ލޮލަކަށް ނިންޖެއް ނާންނަ" ވާހަކަ އެވެ. ނުވަތަ "މީހުން ނުވާ ތާކަށް ދާން" ޖެހޭ ވާހަކަ އެވެ.

މި އެޕިސޯޑް ހަމަ އަސްލަށް މިހާރު ނިމުމަކަށް އަތުވެއްޖެ އެވެ. ލޯބީގެ މި ހިތްގައިމު ސިލްސިލާ ހަރާބުކޮށްލި އެއްޗަކީ ސްމާޓްފޯނޭ ނުބުނެވޭނެ ހަމަ އެއްގޮތެއް ވެސް ނެތެވެ.

ކުރިން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބި ދެ ލޯބިވެރިން މިހާރު ކަޅި ޖަހާނުލައި ބަލަހައްޓައިގެން ތިބެނީ އަތުގައި އޮންނަ ސްމާޓްފޯނުގެ ސްކްރީނަށެވެ. ދެ މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ކޮފީއަކަށް އެރިޔަސް، ރެސްޓޯރެންޓަކަށް ކާން ދިޔަޔަސް ނުވަތަ އެނދަށް އެރިޔަސް މިއަދުގެ ހާލަކީ މިއީ އެވެ.

ސްމާޓްފޯނާއި އިންސާނާއާ ދެމެދު އޮތް ގުޅުން ހިތާއި ހިތުގެ ގުޅުމަކަށް ބަދަލުވެ، ހިތާއި ހިތުގެ އަސްލު ގުޅުން މި ވަނީ މާ ބޮޑަށް ވެސް ހަރާބުވެފަ އެވެ. ދެ މީހުންގެ ގުޅުން ކެނޑި ދެ މީހުން ވަކިވާން ޖެހިދާނެ ކަމުގެ ބިރެއް ނުވަތަ ކަންބޮޑުވުމެއް މިއަދުގެ ލޯބިވެރިންނާއި ހަޔާތުގެ ބައިވެރިންގެ މެދަކު ނެތެވެ.

އެ ކަންބޮޑުވުމެއް އޮތަސް ސްމާޓްފޯނަށް ގޮތެއް ވެދާނެތީ އާއި އޭގެ ޗާޖު ހުސްވެދާނެތީ ނުވަތަ އިންޓަނެޓްގެ ކަނެކްޝަން އެއަށް ނުލިބިދާނެތީ ގަންނަ ބިރާއި ކަންބޮޑުވާ ކަންބޮޑުވުމުން މިއަދު މާ ބޮޑެވެ. ލޯބިވެރިޔާ ގެއްލުމަށް ވުރެ ސްމާޓްފޯނު ގެއްލުމުން ލިބޭ ހިތްދަތިކަން ބޮޑެވެ. އަދި ދެ މީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުން ކެނޑިގެން ދިއުމަށް ވުރެ ބޮޑަށް ފޯނަށް ވައިފައި ނުލިބި އިންޓަނެޓްގެ ހިދުމަތް ކެނޑިގެން ދިއުން ވަނީ މިހާރު މާ ބޮޑަށް ދެރަވާ ކަމަކަށެވެ.

އެހެންވީމަ ލޯބި މަރުވީ ހެއްޔެވެ؟ ނުވަތަ އިންސާނާގެ ސިކުނޑި ކުރިއަށް ޖެހިލި ގޮތުން ލޯބިކުރާ ގޮތް ނުވަތަ މާފޮޅުވުމުގެ ސަގާފަތް އާ އުސްމިނަކަށް އެރީ ހެއްޔެވެ؟

މާ ކުރީގެ ޒަމާނަށް ޖެހިލާއިރު ފެންނާނީ ގޭގެ ގޯތި ތެރޭގައި ހުރި ނުވަތަ އެހެން ގެއެއްގެ ގޯތި ތެރޭގައި ހުންނަ ފިނިފެންމާ ގަހަކުން މަލެއް ބިނދެލައިގެން މާ ސިންގާ ރެލީ ބައިސިކަލަކަށް އަރައިގެން ގޮސް އަންހެން ކުއްޖާގެ ގޭ ދޮށުގައި އޭނާގެ އިންތިޒާރުގައި ފިރިހެން ކުއްޖާ ވަގުތު ގުނަން އިންނަ މަންޒަރެވެ. ނުވަތަ ހަވީރު ފިންޏަށް ނަލަހެދިގެން ބޮލުގައި ފޮނިމައުލައިގެން އަތިރިމައްޗަށް ނުކުމެ ރުއްގުޅިއެއްގެ މަތީގައި އިށީނދެލައިގެން އިންނަ ލަދުރަކި އަންހެން ކުއްޖެއްގެ ގާތުގައި ފިރިހެން ކުއްޖަކު އިށީނދެލައިގެން އިންނަ މަންޒަރެވެ.

ނުވަތަ ރީކޯ މޫސަ އާއި މަރިޔަމް ނިޝާގެ އަނެއް ހިތްގައިމު ލަވަ "ދަނެހެ އައިސްބަލާ" ގައި ފެންނަނީ ވެސް އޭރުގެ ލޯބީގެ ވައްތަރެކެވެ.

މަންމަ އަށް ނުވަތަ ބައްޕަ އަށް ވަގަށް ލޯބިވެރިޔާއާ ބައްދަލުވާން ގެއިން ނުކުންނަ އަންހެން ކުއްޖާ އޭނާގެ ކޮއްކޮއެއް އުރާލައިގެން ހަވީރު ފިންޏަށް ނުކުތުމަކީ ވެސް ދިވެހިން ކުރިން "ޑޭޓްކޮށް" އުޅުނު ގޮތެކެވެ. މި އަންހެން ކުއްޖާ އޮއްސޭއިރާއެކު ދާނީ ރަތްވިލާގެ މަންޒަރު ބަލާށެވެ.

ފިރިހެން ކުއްޖާ ގޮސް އޭނާގެ އަތުގައި ހިފާ ހިސާބުން އެމީހުންގެ ލޯބީގެ ދުނިޔެ އަށް އަރާނީ 14 ވިލޭރޭގެ ހަނދެވެ. ފަހަރެއްގައި ދިވެހި ސިނަމާގައި އެންމެ މަޝްހޫރު "ލޯބީގެ ބިރުވެރި" ފިލްމުތަކަށް ޖިންނި އެރީ ދިވެހިންގެ ލޯބީގެ މި ކޮންސެޕްޓް ތެރެއިން ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް ގޯތި ތެރޭގައި އިންދި ފިނިފެންމަލާއި އެނދުގައި އޮވެ ދެ އަތުން ލިޔުނު ލޯބީގެ ސިޓީ އިން ބައިވެރިޔާ އަށް ލޯބީގެ ވެދުން ފޮނުވި ޒަމާން ގޮސް އޮބައިފި އެވެ. ހަދިޔާއެއްގެ ގޮތުގައި ސްމާޓް ފޯނެއް ބައިވެރިޔާގެ ފަރާތުން ނުލިބެނީސް މިއަދު މީހަކު މީހަކު ދެކެ ލޯބިވާ ކަމަކަށް ވެސް ނުވެ އެވެ.

"ރައްޓެހިވެގެން އެކުގައި ފާހަގަކުރި ފުރަތަމަ އުފަން ދުވަހުގައި އަހަރެން އޭނާ އަށް ދިނީ އައިފޯން ފައިވް އެސްއެއް. ދެން އައި އުފަން ދުވަހުގައި ގަނެ ދިނީ އައިފޯން ސިކްސްއެއް. އިތުރު އުފަން ދުވަހެއް ނާންނަނީސް ދެ މީހުން ރުޅިވެއްޖެ،" މިއީ ނަން ނުޖެހުމަށް ޝަރުތުކޮށް ލޯބީގެ ޑައިރީން ދެ ޖުމްލައެއް ހިއްސާކޮށްލި ދިވެހި ޒުވާނެއްގެ ހިތުގެ އެންމެ ފުންމިނުން ނެގި ވާހަކަކޮޅެކެވެ.

އެހެންވީމަ، ސްމާޓް ފޯނަކުން ލޯތްބެއް ވެސް ނުގަނެވޭނެކަން އެނގިއްޖެއެއް ނޫން ހެއްޔެވެ؟ އެކަމަކު އަދިވެސް، އަސްލު ޓޮޕިކަކީ، ސްމާޓްފޯނަށް ހިތްބަންޑުންވި ވާހަކަ އެވެ.

ސްމާޓްފޯނާއި އޭގެ ދިރުން ކަމުގައިވާ އިންޓަނެޓް އަކީ ޔަގީނަށް ވެސް ލޯބިވެރިންގެ އެނދަށް "ލޯބީގެ މީދާ" ވެސް އެރުމުގެ އެންމެ ބޮޑު އަސްލެވެ. ކަޅަށްޖެއްސުމަކީ ކޮބައި ކަމެއް މިއަދުގެ ގިނަ ޒުވާނުންނަކަށް ނޭނގޭނެ އެވެ. އެކަމަކު ލޯބިވެރިޔާ ގާތުގައި ބާއްވައިގެން އަތުގައި އޮންނަ ސްމާޓްފޯނުން އެހެން "ބިޓުން" ގެ ޕްރޮފައިލް ހާވައި ބަލައި ސިއްރު ގުޅުމެއް ފައްކާކުރުމަކީ ވެސް ސްމާޓްލޯބީގެ ވައްތަރެކެވެ.

"އަހަންނަށް ފެންނަނީ އޭނާ އެހެން އަންހެން ކުދިންތަކަކާ ނިކަން ލޯބިން ދައްކާފައި ހުރި ވާހަކަތަކެއް. އަބަދު ފޯނު ހިފައިގެން ކޮންމެވެސް އެއްވެސް ހާވަން އުޅޭ މީހެއް އޭނާ އަކީ. އެއް ދުވަހަކު ފޯނާ ނުލައި ބޭރަށް ދެވުނު ދުވަހަކު ބަސްޓްވީ،" ޒުވާން އަންހެން ކުއްޖަކު އޭނާގެ އަލަތު ފިރިމީހާއާ ވަކިވާން ޖެހުނު ސަބަބު ކިޔައިދެމުން ބުނީ މިހެންނެވެ.

ސްމާޓް ފޯނާއެކު ލޯބީގެ އާ ވައްތަރުތަކެއް ތައާރަފްވެފައިވާއިރު މީގެ ޒަމާނުގައި މީހުން ލޯބިކޮށް މާފޮޅުވާގޮތް ވެސް ވަރަށް ތަފާތެވެ. ދިވެހިންގެ ތެރެއިން ވެސް އަލަށް ކައިވެނިކޮށްފައިވާ ވަރަށް ގިނަ ޒުވާނުންނަކީ ސްމާޓް ފޯނުގެ ފަސޭހައަކުން ބައްދަލުވެ ގުޅުން ބޮޑުވެ އެކަކު އަނެކަކުގެ މެޔަށް ހިތް ބަންޑުންވެފައިވާ މީހުންކަން ޔަގީނެވެ.

މިއަދަކު ދެ ލޯބިވެރިން މާ ފޮޅުވާކަށް އަތިރިމައްޗަކަށް ނުދާނެ އެވެ. އަދި ކޮންމެހެން ދެ މީހުން ބައްދަލުވާކަށް ވެސް ނުޖެހެ އެވެ. އެކަކު އޭނާގެ އެނދުމަތީގައި އޮތީމަ ނިމުނީ އެވެ. އަނެކަކު އޭނާގެ ކޮޓަރީގައި އެނދު މަތީގަ އެވެ. ދެން އަތުގައި އޮންނަ ސްމާޓް ފޯނުން ފޭސްޓައިމްކޮށް އަނެއް ޓައިމެއް އެކުގައި ސްޕެންޑްކުރަންވީ އެވެ.

މީގެ އިތުރުން ލޯބިވެރިންނަށް ހާއްސަ "ޑޭޓިން އެޕް" ތަކުގެ ފޯރި ވެސް އޮތީ ޒުވާން ލޯބިވެރިންގެ މެދުގައި ވަރަށް ބޮޑުވެފަ އެވެ. ދިވެހިންނަށް ހާއްސަ މި ފެންވަރުގެ ދިވެހި އެޕެއް އަދި ނެތަސް އެއް ދުވަސްވަރެއްގައި "މިގް33" އޭ ކިޔުނު ޗެޓްކުރާ މައިދާނަކީ ނިކަން ގިނަ ލޯބިވެރިން އުފެއްދި ހަނދާނެކެވެ.

ދެން މި އަންނަނީ ލޯބީގެ ގުޅުން "ސްމާޓް" ވެ ހަލާކުވެގެންދާ ގޮތެވެ. އަމިއްލަ އައިފޯން ނުވަތަ ގެލެކްސީ ފޯނާ އެކު ދުވާލުގެ ކިހާ ވަގުތެއް ހޭދަކުރެވޭ ހެއްޔެވެ؟ އަތުގައި އޮންނަ ސްމާޓްފޯނާ ކުޅެން ކިހާ ވަގުތެއް ހޭދަކުރެވޭ ހެއްޔެވެ؟

ޔަގީނަށް ވެސް ބައިވެރިޔާ އަށް ނުވަތަ ލޯބިވެރިޔާ އަށް ދެވޭ ވަގުތަށް ވުރެ ގިނައީ ސްމާޓްފޯނަށް ދެވޭ ވަގުތެވެ. އެއީ މިހާރު އަބަދުވެސް އެކުގައި ނުވަތަ ޖީބުގައި ގެންގުޅެން ޖެހޭ ބައިވެރިޔެކެވެ. ނުވަތަ ރައްޓެހިންނަކާ ދިމަލެއް ނުވާނެ އެވެ. އޮފީހެއް ނުހިންގޭނެ އެވެ. ވާނުވާއެއް ވެސް ނޭނގޭނެ އެވެ.

މިފަދަ އެތައް އެތައް ސަބަބަކާ ގުޅިގެން ގޮސް ސްމާޓްފޯނާ ނުލައި އުޅުން ނުވާ ވަރުގެ ކަމަކަށް ވެފައިވާއިރު މީގެ ނޭދެވޭ އަސަރު ދޭދޭ މީހުންގެ ގުޅުމަށް އަދި ލޯބިވެރިން ނުވަތަ އެކުގައި އުޅޭ ބައިވެރިންގެ ގުޅުމަށް ކުރަމުން ގެންދާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

ނިދަން އެކުގައި އެނދަށް އަރާ ދެމަފިރިން ވެސް އެމީހުންގެ ނިދިބޮޅަށް ދެމިގެން މި ދަނީ މޯބައިލް ފޯނާ ކުޅެން ތިއްބަ އެވެ. ނިދާ ގަޑީގައި ކުރިން ކިޔައިދީ އުޅުނު ވާހަކަތަކާއި ލަވަތަކާއި ކޮށް އުޅުނު ސަމާސާއެއް މިހާރަކު ގިނަ މީހުން ހަނދާނެއް ނުހުރެ އެވެ. ބައިވެރިޔާގެ މަގާމު އަތުގައި އޮތް ސްމާޓްފޯނަށް ދެވުނީމަ އެވެ.

މިހާރު ބުނެލެވީ މިހެންނެވެ. 

"އޭ ސްމާޓްފޯނާއެވެ. ތިބާ މަގޭ ލޯ މަތިން ގެއްލިގެން ދިއުމަކަށް ނޭދެވެ އެވެ!"