ދުނިޔެ

އިންޑިއާގެ "ޗާންދުރަޔާން 2" ހަނދުގައި ބަނދަރު ކުރާނެ

އިންޑިއާއިން ޖައްވަށް ފޮނުވާ ދެވަނަ ޖައްވީ އުޅަނދު ދައްކާލައިފި އެވެ. މިއަންނަ މަހު ޖައްވަށް ފޮނުވަން ނިންމާފައިވާ "ޗާންދުރަޔާން 2" ގެ ދަތުރުގައި ހަނދުގައި ބަނދަރު ކުރާނެ ކަމަށް ބެލެވިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އިންޑިއާގެ މި މިޝަން ކާމިޔާބުވެއްޖެ ނަމަ އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަން އާއި ޗައިނާގެ އިތުރުން މުޅި ދުނިޔޭ ގައުމުތަކުގެ ތެރެއިން ހަތަރު ވަނައަށް ހަނދަށް އުޅަނދެއް ބަނދަރު ކުރުވި ގައުމުގެ ޝަރަފު ލިބޭނެ އެވެ.

މީގެ ކުރިން 2008 ގައި އިންޑިއާއިން "ޗާންދުރަޔާާން 1" ޖައްވަށް ފޮނުވި ނަމަވެސް އެ އުޅަނދު ހަނދުގައި ބަނދަރުކޮށްފައެއް ނުވެއެވެ. ޗާންދުރަޔާން 2 ގެ މަސައްކަތަކަށް ވާނީ ހަނދުގެ މަތީ ފަށަލާގައި ހުރި ފެނާ މިނަރަލާއި ގަލުގެ ސާމްޕަލްތަކުން މައުލޫމާތު ހޯދައި އެއްކުރުމެވެ.

އެ މަސައްކަތް ކުރާނީ މި ފަހަރުގެ އުޅަނދުގައި ހިމަނާފައިވާ ހަނދުގައި ދުއްވޭގޮތަށް ހަދާފައި އިންނަ ރޯވާ ވެހިކަލްއެއްގެ އެހީގަ އެވެ. ހަނދުގައި ހަރަކާތްތެރިވާ ރޯވާ 14 ދުވަސް ވަންދެން ހަނދުގައި މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރި ވާނެ އެވެ.