ދުނިޔެ

ހައިޖެކް ކުރާނެ ކަމަށް ސިޓީ ލިޔުނު މީހާ އުމުރަށް ޖަލަށް

އިންޑިއާގެ ޖެޓް އެއާވޭޒް ފްލައިޓެއްގެ ފާހާނާގައި ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނެ ލިޔެފައިވާ ސިޓީއެއް ބޭއްވި އިންޑިއާގެ ވިޔަފާރިވެރިއެއް އުމުރަށް ޖަލަށްލުމުގެ އިތުރުން އެ މީހާ 50 މިލިއަން އިންޑިއާ ރުޕީޒްއިން ޖޫރިމަނާ ކޮށްފި އެވެ.

އިންޑިއާގެ ބިރްޖޫ ސައްލާ ބުނިގޮތުގައި 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނިއު ދިއްލީއިން މުމްބާއި އަށް ދަތުރު ކުރި ފްލައިޓްގެ ފާހާާނާގައި އޭނާ އެ ސިިޓީ ބޭއްވީ ސިޓީ ފެނިގެން ފްލައިޓް ހައިޖެކް ކޮށްފާނެކަމުގެ ބިރަށް ޖެޓް އެއާވޭޒްގެ ދިއްލީ އުދުހުންތައް ހުއްޓާލާނެ ކަމަށް އުންމީދު ކޮށްގެން ނެވެ.

އޭނާ އެގޮތަށް އުންމީދުކުރީ ޖެޓް އެއާވޭޒްގެ ދިއްލީ އުދުހުންތައް ހުއްޓި އެ އެއާވޭޒްގެ އެއާ ހޮސްޓެސްއެއްގެ ވަޒީފާ އަދާކުރާ އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއަށް ވަޒީފާ ގެއްލުމުން އޭނައާއެކީ މުމްބާއީގައި ދިރިއުޅެން ދިއުމަށް މަޖުބޫރު ވާނެތީކަމަށް ސައްލާ ބުނެއެވެ.

ސައްލާއަށް އިއްވާފައިވާާ ހުކުމާއެކު އިންޑިއާގެ އާ އެންޓި ހައިޖެކިންގް ގާނޫނުގެ ދަށުން ހުކުމް ކުރި ފުރަތަމަ މީހަކަށް އޭނާ ވަނީ ވެފައެވެ. އާާ ގާނޫނުގެ ދަށުން އެންމެ ކުޑަ އަދަބަކަށް އުމުރަށް ޖަލަށްލުން އޮންނަ އިރު އެންމެެ ބޮޑު އަދަބަކަށް ކަނޑައަޅާފައިވަނީ މަރުގެ ހުކުމެވެ.

ސައްލާ ލިޔެފައިވާ ސިޓީގައި ބުނެފަވަނީ ފްލައިޓުގައި ގޮވާތަކެއްޗާއެކީ ތިބި 12 މީހުން ތިބި ކަމަށާއި ޕާކިސްތާނާއި ދިމާލަށް ފްލައިޓް އަނބުރާލުމަށް ށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފްލައިޓް އެމެޖެންސީކޮށް އަހްމަދުއާބާދަށް ތިރިކުރުމުން ނެވެ. އޭނާ އެ ސިޓީ ލިޔެ ޕްރިންޓްކުރީ އޭނަގެ އޮފީހުގައި ކަމަށް ތަހުގީގުއި އޭނާ އެއްބަސްވެފައި ވެއެވެ.

މީހަކާ އިދެގެން އުޅޭ ސައްލާ އުޅުނީ އޭނާގެ އަންހެނުންނަށް ވަގަށް ފްލައިޓްގައި މަސައްކަތްކުރާ އަންހެން ކުއްޖަކާއި ރައްޓެހި ވެގެން ނެވެ. ސައްލާއާއި އެކީ މުމްބާއީއަށް ދިއުމަށް އެދުމުން އެ އަންހެން ކުއްޖާ އެކަމަށް އިންކާރު ކުރި އެވެ. އެހެންވެ ވަޒީފާ ގެއްލުމުން އަންހެން ކުއްޖާ އޭނަ ބުނިގޮތަށް އެއްބަސްވާން މަޖުބޫރު ވާނެކަމަށް އުންމީދުކޮށް އެގޮތަށް ކަންތައް ކުރީއެވެ.

މައްސަލަ ތަހުގީގުކުރި ފަރާތަކުން އޭއެފްޕީ ނިއުސް އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ސައްލާ ފްލައިޓެއް ހައިޖެކް ނުކުރި ނަމަވެސް އެފަދަ ކަމެއް ކުރާނެކަމަށް ބުނެ ބިރުދައްކަން ލިޔެފައިވާ ސިޓީ އިންޑިއާގެ ގާނޫނުގެ ދަށުން ހައިޖެކް ކުރުމަކަށް ފުދެއެވެ.

އޭނައަށް ކުރި ޖޫރިމަނާއިން ފްލައިޓުގެ ޕައިލެޓުންގެ ކޮންމެ މީހަކަށް އެމީހުނަށް ކުރިމަތިކުރުވި ބިރުވެރިކަމުގެ ބަދަލުގައި 100،000 އިންޑިއަން ރުޕީޒް އަދި އެއާ ހޮސްޓެސްއަކަށް 50،000 ރުޕީޒްގެ އިތުރުން ކޮންމެ ޕަސިންޖަރަކަށް 25،000 ރުޕީޒް ދިނުމަށް ހުކުމް އިއްވި ގާޒީ ވަނީ އަމުރު ކުރައްވާފަ އެވެ.

ފައިނޭންޝަލް ދަތިކަމުގެ ސަބަބުން އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއާވޭޒް ކަމަށްވާ ޖެޓް އެއާވޭޒް މި އަހަރުގެ ކުރީކޮޅު ހުރިހާ ފްލައިޓުތައް ވަނީ މެދުކަނޑާލުމަށް ފަހު އަލުން އުދުހުންތައް ވަނީ ފަށާފަ އެވެ.