ދުނިޔެ

އެއާ އިންޑިއާ ބޯޓުގެ ކަޅުފޮށި ހޯދައިފި

Aug 9, 2020

ކެރެލާ (އޯގަސްޓް 8) - އިންޑިއާގެ ކެރެލާ ސްޓޭޓްގެ އެއާޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގެ ކަޅު ފޮށިތައް ހޯދައިފި އެވެ.

ދުބާއީން ފުރައިގެން އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ކާލިކަޓު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރަނިކޮށް ހިނގި ހާދިސާގައި މިހާތަނަށް 18 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެ ބޯޓުގެ ދެ ޕައިލެޓުން ހިމެނެ އެވެ.

އެ ފްލައިޓް ކަލްކަތާއަށް ދަތުރުކުރީ ކޮވިޑް-19 އާ ގުޅިގެން ބޭރު ގައުމުތަކުގައި ތާށިވެފައިތިބި އިންޑިއާ މީހުން ގޮވައިގެނެވެ. ހާދިސާ ހިނގިއިރު ބޯޓުގައި 190 ފަސަންޖަރުން ތިއްބެވެ. އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޯޓު ކަހާލި ވަގުތު އަލިފާން ނުހިފާ ދިއުމުން އެތަކެއް ފުރާނައެއް ސަލާމަތްވި ކަމަށް ވެސް ބައެއް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި އޭވިއޭޝަން އެކްސިޑެންޓެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރުދީޕު ސިންގް ޕޫރީ ވިދާޅުވީ ބޯޓުގެ ޑޭޓާ ރެކޯޑަރުގެ އިތުރުން ކޮކް ޕިޓުގެ ވޮއިސް ރެކޯޑަރު ހޯދިފައިވާ ކަމަށާއި، އެތަކެތީގެ ސަބަބުން ހާދިސާ ހިނގި ސަބަބު ދެނެގަންނަން ފަސޭހަވެގެން ދާނެ ކަމަށެވެ.