ދުނިޔެ

އެއާ އިންޑިއާ ހާދިސާގައި މަރުގެ އަދަދު 18 އަށް

Aug 8, 2020

ކެރަލާ (އޯގަސްޓް 8) - އިންޑިއާގެ ކެރެލާ ސްޓޭޓްގެ އެއާޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި، އެއާ އިންޑިއާ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ހިނގި ހާދިސާގައި މިހާތަނަށް 18 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރުދީޕު ސިންގް ޕޫރީ ވިދާޅުވީ، ދުބާއީ އިން ފުރައިގެން އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ކާލިކަޓު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރަނިކޮށް ހިނގި ހާދިސާގައި މިހާތަނަށް 18 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެ ބޯޓުގެ ދެ ޕައިލެޓުން ހިމެނޭ ކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާވެގެން 127 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތް މާ ނުރައްކާތެރިވީސް، ބޯޓުގައި އަލިފާން ހިފިނަމަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފްލައިޓު ކަލްކަޓާއަށް ދަތުރުކުރީ ކޮވިޑް-19 އާ ގުޅިގެން ބޭރު ގައުމުތަކުގައި ތާށިވެފައިތިބި އިންޑިއާ މީހުން ގޮވައިގެނެވެ. ހާދިސާ ހިނގިއިރު ބޯޓުގައި 190 ފަސަންޖަރުން ތިބިއިރު، އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 15 މީހެއްގެ ހާލު ސީރިއަސްކަމަށް އެ ސްޓޭޓުގެ ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތުދީފަ އެވެ.