ދުނިޔެ

ވާޔޫ ތޫފާންގެ މިސްރާބު އަރަބި ކަނޑުން ބޭރަށް

މިއަދުގެ ވަގުތެއްގައި އިންޑިއާގެ ގުޖަރާތު ސްޓޭޓުން އެއްގަމަށް އަރާާނެ ކަމަށް ލަފާކުރި ބާރު ގަދަ ތޫފާން އަރަބި ކަނޑުން ބޭރަށް މިސްރާބު ޖަހައިފި ކަމަށް މޫސުމާބެހޭ ރިޕޯޓުތައް ބުނެފި އެވެ.

ޒަމާންތަކެއް ފަހުން އިންޑިއާއަށް އަރާނެ ކަމަށް ލަފާކުރި އެންމެ ބާރުގަދަ ތޫފާނުގެ ގޮތުގައި ސިފަކޮށްފައިވާ ވާޔޫ ތޫފާން އަރާނެ ކަމުގެ ބިރަށް އެތައް ހާސް މީހުނެއް މިހާރު ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ތޫފާނުގެ މިސްރާާބު ބަދަލުވި ނަމަވެސް މޫދާ ކައިރީ އައްސޭރި ފަށުގެ ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހި ވައިގަދަ ވާނެ ކަމަށް މޫސުމާ ގުޅުންހުރި އިދާރާތަކުން ހާމަކުރެ އެވެ. އެހެންވެ އިންޑިއާގެ ކޯސްޓް ގާޑާއި އަސްކަރީ ބާރުތަކާއި ޑިސާސްޓާ ރެސްޕޮންސް ޓީމުތައް އަދިވެސް ތިބީ ކުއްލި ހާލަތުގަ އެވެ.

ތޫފާން އަރާނެކަމަށް ލަފާކުރި ގުޖަރާތު ސްޓޭޓާއި ދަމާން އާއި ދިއޫގެ ޔޫނިއަން ޓެރިޓަރީ ވެސް އޮތީ ކުއްލި ހާލަތުގަ އެވެ. އެ ދެ ސަރަހައްދުގެ ފްލައިޓުތަކާއި ރޭލު ދަތުރުތައް ހުއްޓާލާާފައިވާއިރު ގުޖަރާތުގެ ގަލްފް އޮފް ކެމްބޭގައި އޮންނަ ބަނދަރުގެ ހުރިހާ ހިދުމަތެއް ވެސް ވަނީ މެދުކަނޑާލާފަ އެވެ.

ތޫފާން އަރާފާނެ ކަމަށް އޮތް ބިރު ކުޑަވެގެން ދިޔައަސް ވަކި ގޮތެއް އަންގަންދެން ސްކޫލުތަކާއި ކޮލެޖުތައް ހުންނާނީ ބަންދުކޮށްފަ އެވެ. އަދި ޖޫން 15 އިގެ ކުރިން މަސްވެރިން ކަނޑަށް ނުނުކުތުމަށް ވެސް އިންޑިއާގެ މީޓިއޮރޮލޮޖީ ޑިޕާާޓްމަންޓުން ވަނީ އިރުޝާދު ދީފައެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ގުޖަރާތަށް އެރި ވަރުގަދަ ތޫފާނުގައި ގާތްގަނޑަކަށް 10،000 މީހުން މަރުވެފައި ވެއެވެ. މިދިޔަ މާޗް މަހު އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮރިއްސާ އަށް ތޫފާނެއް އަރާފައި ވާއިރު ގާތްގަނޑަކަށް 80 މީހުން މަރުވި އެވެ.