ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން މީޑިއާއަށް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް މެންދުރުފަހު ފެށި ބައްދަލުވުން ހަވީރު 5:00 އާ ހަމައަށް މީޑިއާއަށް ހާމަކޮށްގެން ކުރިއަށް ގެންދިޔަ އެވެ. އެ ހިސާބަށް ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މާ ބޮޑު އިސްލާހެއް ގެނެސްފައެއް ނުވެ އެވެ. އެއަށްފަހު ހުސްވަގުތުކޮޅަކަށް ބައްދަލުވުން މެދުކަނޑާލި އެވެ.
ހުސް ވަގުތުކޮޅަށް ފަހު ބައްދަލުވުން އަލުން ފެށުމާއެކު މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިއަށް ގެންދަން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އެވެ. ސިރާޖުގެ ހުށަހެޅުއްވުމާ އެއް ގޮތަށް މީޑިއާއަށް ސިއްރުކޮށްގެން ބައްދަލުވުން ކުރިއަށް ގެންދަން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި އެވެ. ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރަނީ ކޮމިޓީގެ މެންބަރުންގެ ވޯޓަކުން އެ ގޮތަށް ފާސްކޮށްގެންނެވެ.
މީޑިއާއަށް ސިއްރުކޮށްގެން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުން މިރޭ 8:15 އަށް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ. ކޮމިޓީއަށް ޖޭއެސްސީގެ މެންބަރުން ހާޒިރުކުރަން ނިންމީ އެ ކޮމިޝަންގެ މަސައްކަތްތައް ގޮސްފައި ހުރި ހިސާބުތައް ބެލުމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުކުމްތައް ބާތިލް ކުރުމަށް ފަނޑިޔާރު ޗުއްޓީގައި ހުރެ ވަޑައިގެން މައްސަލާގައި ވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ.
ޖޭއެސްސީގެ މެންބަރުން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމުގެ ކުރިން މީޑިއާއަށް ސިއްރުކޮށްގެން ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. ފަނޑިޔާރު ދީދީގެ އިތުރުން ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ވެސް ޖޭއެސްސީން އިއްޔެ ނިންމި އެވެ.