ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިސްޓްރީތަކުގެ ވާދަވެރިކަމާ ހުރެ ބައެއް ކަންކަން ހުއްޓޭ: ރައީސް

މިނިސްޓްރީތަކުގެ މެދުގައި އޮންނަ ވާދެވެރިކަމުގެ ސަބަބުން ބައެއް ކަންކަން ހުއްޓާލަން ޖެހިފައި އެބަހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާގެ ސަރުކާރު ވެރިކަމަށް އައީ ސިޔާސަތުތަކެއް ހިފައިގެން ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމީ ތިމާވެށީގެ ސިޔާސަތު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ މިނިސްޓްރީތަކުގައި މެދުގައި އޮންނަ ވާދަވެރިކަމާއި ގޮތް ދޫނުކުރުމުގެ ސަބަބުން އެންވަޔަރުމެންޓް ޕޮލިސީތައް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިފައި އެބަހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެކިއެކި މިނިސްޓްރީތަކުގެ މެދުގައި އޮންނަ ވާދެވެރިކަމާއި ގޮތް ދޫނުކުރުމާއި، ހިފެހެއްޓުން އެބައޮތް، އެހެންކަމުން އެންވަޔަރުމެންޓް ޕޮލިސީތަށް ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ ކަންތައް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައިވެސް މިނިސްޓްރީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ވާދަވެރި ކަމުގެ ސަބަބުން ދިމާވާ ނަތީޖާ އެމަނިކިފާނު ތަޖުރިބާ ކުރައްވާފައިވާ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއް އޭގަ މިބުނަނީ އެއްވެސް ރަށަކުން އެއްވެސް ކަމަކަށް އެއްވެސް ފަޅަކުން ވެލި ނަގައިގެން ނުވާނޭ މި ހިސާބުން ފެށިގެން މަނާ ވާނޭ އަޅުގަނޑަށް އޮފީހަށް ނުވަދެވޭ އޭގެ ޝަކުވާތައް އެބަ އާދޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމަކަށްވުމުން ތިމާވެށި ހިމާޔަތް ކުރަން ފަސޭހަ ނުވާނެ ކަމަށްވެސް ރައީސް ވަނީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކާއި ގައުމު ތަރައްގީ ކުރަން ބޭނުންވާ ފާރްތަށްވެސް ތިބިއިރު އަނެއް ފަޅީގައި ތިބީ ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މީހުން ތިބި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ރައީސްގެ މަގާމުގައި ހުންނައިރު އެފަދަ ކޮންމެ ދަނޑިވަޅަކީ ދަތި ނިންމުންތަކެއް ނިންމަން ޖެހޭ ވަގުތުކޮޅަކަށް ވުމުން ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ވަނީ ކަންކުރައްވީ ގޮތް އައްސަވާފަ އެވެ.

"އަޅުގަނޑުމެންނަކީ ޑިވޮލޮޕިން ކަންޓަރީ އެއް ތަރައްގީވާން އެބަޖެހޭ ތަރައްގީ ކުރަންވެސް ބޭނުންވޭ އެއްފަޅީގެ މިއޮތީ ރާއްޖޭ ތަރައްގީ ކުރަން ބޭނުންވާ ބައެއް، ވިޔަފާރިކުރަން ބޭނުންވާ ބައެއް އަނެއްފަޅީގެ މިއޮތީ ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ ބައެއް އަޅުގަނޑުމެން މިތިބީ ސަރުކާރުގެ ހާއްސަކޮށް އަޅުގަނޑު މިގޮޑީގައި ހުންނަ އިރު މ ދަނީ ދަތި ހާލުގަ އެހެންކަމުން ތި ބޭފުޅުން އަޅުގަނޑަށް މީގަ ރަނގަޅު ގޮތެއް ދައްކައިދީ،" ރައީސް ވިދާޅުވި އެވެ.

މިނިސްޓްރީތަކުގެ ގަވާއިދު ހުންނަނީ އަނެއް މިނިސްޓްރީގެ މަސައްކަތައް ހުރަސް އެޅި މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަކަށް ނޫނެވެ. މީގެ ތެރެއިން ހައުސިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ގިނަ ގަވާއިދުތަށް އެކުލަވާލައިފައިވަނީ އެންވަޔަރުމެންޓް މިނިސްޓްރީން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ޖެހޭ ގަވާއިދާ ފުށޫ އަރާ ގޮތަށެވެ.