ހަބަރު

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައިދޭން މަޖިލީހުގައި އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ހުރަސް އެޅުން ހުއްޓުވައިދިނުމަށް އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދިނުމަށް ޖޭއެސްސީގައި ވެސް އިންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުން ނެރުނު އަމުރު ގަބޫލު ނުކުރަން ޖޭއެސްސީއިން މިރޭ ވަނީ ނިންމައިފި އެވެ. އެއީ އެ އަމުރަކީ އެ ކޮމިޝަންނަށް ގާނޫނު ލިބިދީފައިވާ ބާރުތަކަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެވެ.

ޖޭއެސްސީގެ މެންބަރުން މިރޭ ވަނީ ޝަރުއީ ދާއިރާގެ ކަންކަން ބަލާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް ވަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ކަންކަން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ޖޭއެސްސީއިން ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ދަމަހައްޓައި ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް ސުޕްރީމް ކޯޓަށް ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށްޓަކައި މިހިނދުން މިހިނދަށް އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދިނުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓުން ބައެއް ބާރުތައް ހިފެހެއްޓުމަށް ވެސް ހުށަހަޅާފަ އެވެ. ބަންޑާރަ ނައިބު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން ހުއްޓުވުމަށް މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމަށް އެދޭ ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ގާނޫނުގެ އެކިއެކި މާއްދާތަކާއި އެކިއެކި ބައިތައް ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސްދިނުމަށްވެސް އެދޭ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނުން ޖުޑީޝަލް ކޮމިޝަނަށް ލާޒިމްކޮށްފައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށްވެސް ވަނީ އެދިފަ އެވެ.

"ކޯޓްތަކުގައި ތިއްބެވި ފަނޑިޔާރުންގެ ގާބިލްކަން މިއަދާ ހަމައަށް އެކަށީގެންވާ ގޮތެއްގައި ވަޒަން ނުކުރެވި މިއަދާ ހަމައަށް އައުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުގެއާމެދު ހިތްހަމަނުޖެހުން އިންތިހާއަށް ވަނީ ބޮޑުވެފަ، އަދި ފަނޑިޔާރުންނާމެދު ކުރެވޭ އެކިއެކި ޖިނާއީ ތުހުމަތުތަކާއި ކޮރަޕްޝަންގެ މައްސަލަތައް ހާމަކަމާއެކު އަވަސް މިނެއްގައި ބެލޭނެ ގޮތް ހަދަން އެބަޖެހޭ،" ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވި އެވެ.

އެކަންކަން އެގޮތަށް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކޮށްދިނުމަށާއި ރައްޔިތުން މަޖިލީހުން ގާނޫނުތަކަށް ގެނެވެންހުރި ބަދަލުތައް ގެެނެސް ދިނުމަށް އެދޭ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.