ހަބަރު

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ނުފޫޒެއް ނުފޯރުވާ: ފަނޑިޔާރު އަރީފް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެއްވެސް މަސައްކަތަކަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފް ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ މެންބަރުން މިރޭ ވަނީ ޝަރުއީ ދާއިރާގެ ކަންކަން ބަލާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފަނޑިޔާރު އަރީފް ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީގެ މެންބަރަކަށް ވަޑައިގެން މަސައްކަތް ކުރަން ފެއްޓެވި ފަހުން ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށެވެ.

"އަޅުގަނޑު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ހަމަޖެހިގެން ދިޔަފަހުން އެ ކޮމިޝަންގެ އެއްވެސް ކަމެއްގައި ސުޕްރީމް ކޯޓުން އެއްވެސް މިންވަރަކަށް މަޖުބޫރެއް ކުރުވާފައެއް ނޯންނާނެ، އަޅުގަނޑަށް ޔަގީންކޮށް އަރުވަންކެރޭ ކަމަކީ ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވުމަށްޓަކައި މެންބަރުންނަށް އެއްވެސް ކަމެއް އަންގާފައެއް ނޯންނާނެ، ދަންނަވާފައެއް ނޯންނާނެ،" އަރީފް ވިދާޅުވި އެވެ.

އަރީފް ވިދާޅުވީ، ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް މިނިވަން ކަމާއެކު ކަމަށާއި ކަންކަމުގައި ވޯޓް ދިިނުން ވެސް ދަނީ ވަރަށް ވެސް މިނިވަންކަމާއެކު ކަމަށެވެ.

ފަނޑިޔާރު އެހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް އިއްޔެ ޖޭއެސްސީއިން ނިންމި ނިންމުން ތަންފީޒު ކުރަން ހުއްޓުވައި މިއަދު ހަވީރު ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީގެ އެހެން މެންބަރުން މިއަދު ކޮމެޓީގައި ވަނީ ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅާކަން ފާހަގަ ކުރައްވައި އެކަން ހުއްޓުވައިދިނުމަށް އެދިފަ އެވެ. އެގޮތުން ޖޭއެސްސީގައި އިންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ އެކަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެސްދިނުމަށް އެދިވަޑައިގެންފަ އެވެ.

އަރީފް މިގޮތަށް ވިދާޅުވެފައިވާއިރު، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން މީގެ ކުރިން ވެސް ވަނީ ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަންކަން މަޖިލީހުގެ ތެރެއިން ހައްލު ކުރާނެ ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. އަދި ޖޭއެސްސީއަށް ނުފޫޒު ފޯރުވުން ހުއްޓުވައިގެން ނޫނީ ކޯޓުތައް އިސްލާހު ނުކުރެވޭނެ ކަމަށް އެމްޑީޕީއިން މިހާރު ވެސް ގޮވަމުންދެ އެވެ.