އައިޝަތު ބިޝާމް

ޖިނާއީ އަދުލުގެ ނިޒާމަށް ވަށައިޖެހޭ ހައްލެއް ބޭނުންވޭ: ބިޝާމް

ޖިނާއީ އަދުލުގެ ނިޒާމަށް ދިވެހި ރައްޔިތުންގެ އިތުބާރު ނެތުމުގެ ސަބަބުން ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކަކީ އެންމެ ކަންބޮޑުވެ ވަޑައިގެންނަވާ މައްސަލަ ކަމަށާއި އެކަން ބަދަލު ކުރަންޖެހޭ ކަމަށް ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ބިޝާމް ވިދާޅުވީ މިއަދަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި އުނި ކަންކަން ދެނެގަނެ ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިތުރަށް ކުރިއެރުމަށް ލިބިގެންދާ ދުވަހެއް ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު މި ނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވުމަކީ އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަންތައް ކަމަށާއި ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ ހުރިހާ މުއައްސަސާތަކަށް ވެސް މި ކަމުގެ ސަބަބުން ގޮންޖެހުންތަކާ ދިމާވަމުންދާ ކަމަށް ބިޝާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ މުހިއްމު ބަދަލުތަކެއް ގެނެސް، ބަދަލުތަކަށް މުއައްސަސާތަކުން އަމަލު ކުރުމުން ކަމަށެވެ.

"މި ބަދަލުތަކަކީ ދެމެހެއްޓެނިވި ބަދަލުތަކަކަށް ވާން ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި މި ދަންނަވާ ބަދަލުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރެވޭނީ މި ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ މުއައްސަސާތަކަށް. ރައްޔިތުން ބަލައިގަންނަ ފަދަ އުސޫލުތަކަށް އަމަލު ކުރުމާއި މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ ދެފުށްފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް." ފަނޑިޔާރުންނާއި ބައެއް މުއައްސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ މަސައްކަތްތަކަކީ ރައްޔިތުންނަށް ރައްޓެހި ނިޒާމަކުން ކުރާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ފަހުގެ ތާރީހެއްގައި ފެންނަން ފަށާފައިވާ އިޖުމާއީ ގޮތުން ބީރައްޓެހި ކަންތައްތަކަށް އޮތް ހައްލަކީ ވެސް ނިޒާމަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

ފާއިތުވި ދިހަ ވަރަކަށް އަހަރު ދުވަހު ގާނޫނީ ނިޒާމަށް އައި ބޮޑެތި ބަދަލުތަކަކީ ޒަމާނީ މައްސަލަތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެން ދިއަ ބަދަލުތަކެއް ކަމަށާއި ނަމަވެސް ތަންފީޒު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަދުލު އިންސާފު ގާއިމު ކުރުމުގެ ރޫހުގައި މަސައްކަތް ކޮށްގެން ނޫނީ ގާނޫނެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށް ބިޝާމް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

ގާނޫނުތައް ތަންފީޒު ކުރުމަށްޓަކައި ބައެއް މުއައްސަސާތަކުން އެކުލަވާލަން ޖެހޭ ގަވާއިދުތައް މިއަދާ ހަމައަށް ވެސް އެކުލަވައިލާފައިވާ ނުވާކަން ބިޝާމް ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން މުޅި ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ގަވާއިދުތައް ހެދުމަށް ބިޝާމް އިލްތިމާސް ކުރެއްވި އެވެ.

"ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގިނަ މުއައްސަސާތަކުގެ އިސްވެރިން މި ތަނުގައި ތިއްބެވުމާއެކު އަޅުގަނޑު އިލްތިމާސް ކުރަން ބޭނުން މި ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ވުޖޫދަށް ގެންނަން ޖެހޭ ގަވާއިދުތައް ހަދައި ފުރިހަމަ ކުރުމަށް." ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ ވިދާޅުވީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ވެސް ޕްރޮސެކިއުޓަރުންގެ މަހާސިންތާއެއް ބޭއްވުމުގެ މަގުސަދަކީ ވެސް ޕްރޮސެކިއުޓް ކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުން ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ޕީޖީ އޮފީހާއެކު މަސައްކަތް ކުރާ މުއައްސަސާތަކާއެކު އެއް މޭޒެއްގައި އިށީނެ މަޝްވަރާކޮށް ގުޅުން ބަދަހި ކުރުމަކީ ވެސް މަހާސިންތާގެ މަގުސަދެއްކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީން ކުރަނީ މި މަހާސިންތާ ނިމިގެންދާއިރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތް މިހާރަށްވުރެ އަވަސްވެ މި އޮފީހާއެކު ކޮންމެ ދުވަހެއްހެން މަސައްކަތް ކުރާ މުއައްސަސާތަކަށް މި އޮފީހާއެކު މަސައްކަތް ކުރުމަށް ކުރިއަށް ވުރެ މާ ބޮޑަށް ފަސޭހަވެގެން ދިއުން." ބިޝާމް ވިދާޅުވި އެވެ.