ކުޅިވަރު

ކުޓީނިއޯގެ ލަނޑުތަކުން މޮޅަކާއެކު ބްރެޒިލުން ފަށައިފި

ފިލިޕޭ ކްޓީނިއޯ ޖެހި ދެ ލަނޑާއެކު، 3-0 ން ބޮލީވިއާގެ މައްޗަށް ކާމިޔާބު ހޯދައި، ކޮޕާ އެމެރިކާގެ ފުޓްބޯޅަ މުބާރާތް މޮޅަކާއެކު ބްރެޒިލުން ފަށައިފި އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަކޮށްގެން، ބާއްވާ ކޮޕާ އެމެރިކާ މުބާރާތް މިފަހަރު ބާއްވަނީ ވެސް ބްރެޒިލްގަ އެވެ. މުހިންމު ކުޅުންތެރިޔާ ނޭމާއަށް އަނިޔާވުމުން އޭނާ ޓީމުން ބާކީ ކުރުމަށްފަހު މިފަހަރުގެ މުބާރާތަށް ބްރެޒިލް ކުރިމަތިލި ނަމަވެސް، ރޭގެ މެޗުގައި އެ ޓީމަށް ނޭމާ ނެތްތަނެއް ނުދައްކަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ލަނޑެއް ޖެހިޔަ ނުދީ، ބޮލީވިއާއިން ހިފަހައްޓާލި އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައި، ބުރެޒިލްގެ ލަނޑު ކުޓީނއޯ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިފަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގައި ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ޓެކްނޮލަޖީ ބޭނުން ކުރެ އެވެ. ބްރެޒިލްއަށް ލިބުނު ޕެނަލްޓީ ދިނީ ބޮލީވިއާގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އެޑްރިއަން ޖުސީނިއޯ އަތުގައި ޖެހުމުންނެވެ. މެޗުގެ ރެފްރީ އެކަން ކަށަވަރު ކުރީ ވީއޭއާރުން ބެލުމަށް ފަހު އެވެ.

އޭގެ ތިން މިނެޓް ފަހުން ބްރެޒިލްގެ ދެ ވަނަ ލަނޑު ކުޓީނިއޯ ކާމިޔާބު ކުރީ ރޮބާޓޯ ފިރުމީނޯ ގޯލް ކުރިމައްޗަށް ނަގައިދިން ހުރަސް ބޮލުން ހުހަށް އޮތް ގޯލްގެ ތެރެއަށް ވައްދާލައިގެނެވެ.

ބްރެޒިލްގެ ތިން ވަނަ ލަނޑު އެވާޓަން ކާމިޔާބު ކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިގައި ޖައްސާލުމަށް ފަހު އެވެ. އެ ބޯޅަ ގޯލްގެ ތެރެއަށް ވަދެގެން ދިޔައިރު ބޮލީވިއާގެ ކީޕަރު ކާލޯސް ލޭމްޕޭ ހުރީ ބަލަހައްޓައިގެންނެވެ.

ދެ ވަނަ މެޗުގެ ކުޅުން އޮންނާނީ ރާއްޖޭ ގަޑިން މިރޭ 12:00 ގަ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ވެނެޒުއޭލާ އާއި ޕެރޫ އެވެ. މިފަހަރުގެ މުބާރާތުގައި ހާއްސަ މެހެމާނުންގެ ގޮތުގައި، އޭޝިއާގެ ޗެމްޕިއަން ގަތަރާއި ރަނަރަފު ޖަޕާނަށް ވަނީ ފުރުސަތު ދީފަ އެވެ.