ލަންކާގެ ސްޕުން ވިމާލް، އެންމެ ފުރަތަމަ ރާއްޖެ އައީ 1997 ވަނަ އަހަރުގެ އިންޓަ ސުކޫލް މުބާރާތާއި، ގައުމީ މުބާރާތުގެ ފައިނަލުގެ ރެފްރީއެއްގެ ގޮތު އެވެ. އޭރު އޭނާ ދިން އިންޓަވިއުއެއްގައި، ބުނީ ރާއްޖޭގެ ބާސްކެޓް ކޯޗުކަން އޭނާއަށް ލިބިއްޖެނަމަ ހަ މަސް ދުވަހުގެ ތެރޭ ލަންކާ ބަލި ކުރާނަމޭ އެވެ.
ރާއްޖޭއެ ގައުމީ ޓީމަށް ކޯޗަކު ބޭނުންވި ހިނދު، 1999 ވަނަ އަހަރު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އޭނާ ގެންނަން ނިންމި އެވެ. މީޑިއާއަށް ދިން އިންޓަވިއުގައި އޭނާ ދިން ޔަގީން އުންމީދާއެކު ރާއްޖޭގެ ބާސްކެޓްބޯލް އުސް ހަރުފަތަކަށް ހިއްލާލެވޭނެ ކަމަށް އުންމީދު ކޮށްގެންނެވެ.
ނަމަވެސް އޭނާ ދެއްކި ހުވަފެން ވެގެން ދިޔައީ ބިލާހަކަށެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ލަންކާވެސް ބައްޔެއް ނުކުރެވުނެވެ. އޭނާއަށް އެކަން ހާސިލު ކުރެވުނީވެސް، ރާއްޖޭގެ ކޯޗު ކަމަށް އޭނާ ގެނައިތާ 19 އަހަރު ފަހުން، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ފީބާ ސަބު ޒޯން ސަބާ ކޮލިފައިން މުބާރާތުގަ އެވެ.
ރާއްޖޭގެ ބާސްކެޓްބޯޅައިގައި، ސުޕުން ފަސް މަގާމެއް އަދާ ކުރި އެވެ. އެންމެ ފުރަތަމަ އެއީ ރެފްރީ އެކެވެ. އެއަށްފަހު ފިރިހެން ގައުމީ ޓީމުގެ ކޯޗެވެ. އަދި އަންހެން ގައުމީ ޓީމުގެ ކޯޗު ކަމަށާއި އެމްބީއޭގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކުރި އެވެ. އަދި ބައެއް އެކެޑެމީތަކުގައިގައި މަސައްކަތް ކުރި އެވެ.
ސްޕުންނާއެކު، ރާއްޖެ ހޭދަ ކުރަމުން މިދާ ވިއްސަކަށް އަހަރު ރާއްޖޭގެ ބާސްކެޓްބޯޅައަށް ލިބެންޖެހޭ ކުރިއެރުން އޮތީ ހުއްޓިފަ އެވެ. ސަރަހައްދީ މުބާރާތެއްގައި އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއަށް މެޑަލެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގައި އޭނާ މަސައްކަތް ނުކުރާ އަހަރެއްގައި، ދިވެހި ކޯޗަކާއެކު ގޮސް އަންހެން ގައުމީ ޓީމު ވަނީ ސަބާ ޗެމްޕިއަންޝިޕްގެ ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައިދިފަ އެވެ. އެއީ 2016 ވަނަ އަހަރު އެވެ.
ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ހަމައެކަނި އޭނާ ޝައުގުވެރިވާ ކުޅުންތެރިންނަށް އިސްކަން ދިނުމަކީ ސުޕުންގެ ފިލޯސަފީއެކެވެ. އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ހިތްމަރުވާ ގޮތަށް ސުޕުން ވަނީ ވާހަކަ ދައްކާފަ އެވެ.
"ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް، ފައިނަލް ސްކޮޑަކަށް ނާރުވާނެ، ފޭވާ ކުރާ ކުޅުންތެރިޔެއް ވެއްޖެއްޔާ ޕްރެކްޓިސްއަށް ގަވާއިދުން ނަޔަސް ޓީމަށް ނަގާނެ،" މައްސަލަ އާ ބަހޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ޑިވިޝަންގެ ކުލަބަކަށް ކުޅޭ އަންހެން ކުޅުންތެރިޔަކު ނަން ނުޖަހާގޮތަށް ބުނެފައި ވެއެވެ. "ވިހައިގެން އޮތް ކުޅުންތެރިޔަކަށް ވެސް އެބަހުރި ގައުމީ ސްކޮޑުގައި ޖަހައިގެން މުސާރަ ދީފައި. ޕްރެކްޓިސްއަށް ނުދިޔައަސް"
ސްޕުންގެ އަނެއް ކަމަކީ، އޭނާ ގަޔާ ނުވާ ކުލަބުތަކެއް ރާއްޖޭގެ ބާސްކެޓްގައި އޮތުމެވެ. ވަކި ޓީމަކަށް ކުޅޭނަމަ ގައުމީ ޓީމުން ޖާގަ ނުދޭނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ކުޅުންތެރިން ގާތު ބުނެފައި ވެއެވެ. އޭނާ ގަޔާ ނުވާ ކުލަބެއް މުހިންމު މެޗުތަކުން މޮޅުވާނަމަ، ހާފް ޓައިމުގައި ނުކުމެ އިދިކޮޅު ޓީމަށް އޭނާ އިރުޝާދު ދީފައި އެބަހުއްޓެވެ. ބޮޑެތި މުބާރާތްތަކުގައި މީޑިއާއަށް ވެސް އެކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
"އަޅުގަނޑުމެން ޓީމު ކުޅުންތެރިންގެ ގާތުގައި ބުނެފައި އެބަހުރި ތި ޓީމަށް ކުޅެންޏާ ގައުމީ ޓީމަކަށް ނުނަގާނަމޭ،" ކުލަބެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. "އެނގޭ ސުޕުން އަޅުގަނޑުމެން ޓީމާ ގަޔާ ނުވާކަން، އެހެން ނަމަވެސް ވަކި ޓީމަކަށް ކުޅުނީމަ ނޫނީ ގައުމީ ޓީމަށް ނުނަގާނަމޭ ބުނުން އެއީ ބޮޑު ގޯހެއް."
ކުލަބުގެ އޮފިޝަލް ތުހުމަތު ކުރެއްވި ގޮތުގައި، ސްޕުން އެގޮތަށް ކަންކަން ކުރަނީ އެމްބީއޭގެ އެކްސްކޯއިން އެކަމާ އަޅާ ނުލާތީ އެވެ. ކުޅުންތެރިންނާއި ބާސެކެޓްބޯޅަ ކޮމިޔުނިޓީއަށް ސްޕުންގެ ފަރާތުން އޮތް އުނދަގުލާއި އޭނާގެ ޖެއްސުން ކުރުމުގެ ބައެއް ކަންކަމުގެ ސަބަބުން ރަނގަޅު ކުޅުންތެރިންތަކެއް ބާސެކްޓް ދޫކޮށްލާފައިވާ ކަމަށް ކުލަބުގެ އޮފިޝަލް ބުންޏެވެ.
މުސާރައިގެ ގޮތުގައި މިދިޔަ އަހަރާ ހަމަޔަށް އޭނާއަށް، ކޮންމެ މަހަކު 30،000 ރުފިޔާގެ މުސާރައެއް ދެއެވެ. އެއީ އަހަރަކަށް ބަލާނަމަ 360،000 އެވެ. މިދިޔަ އަހަރުން ފެށިގެން އޭނާގެ މުސާރަ 45،000 ރުފިޔާއަށް ބޮޑު ކުރި އެވެ، އަދި އޭނާ ހުންނަ އެޕާޓްމެންޓްގެ ކުލީގެ ގޮތުގައި ދައްކާ ކުއްޔާއެކު އަހަރަކު އޭނާއަށް 600،000 ރުފިޔާ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރެ އެވެ. އަދި އެކެޑެމީތަކުގައި މަސައްކަތް ކޮށްގެން އޭނާ އެތައް ރުފިޔާއެއް ހޯދަ އެވެ.
ސުޕުންގެ ކޯޗު ކަމުގެ ދަށުން ކުރިން ގައުމީ ޓީމަށް ކުޅުނު، މިހާރު ރިޓަޔާ ކޮށްފައިވާ ކުޅުންތެރިޔަކު ބުނީ، ރާއްޖޭގެ ބާސްކެޓްގައި މަސައްކަތްކޮށްގެން ސުޕުންގެ ދިރިއުޅުން ކޮޅަށް ޖަހާފައިވާ ކަމަށާއި ލަންކާގައި އޭނާގެ ގެ ވެސް މިހާރު ރަނގަޅު ފެންވަރަކަށް ހަދާފައިވާ ކަމަށެވެ.
ރާއްޖެއިން ލިބޭ ބޮޑު މުސާރައާއެކު ސުޕުންގެ ދިރިއުޅުން އޭނާ ކޮޅަށް ޖަހައިފި އެވެ. އެހެން ނަމަވެސް އޭނާ ހުރެގެން ރާއްޖޭގެ ބާސެކްޓްބޯޅައިގެ ހާލަތު ދަނީ އަހަރަކަށް ފަހު އަހަރެއް ވެއްޓެމުންނެވެ. ބޭރުގެ މުބާރާތްތަކުން އަންހެން ޓީމަށް މިހާރު އެއްވެސް ވަރަކަށް ފުރުސަތެއް ނުލިބެ އެވެ.
ސްޕުން ރާއްޖެ އައީ ރެފްރީއަކަށެވެ. އިންޓަނޭޝަނަލް ކޯޗިން ލައިސެންސްގެ ޕްރޮފިޝަނަލް ގިންތިއަށް ފެތޭ ފާހެއް އޭނާގެ އަތުގައި ނެތެވެ. ޓެކްނިކަލީ އޭނާ ބޭނުން ކުރާ ބަސްތައް ވެސް ބާސްކެޓް އާއިލާތެރޭގައި ވެފައި އޮންނަނީ ޖޯކަކަށެވެ.
މި އަހަރަކީ ރާއްޖޭގައި އޭނާ ހޭދަ ކުރާ 20 ވަނަ އަހަރެވެ. އަންހެން ގައުމީ ޓީމާއެކު ބޭރުގެ މުބާރާތަށް ދާން އޭނާ ބޭނުމެއް ނުވެ އެވެ. އެއީ ދިވެހި ކޯޗެއްގެ ދަށުން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދާފައި ވުމުން އޭނާ އާއެކު އެ ކާމިޔާބު ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އަންހެން ޓީމުގެ ބޭރުގެ މުބާރާތްތަކަށް ދާއިރު ގެންދަން ޖެހޭނީ އަންހެން މެނޭޖަރެކެވެ. މެނޭޖަރު ކަނޑައެޅުމުގައި ސްޕުން ވަނީ ބޮޑު އޮޅުވާލުމެއް އޮލުވާލި ކަމަށް ކުރިން ވާހަކަ ދެއްކި ކުލަބުގެ އޮފިޝަލް ވިދާޅުވި އެވެ.
"އަންހެން ޓީމުގެ މެނޭޖަރު ކަމަށް ޖަހާފައި ބޭރަށް ގެންގޮސް އެބަހުރި ސީނިއާ ކުޅުންތެރިޔެއްގެ މަންމަ، އެއީ އޭރު އަންހެން ކުޅުންތެރިޔާ ވިހައިގެން އުޅޭތީ މަންމަ މިގެންދަނީ މެނޭޖަރުގެ ނަމުގައި އެ ދަތުރުގައި މާމަ ދަރިފުޅު ބަލަން، މިއީ ގަސްތުގައި ސްޕުން ކޮށްފައި ހުރި ކަންކަން."