ގަލްފް އޮފް އޮމާންގައި ދަތުރު ކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރަށް ދީފައިވާ ހަމަލާތަކަކީ އިރާނުން ދީފައިވާ ހަމަލާތަކެއް ކަމަށް އިނގިރޭސި ވިލާތުން ބުނަމުން ދާއިރު އެކަން ޔަގީން ކޮށް ދެވޭނެ އެއްވެސް ހެއްކެއް ސަރުކާރުގެ އަތުގައި އެބަހުރިތޯ ލޭބާ ޕާޓީގެ ޖެރެމީ ކޯބީން އިނގިރޭސި ސަރުކާރާއި ސުވާލުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮމާން ގަލްފުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ދީފައިވާ ހަމަލާތަކުގެ ފުރަގަހުގައި ޔަގީނުން ވެސް އިިރާނުގެ އަތެއް ވާނެ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ވަނީ ވިދާޅުވުމާއި ގުޅިގެން އިނގިރޭސީން އެ ސަރަހައްދުގައި އަސްކަރީ ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ސުލްހަ ގާއިމް ކުރަން މަސައްކަތް ކުރުން މުހިންމު ކަމަށް އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކުރެއްވި ޓްވީޓެއްގައި ވެއެވެ.
ފާއިތުވީ ހަފްތާތަކުގެ ތެރޭގައި އެ ސަރަހައްދުގެ ތެޔޮ ޓޭންކަރުތަކަކަށް އެފަދަ ހަމަލާތަކެއް ދިން މިއީ ދެވަނަ ފަހަރެވެ.، އިރާނާއި އެމެރިކާއާ ދެމެދުގެ ޒުވާބުތައް ހޫނުވަމުން ދާއިރު އެ ހަމަލާތައް ދީފައިވަނީ އިރާނުން ކަން އެފަރާތަށް ކަށަވަރުވާ ވީޑިއޯއެއް ވެސް ވަނީ އާންމު ކޮށްފަ އެވެ.
އެމެރިކާއިން ބުނާގޮތުގައި ވީޑިއޯއިން ފެނިގެން ދަނީ ހަމަލާ ދިނުމުގެ ގަޑިއިރުތަކެއް ފަހުން އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެތަނަށް ގޮސް އެތަނުން އެއް ތެޔޮ ޓޭންކަރުގައިވާ ނުގޮވާ "ލިމްޕެޓް މައިނެއް" ނަގާ ތަނެވެ.
ބުރާސްފަތި ދުވަހުގެ ހަމަލާތައް ދީފައިވަނީ އިރާނުންކަން ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށާއި އެހެން ފަރާތަކުން އެ ހަމަލާތައް ދިނުމަކީ އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭ ކަމެއް ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރުގެ އޮފީހުން ވިދާޅުވެފައި ވާއިރު ޖެރެމީ ކޯބީން ވަނީ އެކަމާމެދު ސުވާލު އުފައްދާފަ އެވެ.
މިދިޔަ އަހަރު ސެލިސްބަރީއަށް ދިން ނާވް އެޖެންޓު ހަމަލައާއި ގުޅިގެން ބަލާލުމެއް ނެތި ރަޝިއާގެ ބޮލުގައި ޔޫކޭ ސަރުކާރުން އެކަމުގެ ތުހުމަތު އަޅުވާފައިވާއިރު ވިސްނާލާފައި އެފަދަ ތުހުމަތުތަށް ކުރުމަށް ކޯބިން އެދިވަޑައި ގަތެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ހަމަލާތަކެއްދީ ގެއްލުންދީފައިވާ ތެޔޮ ޓޭންކަރުތަކަށް އެ ހަމަލާތައް ދީފައިވަނީ އިރާނުން ކަމަށް އެމެރިކާއިން ބުނެފައިވާާއިރު އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.