ދުނިޔެ

ހޮންގްކޮންގް ބިލް ފާސްކުރުން ފަސްކޮށްފި

ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ހޮންގްކޮންގްގެ ސަރުކާރުން އިސްލާހުތަކަކާއެކީ ފާސްކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ސަސްޕެންޑް ކޮށްފި އެވެ.

އެކްސްޓްރެޑިޝަން ބިލަށް އޮތް ތާއީދު ގެއްލި ބިލަށް ބަހުސް ކުރުން ފަސް ކުރަން ނިންމާފައިވަނީ ބެއިޖިންއަށް ތާއީދުކުރާ ސިޔާސީ ބޭފުޅުންނާއި ކެރީ ލެމްގެ ހާއްސަ ވަޒީރެއް އެކަމާމެދު ލެމްއަށް ނަސޭހަތްތެރިވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮންގްކޮންގްގެ އެތައް ބައެއް މަގުތަކަށް ނިކުމެ މުޒާހަރާކުރުމުން ވެސް މީގެ ކުރިން ލެމް ވަނީ އެ ބިލް ބާތިލް ކުރުމާމެދު ނުވަތަ ފަސް ކުރުމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ރިޕޯޓުތަކުން ބުނާގޮތުގައި ސަރުކާރުން އެކަންތަކާމެދު ފުންކޮށް ވިސްނާލުމަށް އެދުމުން އެވާހަކަ ލެމް ވަނީ އަޑު އައްސަވާފަ އެވެ.

އެކްސްޓްރެޑިޝަން ބިލުގެ ކަންތައް ނިންމިފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަން ވިސްނިވަޑައިގަތް ނަމަވެސް އޭނާ އެކަން ކުރައްވާފައިވަނީ ހޮންގްކޮންގްގެ ފައިދާއަށް ވިސްނަވާފައިކަމަށް ލެމް ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި ބިލާމެދު ބަހުސް ކުރާނެ އެހެން ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި އެ ބިލް އަވަހަށް ފާސްކުރަން ކުރިއަށް އޮތްތާގައި ބޭނުން ނުވާ ކަމަށް ވެސް ލެމް ވަނީ ވިދާޅުވެފަ އެވެ.

ފާސް ކުރަން ހުށަހެޅި ބިލް ފާސްވި ނަމަ ހޮންގްކޮންގްއަށް އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ކުށްވެރިން އަނބުރާ އެމީހެއްގެ ގައުމަށް ފޮނުވާލުމުގެ ބާރު ލިއްބައިދީ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއަށް ޝަރީއަތް ކުރަން ފޮނުވާލުމުގެ ބާރު ވެސް ލިބިގެން ދާނެ އެވެ.

އަދި ހޮންގްކޮންގްއާއި މުޅިން ތަފާތު ޝަރުއީ ނިޒާމެއް އޮންނަ ޗައިނާއަށް ޝަރީއަތަށް ފޮނުވާލުމާމެދު ހޮންގްކޮންގްގެ ގިނަ ދާއިރާތަކެއްގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު އޭގެތެރޭގައި ވިޔަފާރި ވެރިންނާއި ޝަރުއީ ދާއިރާތަކުގެ ބޭފުޅުންނާއި ޑިމޮކްރެސީއަށް ސަޕޯޓްކުރާ ޕާޓީތައް ހިމެނެ އެވެ.

އެ ބިލް ފާސްކުރަން ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހަށް ބުދަދުވަހު ފޮނުވުމާއި ގުޅިގެން އެކަމާއި އިދިކޮޅަށް އަޑުއުފުލާ މުޒާހަރާކުރަން ހޮންގްކޮންގްގެ މިލިއަނެއްހާ މީހުން ނިކުމެފައި ވާއިރު އެ ދުވަހުގެ މުޒާހަރާ ނިމުމަކަށް އައިސްފައިވަނީ އާންމުންނާއި ފުލުހުންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދިއުމަށް ފަހުގަ އެވެ.

ބިލަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާމެދު ބައިނަލް އަގުވާމީ ދުނިޔެއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ޗައިނާއިން ބުނަނީ އެހެން ގައުމުތަކުން ޗައިނާގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުޒާހަރާގެ ބޮޑުބައެއް ސުލްހަވެރިކަމާއެކު ކުރިއަށް ގޮސްފައިވާއިރު ޗައިނާގެ ވެރިރަށް ބެއިޖިންގްއިން މުޒާހަރާ ސިފަކޮށްފައި ވަނީ މުޒާހަރާާކުރި މީހުން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ހަޅުތާލެއްގެ ގޮތުގަ އެވެ.