މިއަދު ޓީސީއާ ދެކޮޅަށް ނުކުންނަ މެޗު ބޭނުން ކުރާނީ ވިކްޓަރީގެ ޒުވާން ޓީމަށް ހިތްވަރު ހޯދައިދޭން ކަމަށް، އެ ޓީމުގެ ހެޑް ކޯޗް މުހައްމަދު އާދަމް ބުނެފި އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީން ނުކުންނަނީ މުޅިން އާ ޓީމަކާއެކު އެވެ. ފުރަތަމަ ޑިވިޝަނަށް މުޅިން އާ ކުޅުންތެރިންތަކަކާއެކު އެ ޓީމުން ނުކުންނައިރު ޓީމުގެ ކުޅުންތެރިންގެ އެވްރޭޖު އުމުރަކީ 20 އަހަރާއި 18 ދެމެދުގެ ކުޅުންތެރިންތަކެއް ކަމަށް މުހައްމަދު ބުންޏެވެ.
ކުރިން ލަންކާގެ ޓީމަކަށް ކޯޗް ކޯށްދީ ކާމިޔާބު ހޯދަފައިވާ މުހައްމަދު ބުނީ، ވިކްޓަރީގެ ޓީމަކީ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށް ވިޔަސް، އެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި ކަމަށެވެ.
"ޓީސީ ވާނެ މިއަހަރު ހުރިހާ ގޮތަކުންވެސް އެންމެ ވަރުގަދަ ޓީމަށް، ވިކްޓަރީގެ މިއޮތް ޓީމަށް އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫވެސް ވާނެ،" މުހައްމަދު އާދަމް ބުންޏެވެ. "އެހެންނަމަވެސް އަހަރެމެންގެ ޓީމުގައި ހުނަރު އެބައޮތް، މި ކުޅުންތެރިން ދަނީ ވަރަށް ބާރަށް ކުރިއެރުން ހޭދަމުން، ފުރަތަމަ މެޗުން ބަލާނީ މި ކުޅުންތެރިންނަށް ހިތްވަރު ހޯދައިދޭން."
މުހައްމަދު ބުނީ، ފުރަތަމަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމަކީ އެގޮތަކުން ލިބޭ ހިތްހަމަ ޖެހެއްމެއް ކަމަށެވެ. ވިކްޓަރީގެ ޓީމުގައި ބިދޭސީ ކުޅުންތެރިންގެ ނަން ޖަހާފައި ވީނަމަވެސް އަދި އެ ޓީމަށް ބިދޭސީ ކުޅުންތެރިޔަކު ގެނެސްފައެއް ނުވެ އެވެ. އޭނާ ބުނީ މި މަސްތެރޭ ބިދޭސީ ކުޅުންތެރިން ގެނެސް ދޭނެ ކަަމަށް މެނޭޖުމެންޓުން ބުނެފައިވާ ކަމަށެވެ.
ވިކްޓަރީއަށް، މި އަހަރުގެ ސީޒަންގައި ނުކުޅެވި ދާނެ ކަމުގެ ބިރު ފުރަތަމަ ކުރިމަތިވި އެވެ. އެއީ މިދިޔަ ސީޒަންގައި އެ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން ލޯކަލް ލައިސެންސް ލިބުމަށް ހުރަސް އެޅޭނެތީ އެވެ.
މުހައްމަދު ބުނީ، މީޑިއާތަކުން އެ ވާހަކަ ގެނެސްދިން ގޮތުން ކުޅުންތެރިންނަށް އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި ކަމަށެވެ. އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވިކްޓަރީން ވަނީ ޓްރެއަލްއެއް ބާއްވައި ކުޅުންތެރިން ޓީމަށް ނަގާފަ އެވެ.