ދުނިޔެ

އިންޑިއާގައި ހޫނުގަދަވެ އެތައް ބަޔަކު މަރުވެއްޖެ

އިންޑިއާގައި ހޫނުގަދަވެ ދިގުދެމިގެން ދިއުމުގެ ސަބަބުން 36 މީހުން މަރުވެއްޖެ ކަމަށް އިންޑިއާގެ ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތީރިޓީ (އެންޑީއެމްއޭ)ގެ ތަރުޖަމާން ސީއެންއެން އަށް ހާމަކޮށްފި އެވެ.

މި ފަހުން އިންޑިއާގެ މެދުތެރެއާއި އުތުރަށް މެދުކެނޑުމެއް ނެތި ވަރުގަދައަށް ހޫނުވަމުންދާތާ މިއަދާ ހަމައަށް 30 ދުވަސް ވެފައިވާއިރު ވެރިރަށް ނިއުދިއްލީގައި ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ 48 ޑިގްރީ ޗެލްސިއަސްއަށް ކަމަށް އެންޑީއެމްއޭގެ ތަރުޖަމާނު އަންޝޫ ޕްރިޔާ ވިދާޅުވި އެވެ. އެއީ އަހަރުގެ މިހާތަނުގައި ދުވަހަކުވެސް ނިއުދިއްލީގައި ހޫނު މައްޗަށް ގޮސްފައި ނުވާ ވަރެއްކަމަށް ވެސް އެފަރާތުން ހާމަ ކުރެއެވެ.

ރާޖަސްތާނުގައި ހޫނުމިން ފަންސާސް ޑިގްރީއަށް އަރާާފައި ވާއިރު އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މީޓިއޮރޮލޮޖީގެ އޮފިޝަލެއްކަމަށްވާ ރާގަވާން ކްރިޝްނަން ވިދާޅުވަނީ މިހާރު ހޫނުގަދަވާ ދުވަސްވަރު ކައިރިވެ ހޫނުގަދަވާއިރު މާ ބޮޑަށް ވެސް ހޫނު އިިހުސާސް ކުރެވޭ ކަމަށެވެ.

ހޫނު ގަދަވުމުގެ ސަބަބުން މީހުންނަށް ކުރާ ނޭދެވޭ އަސަރު ދިރާސާ އެކަމުން ރައްކާތެރި ކޮށްދިނުމަށްޓަކައި އެންޑީއެމްއޭ އިން 2016 ގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި އުޅޭނެތަނެއް ނެތް މީހުންނަށް ބޯ ހިޔާވަހިކަން ހޯދައި ދިނުމާއި ހޫނުގަދަ ވަގުތުތަކުގައި ވަޒީފާާއަށް ދިއުމަށް ބަދަލުތަކެއް ގެނެސްދިނުމާއި ފަސޭހައިން ބޯފެން ލިބޭނެ ވަސީލަތްތައް ގާއިމް ކޮށްދިނުމުގެ އިތުރުން ހޫނު މަޑުކުރުމަށްޓަކައި ގޭގޭ ފުރާޅުތަކުގައި ހުދުކުލަ ލައިދިނުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ނަތީޖާއެއްގެ ގޮތުން އެ ގައުމުގައި ހޫނު ގަދަވުމުގެ ސަބަބުން މަރުވާާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ ތިރިކުރެވިފަ އެވެ. އިންޑިއާގައި 2015 ގައި ހޫނުގަދަވެ 2400 މީހުން މަރުވި އެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން އަޅަންފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖެހިގެން އައި އަހަރު އެ އަދަދު ވަނީ 250 އަށް ތިރިކުރެވިފަ އެވެ.