ހަބަރު

100 މޭލު ބޭރުގައި ލޭނު މަސްވެރިކަން ކުރުން މެދުކަނޑާލައިފި

Jun 15, 2019
1

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ 100 މޭލު ބޭރުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ލައިސަންސް ދިނުން ފިޝަރީޒް މިނިސްޓްރީން މެދުކަނޑާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ 100 މޭލު ބޭރުން ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ދޯންޏެއް ވެސް އަނބުރާ ބަނދަރަށް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓުވީ އެ މަސްވެރިކަން ކަން މިހާރު ކުރާ ގޮތުން ލޭނު އަޅައިގެން މަސްވެރިކަން ކުރުން ތައާރަފުކުރި މަގްސަދުތަކާ އެއްގޮތަށް އެ ކަން ކުރިއަށް ނުދިއުމާއި އެހެނިހެން ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.

"މި ގޮތުން، ލޭނު މަސްވެރިކަން ކުރާ އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާ އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މި މިނިސްޓްރީން މި ދަނީ މަޝްވަރާ ކުރަމުން،" މިނިސްޓްރީން ބުނެފައިވެ އެވެ.

މަސްވެރިކަމާބެހޭ މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަން ކުރުމުގެ ލައިސަންސް އަލުން ދޭނީ މިހާރު ހުރި މައްސަލަތަކަށް އޮތް ހައްލުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ރާއްޖޭގައި އާއްމު ގޮތެއްގައި ކުރަނީ އިގްތިސޯދީ ސަރަހައްދުގެ 100 މޭލުގެ އެތެރޭގައި ކުރާ ދޮށީގެ މަސްވެރިކަމެވެ. އަދި ބޭރު ކަނޑުގައި ލޭނު އެޅުމުގެ މަސްވެރިކަމަކީ ހާއްސަ ހުއްދައެއް ލިބިގެން ކުރާ މަސްވެރިކަމެކެވެ.