އިރާނުން ކުރިން ވެފައިވާ ނިއުކްލިއާ އެއްބަސްވުމުގައި ހުރި ނުކުތާތަކުގެ ތެރެއިން އެ ގައުމުން އަމަލު ކުރާނެ ނުކުތާތައް މަދު ކުރަމުން ދާނެ ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ރަޝިއާ އާއި ޗައިނާ އާއި އޭޝިއާ ގައުމުތަކުގެ ވެރިންނާއެކު ތަޖިކިސްތާނުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އެހެން ގައުމުތަކުގެ ފަރާތުން އެދެވޭ ސިގްނަލްތަކެއް ފެނިގެން ދިއުން މުހިންމު ކަމަށެވެ.
އިރާނުން މިދިޔަ މެއި މަހު ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ނުކުތާތަކަށް އަމަލު ކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އެހެން ގައުމުތަކުން އިރާނުގެ އިގްތިސޯދު އެމެރިކާގެ ފިއްތުންތަކުން ސަލާމަތް ކުރަން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފިޔަވަޅެއް ނާޅައިފި ނަމަ ގިނަ އަދަދަކަށް މޮޅު ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވެފައިވާ އެއްބަސްވުމުގައި 2015 ވަނަ އަހަރު ސޮއިކޮށްފައިވާއިރު މީގެ އަހަރެއް ކުރިން އޭގައި ސޮއިކުރި އެމެރިކާއިން އެއްބަސްވުމާއި ވަކިވެ އިރާނާއި މެދު ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވަނީ ފަށާފަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިރާނުން އެކަނި އެއްބަސްވުމަށް އަމަލު ކުރުމުގައި އެއްވެސް ފައިދާއެއް ނެތް ކަމަށް ރޫހާނީ ވިދާޅުވި އެވެ. އަދި އެއްބަސް ވުމުގައި ސޮއި ކޮށްފައިވާ ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުން ވެސް ރަނގަޅު އެދެވޭކަހަލަ ސިގްނަލްތަކެއް ލިބުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފްރާންސްއާއި ޔޫރަޕުގެ އެހެން ގައުމުތަކުން އިރާނުގެ ނިއުކްލިއާ އެއްބަސްވުން ސަލާމަތް ކުރަން ބޭނުންވާާ ކަމަށް ބުނެފައިވީ ނަމަވެސް އެ ގައުމުތަކުގެ ގިނަ ކުންފުނިތަކުން އެމެރިކާގެ ފިއްތުންތަކާއި ކުރިމަތިވެ އިރާނާއެކު މުއާމަލާތްކުރުން ވަނީ ހުއްޓާލާފަ އެވެ.
އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް އެ ގައުމުން ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންވަނީ ސުލްހަވެރި ސަބަބުތަކަށް ކަމަށް ބުނެ އިރާނުން އެ ތުހުމަތުތަށް ދޮގު ކުރެއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ގަލްފް އޮފް އޮމާންގައި އެންމެ ފަހުން ދެ ތެޔޮ ޓޭންކްރަކަށް ދިން ހަމަލައިގެ ވާހަކަ ދައްކަވާފައެއް ނުވެއެވެ. އެމެރިކާއިން ތުހުމަތު ކުރާގޮތުގައި އެ ހަމަލާތަކުގެ އަޑީގައި ވެސް އިރާނުގެ އަތެއް ވެއެވެ. ނަމަވެސް މިހާތަނަށް އެމެރިކާގެ އެ ވާހަކަތައް ގަބޫލު ކުރެވޭވަރުގެ ހެއްކެއް ދެވިފައެއް ނުވެއެވެ.