ހަބަރު

ޕާޓްނާޝިޕް ފޯރަމްގައި ބައިވެރިވާ ވަފުދުތައް އަންނަން ފަށައިފި

Jun 15, 2019
2

ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުން، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ބައިވެރިވާ ބޭރުގެ ވަފުދުތައް ރާއްޖެ އަންނަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޭރުގެ އިސް ބޭފުޅުނ ބައިވެރިވެވަޑައިގެން ރާއްޖޭގައި ބާއްވާ ފޯރަމެވެ. ރާއްޖެއަށް ކަނޑައަޅުއްވާފައި މާލެ، ކޮޅުނބު އަދި ދިއްލީގައި ތިއްބަވާ ގިނަ ސަފީރުން ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

އަންނަ ހޯމަ އާއި އަންގާރަ ދުވަހު ކުރިއަށްދާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ވެސް ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގަންނަވާނެ އެވެ. މާދަމާ ވެސް ބޭފުޅުން ވަޑައިގަތުމަށް ނިންމާފައިވާއިރު މާދަމާ ރޭ އެ ބޭފުޅުންނަށް ހާއްސަ ރިސެޕްޝަނެއް ވެސް އޮންނާނެ އެވެ. އަދި މާދަމާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯރަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކުރުނބާ މޯލްޑިވްސްގަ އެވެ. އެކަމަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު ޝާހިދު އަދި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަފުޅު ދައްކަވާނެ އެވެ.

ފޯރަމްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ ސެޝަންތައް:

  • މާލީ އަދި އިގުތިސޯދީ ދާއިރާ – ރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގްތިސޯދީ ހާލަތުގެ މައުލޫމާތު މި ޕެނަލް ޑިސްކަޝަންގައި ދޭނެ
  • ނޫ އިގްތިސޯދު – ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގްތިސޯދީ ދާއިރާ ތަރައްގީކުރުން
  • އިޖްތިމާއީ ދާއިރާ – ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާއި ގުޅޭ ކަންކަން އަދި ބޯހިޔާވަހިކަން
  • އިދާރާތައް ހަރުދަނާކުރުން – ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުން
  • ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުން – ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓާއަށް އަދާކުރެވިދާނެ ދައުރު

މި ފޯރަމަށް ސަރުކާރުން ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިން އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.

ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށާއި އިގްތިސޯދީ އަދި އިޖްމާއީ އެކި ދާއިރާތަކުން ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ފޯރަމް ތެރެއިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ އިރު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.