ނައުޝާގެ ހެލްތު ކޮލަމް

ހައިޕާތައިރޮއިޑިސްމް - ތައިރޮއިޑް މަތިވުން

ކަރުގެ ކުރިމަަތީގައި އިންނަ ތައިރޮއިޑް ގްލޭންޑަކީ ހަށިގަނޑުގައި ހިނގާ ނުހަނު ގިނަ މުހިންމު މަސައްކަތްތަކަށް އެހީތެރިވެދޭނެ ހޯމޯންސް ތަކެއް އުފައްދައި ދޭ ގްލޭންޑެކެވެ. ވީމާ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އެއްވެސް ބުރޫއެއް އަރައިފިނަމަ ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތިވެ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް މާބޮޑަށް ދަށްވުން ނުވަތަ ހައިޕޯތައިރޮއިޑިސްމް އަދި މިއާ ހިލާފަށް ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް މާ އިތުރުވުން ނުވަތަ ހައިޕާތައިރޮއިޑްސްމް މިއީ އެންމެ އާންމުކޮށް ތައިރޮއިޑް ގްލޭންޑަށް މެދުވެރިވާ ދެ ސިއްހީ މައްސަލަ އެވެ. މި ހަފުތާގެ ލިޔުމުގައި މި ބަލާލަނީ ތައިރޮއިޑް މަތިވުމަށެވެ.

ހައިޕާތައިރޮއިޑިސްމް - ތައިރޮއިޑް މަތިވުން

ތައިރޮއިޑް މަތިވުން ކަމަށް ނިސްބަތް ކުރެވެނީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި އިތުރުވުމަށެވެ. މިއަށް އިނގިރޭސިން ކިޔާ އުޅެނީ ހައިޕާތައިރޮއިޑިސްމް އެވެ. މިއީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ މައްސަލައެކެވެ. ނަމަވެސް އަންހެނަކަށްވުމާއި އާއިލާގައި ތައިރޮއިޑް މައްސަލަ ހުންނަ ފަރާތެއް ހުރުމަކީ ހައިޕާތައިރޮއިޑިސްމް ހުރުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަމެކެެވެ.

ހައިޕާތައިރޮޑިސްމްގެ އަލާމާތްތައް

  • ނުތަނަވަސްވުން
  • ހޫނު ތަންތަނުގައި ހުންނަން އުނދަގޭވުން އަދި ދާހިތްލާ ފަސޭހައިން ހޫނުވުން
  • އެހެން ސަބަބެއްނެތި ކުއްލިޔަކަށް ބަރުދަން ލުއިވުން
  • ބޭރަށްހިންގުން
  • ގައިގެ ހަމަށް ބަދަލުތަކެއް އައުން (ރަތްވުން/ތުނިވުން/ހިރުވުން)
  • އިސްތަށި ތުނިވުން ނުވަތަ ފޭބުން
  • މައްސަރުކަންތައް ނުޖެހެން ފެށުން
  • ގިނަގިނައިން ކާހިތްވުން
  • ނިދުމަށް އުނދަގޫވުން
  • ތައިރޮއިޑް ގްލޭން ދުޅަވުން (ގޮއިޓާ)

ބަޔާން ކުރެވުނު އަލާމާތްތަކުގެ އިތުރުން ތައިރޮއިޑް ހޯމޯން މަތިވާން މެދުވެރިވި މައިގަނޑު ސަބަބަށް ބިނާކޮށް އެހެނިހެން އަލާމާތްތަކެއް ފެނުން ވެސް އެކަށޭނަ އެވެ. އެގޮތުން ގްރޭވްސް ޑިސީސް ފާހަގަކޮށްލެވެ އެވެ.

ގްރޭވްސް ޑިސީސް

ގްރޭވްސް ޑިސީސްއަކީ އޮޓޯއިމުން ޑިސްއޯޑާއެކެވެ. ނުވަތަ ތިލަ ބަހުން ބުނަނީނަމަ އެއީ ދިފާއީ ނިޒާމްއިން އުފައްދާ އެންޓިބޮޑީސްތަކެއް ތައިރޮއިޑް ގްލޭންޑަށް އޭގެ ހޯމޯންތައް އާދަޔާ ހިލާފަށް ގިނައިން އުފެއްދުމަށް ބާރުއަޅާ ސިއްހީ މައްސަލައެކެވެ. މިއީ ހައިޕާތައިރޮއިޑްސްމް މެދުވެރި ކުރުވާ މައިގަނޑެ އެއް ސަބަބެވެ. މިބަލި ހުންނަ މީހުންގެ ފަރާތުން މަތީގައި ބަޔާން ކުރެވުނު އަލާމާތްތަކުގެ އިތުރުން މި ބައްޔަށް ހާއްސަ އަލާމާތްތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ފައިތިލަ އާއި އެކެ ފައިގައި ފެންޖަމާވެފައިވާހެން ދުޅާވެފައި ހުރުން އަދި ލޯ އާންމުކޮށް ހުންނަ ވަރަށްވުރެން ބޮޑަށް ބޭރަށް ނިކުމެފައި ހުރުން ފާހަގަ ކޮށްލެވެ އެވެ.

ހައިޕާތައިރޮއިޑިސްމްގެ ފަރުވާ

ހައިޕާތައިރޮއިޑިސްމް ގެ އާންމު ފަރުވާ އަކީ އެންޓި ތައިރޮއިޑް ބޭސް ބޭނުންކޮށްގެން ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި އެދެވޭ މިންވަރެއްގައި ބެހެއްޓުމެވެ. ދެވޭ ބޭސް އަދި ކާންޖެހޭ އުސޫލުތައް ބިނާވާނީ ބަލިމީހަގެ އުމުރާއި، ތަރިއޮޑް މަތިވުމަށް މެދުވެރި ކުރުވި މައިގަނޑު ސަބަބު އަދި ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި ހުންނަ މިންވަރުގެ މައްޗަށެވެ. ވީމާ ގަވައިދުން ބޭސް ބޭނުން ކުރުމުގެ އިތުރުން ޑޮކްޓަރުގެ ލަފަޔާ އެއް ގޮތަށް ގަވައިދުން ލޭގައި ތައިރޮއިޑް ހޯމޯން ހުރިވަރު ޗެކް ކުރުން މުހިންމު ވާނެ އެވެ. މީގެ އިތުރުން ރޭޑިއޯއެކްޓިވް އައޮޑިން ޓްރީޓްމެންޓް އަދި ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަނަކަށް ފަހު ނެގުމަކީ ވެސް ބައެއް ހާލަތްތަކުގައި ދެވޭ ފަރުވާއެކެވެ.

ހައިޕާތައިރޮއިޑިސްމް އަށް ދޭންޖެހޭ ފަރުވާ ނުދެވިއްޖެނަމަ ދިމާވެދާނެ ސިއްހީ މައްސަލަތައް ބައިވަރެވެ. އެގޮތުން ލޯ ބޮޑުވެ، ލޯ ބޭރަށް ނިކުތުން ފާހަގަ ކުރެވެ އެވެ. އަދި ލޯ ރަތްވުން، ލޯ ފުސްވުން އަދި އަލި އެޅުމުން އުނދަގޫވުން ފަދަ މައްސަލަތައް ހިމެނެ އެވެ. ކަށި ފީވުމަކީވެސް ތައިރޮއިޑް ހޯމޯން މާ މަތިވުމާ ގުޅިފަިއިވާ ސިއްހީ މައްސަލައެކެވެ. މިއީ ހައިޕާތައިރޮއިޑިސްމް އާ ގުޅިފައިވާ ކެލްސިއަމް ފަދަ ހަށިގަނޑުގައި ހިމެނޭ މައުދަންތައް ރައްކާކުރުމުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މީގެ އިތުރުން ހައިޕާތައިރޮއިޑިސްމް އަށް އެދެވޭ ފަރުވާ ނުދެވިއްޖެ ނަމަ ހިތުގެ މައްސަލަތަކެއް މެދުވެރިވުމަކީވެސް ކައިރި ކަމެކެވެ. އެގޮތުން ހިތުގެ ވިންދު މާ ބޮޑަށް އަވަސްވެ ނުރައްކާތެރި ސިއްހީ ހާލަތެއް ކަމަށްވާ ތައިރޮއިޑް ކްރައިސިސް އަށް މީހާ ގޮސްވެސްދާނެ އެވެ.

ވީމާ ހައިޕާތައިރޮއިޑިސްމް އަކީ އެކަމުގެ ފުރިހަމަ ފަރުވާ ހޯދަންވާނެ ބައްޔެކެވެ. ގަވައިދުން ބޭސް ކެއުމާއި ގަވައިދުން ޓެސްޓްތައް ހަދާ ބޭހަށް ހަށިގަނޑު އިޖާބަ ދޭތޯ ބަލަން ވާނެ އެވެ. ޑޮކްޓަރުގެ ލަފަޔާއެކު ގަވައިދުން ކަސްރަތު ކުރުމާއި ވިޓަމިން އަދި ކެލްސިއަމް ހިމެނޭ ކެއުންތައް ކެއުމުގައި އިތުރު ކުރުން ފަދަ ބަދަލުތައް ދިރިއުޅުމަށް ގެނައުމަކީ ބުއްދިވެރި ކަމަކަށް ވާނެ އެވެ.