ވާހަކަ

އީޝަލް

(13 ޖޫން 2019 އާ ގުޅޭ)

"އެއީ އީޝަލް... އޭނާގެ ނަފްސު ރޯއަޑު އަހަރެންގެ ކަންފަތުން އެންމެ ހިނދުކޮޅަކަށް ވެސް ކަނޑައިގެން ނުދޭ، އެއްވެސް ޝައްކެއްނެތި އެއީ އޭނާ" ލުގަލްބަންދާ ބުންޏެވެ.

ޔާފިއާ ހަމައަކަށް އެޅުމުން އޭނާގެ އަތުގައި ހިފާލައިގެން ހުރެ އޭނާގެ ގާތުގައި އީޝަލް އިށީނެވެ. އެހިނދު ދެ ލޮލާއި ކޯތާފަތް ފުހެލައި ޔާފިއާގެ ނަޒަރު އީޝަލްއަށް ހުއްޓާލިއެވެ.

"އީޝަލް އެނބުރި އައީތީ އަހަރެން އުފާވި، މަޢާފަށް ތިއެދެނީ ކީއްވެ؟ އީޝަލްއެއްނޫން ރާވިންއަށް އެފަދައިން ކަންތައްކުރީ، އެކަމުގައި އީޝަލްގެ ކުށެއްނެތް... ހަނދާންވޭތަ!... އަހަރެން ބުނީމެންނު އަހަރެންނަށް ހަނގުރާމައިގެ އެއްވެސް ހުނަރެއް ލިބިފައިނެތަސް އީޝަލްއާއި ރައުލްއާއެކު ހުންނާނަމޭ، އެންމެފަހު ވަގުތުގައި ވެސް ރާވިން އެވީ ރައުލްއާއެކު، އެ ދިޔައީ އެކުގައި، ދެރަވޭ، އެކަމަކު ގެއްލިގެން ދިޔައީ ހަމައެކަނި އަހަރެންގެ ފިރިމީހާއެއްނޫން، އީޝަލްގެ ވެސް ފިރިމީހާ... އަމިއްލަ ނަފްސަށް އެކަމުގެ އަނިޔާނުދީ... ކަލޭ ހިތްވަރު އެލުވާލުމުން އަހަރެމެން އެންމެންގެ ހިތްވަރަށް ވާނީ ކިހިނެއް؟" އީޝަލްގެ ކޮނޑުގައި ޔާފިއާ ފިރުމަމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ޔާފިއާގެ ވާހަކައަށް ބޯޖަހާލައި އީޝަލް އެތަނުގައި ތިބި އެންމެންނާ ކުރިމަތިލިއެވެ. އެންމެންގެ ހާލު އޮޅުން ފިލުވިއެވެ. ކަންބޮޑުވެ އަނގައިން ނުބުނެ އިސްޖެހިފައި އިން ދާރިއުސްއަށް އީޝަލް ގޮވާލިއެވެ. ކަންބޮޑުނުވުމަށް އޭނާ ބުންޏެވެ.

"ރައުލް ކަލޭމެންދެކެ ވަރަށް ލޯބިވޭ، އޭނާ ޒަގަން ހުއްޓުވަން ބޭނުންވާ އެއްސަބަބަކީ ކަލޭމެންނަށް ވެސް މިނިވަންކަން ހޯދައިދިނުން، ރައުލް އަހަރެން ގާތުގައި ބުނި، އޭނާގެ ސަބަބުން ޔާފިއާ ހުވަފަތްވެދާނޭތީ ހިތާމަކުރާކަމަށް، ޒުވާން ދާރިއުސްއަށް ދުނިޔެ ދަސްނުވަނީސް އޭނާގެ ފުރާނަ ހިނގައިދާނޭތީ އެކަމާ ވިސްނޭކަން، ހަތޯރު އޭނާގެ ބޭބެގެ އަތުން ގަތުލުވާތަން ދުށުމަށް ކެތްކުރާނޭ ގޮތެއް އޭނާއަށް ނޭނގޭކަމުގައި، އަދި ސޭމެސްގެ ހަރުދަނާ ނިންމުންތަކާނުލާ ކުރިއަށް ދިއުން ފަސޭހަނުވާނޭކަން... އެހެންވެ، އަހަރެމެން ދެ މީހުން ވެސް އެއްބަސްވީން، ތިޔައިގެ ތެރެއިން ކޮންމެ މީހެއްގެ ފުރާނައިގެ ބަދަލު އަހަރެމެންގެ ފުރާނައިން ދޭން" އީޝަލްގެ ވާހަކަތައް އަހާފައި ދާރިއުސް ފުންމައިގެން ތެދުވެ އެއްފަރާތްވެލިއެވެ. އޭނާގެ ހިތަށްކުރި އަސަރަށް ކެތްނުވީއެވެ. ހަތޯރު އިސްޖަހާލައި މޫނުގައި ދެއަތްއެޅިއެވެ. އެހިނދު އޭނާގެ ކޮނޑުގައި ސޭމެސް ހިފާލައި ބާރުކޮށްލީ ހިތްވަރުދޭ ފަދައިންނެވެ.

ވަގުތުކޮޅަކަށް މާޙައުލު ހިމޭންވިއެވެ. އެ ހަމަހިމޭންކަން ނައްތާލީ އީޝަލްއެވެ. އެންމެންގެ ހާޟިރުގައި ޒަގަންއާއި އެ މީހުންގެ ކުރިމަތިލުން ނިމިގެން ދިޔަ ގޮތާމެދު އީޝަލް ސުވާލުކުރިއެވެ. ހުރިހާކަމެއް ނިމުމަކަށް އައުމުގެ ކުރީން އޭނާގެ ޚަބަރު ހުސްވުމުން މައިދާނުގައި ހިނގައިދިޔަ އެއްވެސް ކަމެއް އީޝަލްއަށް ނޭނގެއެވެ.

"ޒަގަންއާއެކު ދެ އިފްރީތުންނާއި މަދު ހަނގުރާމަވެރީންކޮޅެއް އެނބުރި ދިޔައީ، ރާވިންއާއި ރައުލް ފިޔަވައި އަހަރެމެންގެ ތެރެއިން މީހަކު ގެންދިޔަތަނެއް ނުދެކެން، ލުގަލްއާއި އީޝަލް ފިޔަވައި އެހެންމީހަކަށް ބޮޑު ޒަޚަމެއް ވެސް ނުލިބޭ، އެކަމަކު ފާހަގަވިކަމެއް އެބައޮތް، އީޝަލް!... ހުރިހާކަމެއް އަމާންވިއިރު އަހަރެމެންގެ ތެރެއިން ދެ މީހަކު ވީނުވީއެއްނޭނގިވަނީ ގެއްލިފައި" ސޭމެސް ބުންޏެވެ. އޭނާގެ ވާހަކަ ނުނިމެނީސް އީޝަލް ބޯ ޖަހާލައި އަތްތިލަ ހިއްލާލީ އެކަމުގެ ޚަބަރު އޭނާއަށް ލިބިފައިވާކަން ހާމަކުރުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ސޭމެސް ހުއްޓާލުމުން އީޝަލް ވާހަކަދެއްކިއެވެ.

"ޠަލަބްއާއި ސިއްތާވީ ރައުލްއާއެކު... އޭނާއާއެކު އެމީހުން ފޮނުވީ ލުގަލް، އެކަމަކު އެމީހުން ދިރިހުރިކަން ޔަގީންކުރެވޭނޭ ގޮތެއްނެތް" އީޝަލް ބުންޏެވެ. އެހިނދު އެތަނުގައި ތިބި ކޮންމެ މީހަކު އެކަކުއަނެކަކަށް ބަލާލިއެވެ. ޒިޔަޒެލްގެ ނަޒަރު ލުގަލްބަންދާއަށް ހުއްޓުނެވެ. ލުގަލްބަންދާ ހޭއެރުމުން ވެސް އޭނާ އެކަހަލަ އެއްވެސް ވާހަކައެއް ނުބުނީ ކީއްވެބާއޭ ޒިޔަޒެލްގެ ހިތަށް އެރިއެވެ. އޭނާގެ ސިއްރުވެރިކަމާމެދު ޒިޔަޒެލްގެ ޝައުގުވެރިކަން އިތުރުވަނީ އެހެންވެއެވެ. އެކަކަށްވުރެ ވެސް އީޝަލްއާ މެދު ލުގަލްބަންދާ ހުސިޔާރުވެއެވެ. އޭނާ ދުރަށް ވިސްނުން ހިންގައެވެ.

އެންމެންނާ ބައްދަލުކޮށް ވާހަކަދައްކައި ހެދުމަށްފަހު އީޝަލް އެކަހެރިވެ ބޮޑު ތުނޑީގެ ދިޔަރެސް ފަށަށް ފޭބިއެވެ. ކަނޑުގެ ސަތަހަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އޭނާގެ ކަނާއަތް އުފުލާލައި ދަމާލީއެވެ. ހީވީ ދުރުގައިވާ އެއްޗެއް އަތުޖެހުމަށް އޭނާ އެދޭހެނެވެ. އޭރު އޭނާގެ ފަހަތުގައި ފަސްވަރަކަށް ފިޔަވަޅުގެ ދުރުމިނުގައި ލުގަލްބަންދާ ހުއްޓެވެ. އީޝަލްގެ ކޮންމެ ހަރަކާތަކަށް އޭނާގެ ސަމާލުކަން ދެވިފައިވި އެވެ. އިރުކޮޅަކު އަތްދަމައިލައިގެން ހުރުމަށްފަހު އެ އަތްތިލަ ކުރުކޮށްލައި ގެނެސް އީޝަލްގެ މޭގައި ބޮނޑިކޮށްލިއެވެ. ގިސްގެ އަޑު ބޭރުވުމާއެކު އީޝަލްގެ ދެތުންފަތް ތެޅިލިއެވެ. އެހިނދު އޭނާ ބާރަށް ދެތުންފަތް ފިއްތާ ހިފަހައްޓާލުމާއެކު ދެ ލޯ މަރާ ތަގުޅިކޮށްލިއެވެ.

"އީޝަލް" ދާދި ގާތުން ލުގަލްބަންދާގެ އަޑު އިވުމުން އީޝަލް ލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ގާތުގައި ލުގަލްބަންދާ އިނެވެ. ބޯއަރިކޮށް އީޝަލްއަށް ބަލާށެވެ. މޫނުގައި ދެއަތްތިލަ ހިންގާލުމާއެކު އީޝަލްގެ މޫނުގައިވި ހިތްދަތިކަމުގެ އަސަރު ނިކަން އަވަހަށް ފޮރުވާލިއެވެ. އަދި ލުގަލްބަންދާގެ ކަނދުރާމަތީގައި އޮންނަ ބޯ ކެހެރިގަނޑުގައި އީޝަލް ފިރުމާލިއެވެ.

"ލުގަލް، އަހަރެންނާމެދު ރައުލް ކަންބޮޑުވާކަށް ނޭދެން، އަހަރެން އޭނާއަށް ވަޢުދުވިން... ވަޢުދުވިން ކެތްތެރިވާނަންކަން، އެކަމަކު... ރައުލްއާ ދެކޮޅަށް ރޭވި އެންމެންނާ އަހަރެން ކުރިމަތިލާން ބޭނުން، އަހަރެންނަށް މިލިބޭ ވޭނުގެ އަސްލަކީ ޒަގަން، މިހުރިހާކަމެއްގައި އޭނާއަށް އެއްބާރުލުން ދިން މީހަކީ ބެރީތުކަމުގައި ރައުލް ބުނި... ދުވަހަކުވެސް އަހަރެން ރައުލްނޫން މީހަކު ޚިޔާރެއްނުކުރާނަން، އޭނގޭތަ!... މިތަނަށް އަހަރެމެން އައުމުގެ ކުރީން ފޭލީގޭގައި އަހަރެމެން ދެމީހުން ހޭދަކުރިފަހު ވަގުތުކޮޅުގައި ފުރަތަމަ ފަހަރަށް ރައުލް ކުރާ އުންމީދުތަކުގެ ވާހަކަދެއްކި، އޭނާ ދިރިހުންނަން ނުހަނު ބޭނުންވެފައިވާކަން އެވާހަކަތަކުން އަހަރެންނަށް އެނގުނު، އަހަރެމެންނަށް ދަރީންލިބި އެ ދަރީން ބޮޑެތިވާތަން ދުށުމަށް އޭނާގެ ހިތް އެދޭކަން ހާމަކުރި، އެ އުންމީދުތައް ފުރިހަމަކުރުމަށް ދުނިޔޭގެ އެއްވެސް ކަމަކަށްވުރެ ބޮޑަށް އަހަރެންނަށް އެދެވުނު، ލުގަލް!... ކިހިނެއްމިވީ، އަހަރެން އެހާ ބަލިކައްޓީތަ؟ އަހަރެންގެ އެއްވެސް ބާރެއްނެތީތަ؟ އަހަރެންގެ މީހުން ރައްކާތެރިކުރާނޭ ގޮތެއް އަހަރެންނަކަށް ނޭނގުނު... ރައުލްއާއި ރާވިން ސަލާމަތްނުކުރެވުނު އިރު އަހަރެން މިއިން ހާލާއެކު ކިހިނެއް ބޭރީތާއި ޒަގަންއާ ކުރިމަތިލާނީ، އަހަރެން އޭގެ މައްޗަށް ބަރޯސާވާ އެކަތި މި ފިޔަގަނޑަކީ، ހަށިގަނޑުން އެއްބައި އުނިވެފައިވާ ކަހަލަ، އަހަރެންގެ މިޝަކުވާތަކުން ބައްޕައާއި ޒިޔަޒެލްއަށް ލިބޭނީ އިތުރު ނުތަނަވަސްކަމެއް، އަހަރެން ފުށުން އެންމެން ވެސް ދުށުމަށް އެދެނީ ހިތްވަރުގަދަކަން، ޚުދު ޔާފިއާއަށް ޓަކައި ވެސް އަހަރެން ކެތްތެރިވާންޖެހޭ، ލުގަލް!... އަހަރެން... އަހަރެން... ލުގަލް..." އީޝަލްއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ދެ ކަކޫ މައްޗަށް ތިރިވެ ލުގަލްބަންދާގެ ކަނދުރާގެ ބޯ ކެހެރިގަނޑުގައި އީޝަލްގެ މޫނު ފޮރުވާލިއެވެ. އޭނާއަށް ނުއުފުލޭވަރުގެ ބުރައެއް ބޮލުގައި އެޅިފައިވުމުން ހަދާނޭގޮތެއް ވަނީ ނޭނގިފައެވެ.

"ރައުލްއާ އެއްވަރެއްނުވާނެކަން އެނގޭ" މަޑުމަޑުން ލުގަލްބަންދާ ބުންޏެވެ.

* * * * *

"ރައުލް!... ދަރިފުޅާ... ލޯ ހުޅުވާލަބަލަ..." ޒޮރައިދާގެ ގޮވުމުގެ އަޑު ދެބެދޭތެރޭގައިވީ ރައުލްއަށް އިވެމުންދިޔައެވެ. އެހިނދު އޭނާއަށް އިޙްސާސް ކުރެވުނީ ގާތުގައި މަންމަ އިނީކަމުގައެވެ. އޭނާއަށް ގޮވާލަނީ މަންމަކަމެވެ. ރައުލްގެ މެރިފައިވާ ދެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

"ދަރިފުޅާ...ދެން ތެދުވޭ، މިތަނުގައި އޮވެ މަރުވާން ބޭނުންވަނީތަ؟ ކަލޭގެ ފުރާނައިގެ ބަދަލުގައި ﷲ އަހަރެންގެ ފުރާނަ ހިއްޕެވުމަށް ދަންނަވަމުންދަނިކޮށް ތިހެން ހިތްވަރު ދޫކޮށްލަނީތަ... ރައުލް... ކަލޭގެ އަހުލުންގެ ގާތަށް ނުދާނަންތަ؟" ރައުލްގެ ނިތްކުރީގައި ޒޮރައިދާގެ ނިތްޖައްސާލިއެވެ.

"މަންމާ!..." ރައުލް ގޮވާލިއެވެ. އެހިނދު ސިހިފައި ޒޮރައިދާ ބޯހިތްލާލައި ރައުލްއަށް ބަލާލިއެވެ. ފެންކަޅިވެފައިވާ ދެ ލޮލުން ރައުލް ބަލަން އޮތެވެ.

"މަންމާ" މަޑުމަޑުން ރައުލް އަނެއްކާ ވެސް ގޮވާލިއެވެ. އަދި ތެދުވަން އުޅުނުވަގުތު އިކަރޯސް އައިސް އޭނާއަށް އެހީތެރިވިއެވެ. އަރިކަށީގައިވާ ބޭސްގަނޑަށް ވާންވެލުމުން ބަނޑާ ދިމާގައި ވައަތުން ރައުލް ހިފަހައްޓާލިއެވެ.

"މިހާރު ފަސޭހަވަނީ، ޒަޚަމްވެފައި ހުރީ ވަރަށް ފުންކޮށް" ސިއްތާ ބުންޏެވެ. މާޙައުލަށް ރައުލްގެ ނަޒަރު ހިންގާލެވުނީ ދެނެވެ. އެހިނދު ގާތުގައިން ޒޮރައިދާގެ ސިފަ ފެނި އޭނާ ސިހުނެވެ. އޭނާއަށް މަންމާއޭ ގޮވާލެވުނުކަން ހަނދާންވިއެވެ.

"ތީ ކާކު؟ ކޮބާ ރާވިން؟ ޠަލަބް، ކަލޭމެން ވެސް އަހަރެންނާއެކު ހައްޔަރުވީތަ؟، މިއީ ކޮންތަނެއް؟ މިއީ ގަނޑުވަރުގެ ބައެއްތަ؟" ޒޮރައިދާއާއި އިކަރޯސްއަށް ބަލާލައި އެއީ ކާކުތޯ އެހުމަށްފަހު ރައުލް ވާހަކަދެއްކީ ސިއްތާއާއި ޠަލަބްއަށް ބަލަން އިނދެއެވެ. އެއާއެކު އީޝަލްމެންގެ ގާތުން ރައުލްއާއި ރާވިން ގެނެވުނު ގޮތް ސިއްތާ އޮޅުންފިލުވައިދިނެވެ. އެ ހުރަގެއަށް ރައުލް އެއްލާލައިފައި ޒަގަން ދިޔަގޮތަށް އެނބުރި ނާންނަކަމެވެ. އަދި އެ ހުރަގެއިން ބައްދަލުވެ އެމީހުންނަށް އެހީތެރިވި ބަޔަކީ ޒޮރައިދާއާއި އިކަރޯސް ކަމުގައި ވެސް ބުންޏެވެ. އިކަރޯސްގެ ފުށުން އެނގުނު ގޮތުގައި އެ ހުރަގެއަކީ ގަނޑުވަރުގެ ބައެކެވެ. ބިންގަރާހެއްގެ ތެރޭގައި އެންމެ އަޑީގައި ހެދިފައި ހުރި ތަނެއްކަމުގައި ބުންޏެވެ. އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ރައުލް ބަލާލީ ޒޮރައިދާއަށެވެ.

"ތީ... ތީ އަހަރެންގެ މަންމަތަ؟" ހިތްޝައްކުވެފައި އިނދެ ރައުލް އެއްސެވެ. އޭނާ ދުވަހަކުވެސް ޖިލައްޔާގެ ސޫރައެއް ނުދެކެވެ. އެނގެނީ އެއީ ހޫރެއްފަދަ ރީތިކަމެއް ލިބިފައިވާ އަންހެނެއް ކަމެވެ. އަދި އޭނާއަށް ދިގު އިސްތަށިގަނޑަކާއި ފެހިކުލައިގެ ދެ ކަޅި ލިބިފައިވާކަމެވެ. އެފަދަ ސިފައެއް ފުރަތަމަފަހަރަށް ރައުލް ދުށީ އީޝަލްއާ ބައްދަލުވި ހިނދުއެވެ. އެކަމަކު މިހާރު ކުރިމަތީގައި އިން މުސްކުޅި އަންހެންމީހާގެ ފުށުން އެފަދަ ސިފައެއް ފާޅެއްނުވެއެވެ.

"ކޮއިފުޅާ... ކަލޭގެ މަންމައަކީ ގަނޑުވަރުތެރޭގެ ޚާދިމާއެއްނޫން، އެއީ ރަސްގެފާނުގެ އެއްބަނޑު އެއްބަފާ ހަމައެކަނި ހުރި އަންހެންކޮއްކޮ" ލުއި ހީނލުމަކާއެކު ޒޮރައިދާ ބުންޏެވެ.

"ކަލެއަށް އަހަރެން އެނގޭހެން ހީވޭ، ތީ އަހަރެންގެ މަންމައަށް ނުވަންޏާ ދެން ކާކު؟... މިތާ ކީއްކުރަނީ؟" ރައުލް އިނީ ސުވާލުގެ ނަޒަރަކުން ބަލާށެވެ.

"އަހަރެންނަކީ އުމްމު ޒޮރައިދާ، އަހަރެން މި ގަނޑުވަރަކަށް ގެނެވުނީ ކަލޭގެ މަންމަ ޖިލައްޔާއާއެކު، އުތުރުގައި އޮތް މުސްލިމުންގެ ރަސްކަމުގެ ތަޚުތުގައި އިނީ ބިންޔާމީން ބިން އަތަޢުއްލާ، އޭނާގެ އަނބިމީހާ މަރިޔަމްއަށް ކަންކަމުގައި ލަފާ އަރުވާ އަދި އެންމެ ގާތް ޚާދިމާއަކީ އަހަރެން، ޖިލައްޔާއަކީ ބިންޔާމީންއާއި އޭނާގެ ހަގަށް ހުރި ބިލާލުގެ ލޮލުގެ ފިނިކަން، އެ ތިންބެއިންގެ ތެރެއިން އެންމެ ހަގީ ޖިލައްޔާ، ޒުވާން ޖިލައްޔާއަކީ ގަނޑުވަރުގެ ތެރޭގައި މިނިވަންކަމާއެކު އުދުހިފައި އުޅުނު ނަފްސެއް، ބިންޔާމީންގެ ހަގު ދަރިފުޅާއެކު އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރޭ، މަރިޔަމް، އޭނާގެ ދަރިއެއް ފަދައިން ޖިލައްޔާދެކެ ލޯބިވި، އެ އެންމެންގެ ދިރިއުޅުން ގެއްލުވާލީ ސައިފުލް ކަރީމް، މަރިޔަމްގެ ބޮޑުބޭބެ، ތިމާގެކަން އޮތްނަމަވެސް ސައިފުލްގެ ހިތް ކަޅުކަން ޚުދު މަރިޔަމްއަށް ވެސް އެނގޭ، ބިންޏާމީންގެ އަރިސް މީހުންގެ ތެރޭ ސައިފުލް ނުހިމެނުމުން ވަކިން އޭނާގެ ހިތް ނުބައިވި، މަރިޔަމްއާއި ޖިލައްޔާ ގޮވައިގެން ގަނޑުވަރުން ބޭރަށް އެރޭ ނުކުތީ ސައިފުލްގެ އަންހެނުންނާއި އޭނާގެ ބޮޑުދައިތަ ކެނޑިނޭޅި އަބަދު އެދެމުން އައި ދަޢުވަތު ޤަބޫލުކުރުމަށް ބިންޏާމީން އެދުމުން، އެމީހުންނާއެކު ދަތުރުކުރި އެންމެ އިސް ޚާދިމާއަކީ އަހަރެން، މަރިޔަމް ކޮންމެ ތަނަކަށް ދިޔަނަމަވެސް އަހަރެން ގޮވައިގެން ނޫނީ ނުދާނެ، އެރޭ ހުރިހާކަމެއް ސައިފުލް ހަމަޖައްސާފައި އޮތީ ފެންއޮހޭ ފަރުބަދައެއްގެ ކައިރީ، އެރޭ ކުޑަވަގުތުކޮޅަކަށް ޖިލައްޔާ އަހަރެމެންނަށް ގެއްލުނު، ޖިލައްޔާއާ ބޭރީތު ފުރަތަމަ ބައްދަލުކުރީ އެރޭ، އެއި ސައިފުލްގެ ރޭވުމެއް، މަރިޔަމް ކަންބޮޑުވެ އެފަދަ ދަޢުވަތުތަކަށް ޖިލައްޔާ ނުގެންނާނަންކަން ސީދާ ސައިފުލްއަށް އެރޭ އެންގި، ސައިފުލްގެ ނިޔަތާމެދު މަރިޔަމް ކަންބޮޑުވާކަން އަހަރެން ގާތުގައި ބުނި، ޒުވާން ޖިލައްޔާއަށް ކަމެއްވެއްޖެނަމަ ބިންޏާމީނާއި ބިލާލުގެ ހަމަޖެހުން ގެއްލޭނޭކަމުގައި އޭނާ ވެސް ޤަބޫލުކުރޭ، ސައިފުލް އެ އުޅެނީ އެފަދަ ކަމެއްކުރަންހެން ހީވާކަމުގައި މަރިޔަމް ބުނި، އަހަރެންނަކީ އެމީހުންގެ ޚާދިމާއެއް، އަހަރެންނަށް ކުރެވޭނޭކަމެއްނެތް، އެ ހާދިސާ ހިނގިތާ ގިނަ ދުވަހެއްނުވެ އަހަރެމެންގެ ތެރެއަށް ބޭރީތު އަރައިގަތީ، އެއީ ބިރުވެރިކަމާއި އަނިޔާވެރިކަމުން ފުރިގެންވީ ދުވަހެއް، ގަނޑުވަރަށް އެ މީހުންވަނީ ކިހިނެއްކަމެއް ވެސް ނޭނގޭ، އެކަމުގައި ސައިފުލްގެ އަތެއްވާކަން އެނގުނުއިރު ހުރިހާކަމެއް ނިމިއްޖެ، ބިންޏާމީންއާއި ބިލާލު ގަނޑުވަރުގެ ސިފައިންނާއެކު ބޭރީތުގެ ލަޝްކަރާ ހަނގުރާމަ ކުރަން ތިބެފައި އައީ މަރިޔަމްއާއި ކުދީންގެ އިތުރުން ޖިލައްޔާ ސަލާމަތްކުރަން، ބިންޔާމީންގެ ބޮޑުބޭބެ މާލިކަށް އެ ޚަބަރު ލިބި އޭނާ ވެސް ވަގުތުން ގަނޑުވަރަށް އެނބުރި އައި، ބޭރީތުގެ ކަނޑިން ފުރަތަމަ ޝަހީދުވީ ބިންޏާމީހުންގެ ދޮށީ ދަރިފުޅު، ބިލާލު ޝަހީދުވެގެން ވެއްޓުނުކަން އެނގުނީ ޖިލައްޔާގެ ހަޅޭކާއެކު، އަހަރެން ހުރީ މަރިޔަމްއާއި އޭނާގެ ދެވަނަ ދަރިފުޅުގެ ގާތުގައި، ޖިލައްޔާއަށް ވީގޮތެއް ބަލަން ދިއުމަށް މަރިޔަމް އަހަރެންގެ ގާތުން އެދުނު، ނަމަވެސް އަހަރެންނަށް ނުދެވެނީސް އަހަރެމެންނާ ދިމާއަށް ޖިލައްޔާ އަންނާތީ ފެނުނު، އޭނާގެ އަތުގައި މަރިޔަމްއާއި ބިންޔާމީންގެ ހަގުދަރިފުޅު ޖޫދާ އޮތް، އެކުއްޖާފުޅުގެ ރުއިމުގެ އަޑު ގަދަވެފައިވޭ، އޭނާގެ ބައްޕައަށް ގޮވަމުންދިޔަ... ބިލާލު ވެއްޓިއްޖެކަމުގައި ޖިލައްޔާ ބުނީ އެވަގުތު، ޖިލައްޔާ އައިސް އަތުގައި އޮތް ޖޫދާ، ބިންޔާމީންގެ އަތައް ދެވުނު ވަގުތު އިފްރީތަކު އެއްލި އެތިފަހަރުގައި އެމީހުންގެ ދެވަނަ ދަރިފުޅު މެދު ހަށިން ދެފަޅިވީތަން އަހަރެން ދުށީން، ބެރީތުގެ ފުށުން ކުރިލިބުންނެތްކަން ބިންޏާމީހުން ހާމަކުރީ ދެން، މާލިކުއާއެކު ޖޫދާ ފޮނުވާލަން ނިންމާފައިވަނިކޮށް، ބޭރީތު އައިސް ޖިލައްޔާއާ ކުރިމަތިލީ، އޭނާ ސަލާމަތްކުރުމަށް މަރިޔަމް އުޅުމުން އޭނާއަށް ކަމެއްވެދާނީތީވެ ޖިލައްޔާއާ ހަމައަށް އައީ އަހަރެން، މަރިޔަމްގެ އަތުގައި ހިފި ބިންޏާމީނާއެކު އައީ އޭނާގެ އަތް އެކަނި، ވެއްޓެމުންދިޔަ މަރިޔަމްގެ ފަހު ހިނދުކޮޅުގައި އޭނާ އަހަރެންގެ ގާތުން އެދުނީ ޖިލައްޔާ ރައްކާތެރިކުރުމަށް، ފުރާނަ ހަށްޓާ ވަކިވެގެންދަންދެން ޖިލައްޔާ ދޫކޮށްނުލުމަށް، އަހަރެންގެ ސާހިބުކަމަނާއަށް އަހަރެން ވަޢުދުވިން، ބިންޏާމީންއަށް އަހަރެމެންނާ ހަމައަކަށް ނާދެވުނު، އަހަރެން ހުރީ ޖިލައްޔާގެ ގައިގާ އޮޅުލައިގަނެގެން، ބޭރީތު ގެންދިޔައީ އަހަރެމެން ދެ މީހުން އެކުގައި، ޖޫދާ ގޮވައިގެން ހުރި މާލިކު އައިސް ބިންޏާމީހުން ހިފެހެއްޓިތަން ދުށީން... އަހަރެމެން ރަހީނުކުރެވުނީ، ބޭރީތާއެކު ބަޚުރުގެ އަޑިއަށް އަހަރެމެން ގެނެވުނީ، އޭނާއަކީ ކަނޑު ޖިންނީންގެ ތެރެއިންވާ ރަސްކަލުންގެ ތެރެއިން ރަސްކަލެއްކަން އެނގުނީ އޭނާ ޖިލައްޔާ ގާތު ހުރިހާކަމެއް ހާމަކުރުމުން، ޖިލައްޔާ ދެއްކީ ސައިފުލް ކަރީމުކަން ބޭރީތު އެއްބަސްވި، ފުރަތަމަ ފެނިލުމުން ވެސް އޭނާއަށް ޖިލައްޔާއާ މެދު ރުހެވިއްޖެކަން ހާމަކުރި، ޖިލައްޔާގެ ރުހުން ހޯދުމަށް ބޭރީތު މަސައްކަތްފެށި، ސައިފުލް ކަރީމާއި އޭނާގެ މުޅި ޢާއިލާ ބޭރީތު ޤަތުލުކުރީ ވެސް ޖިލައްޔާގެ ރުހުން ލިބޭތޯ، އެންމެފަހުން ޖިލައްޔާ ނުރުހުނަސް އޭނާ އިންނާނީ ބޭރީތުގެ އަނތްބެއްގެ ގޮތުގައިކަން ޚުދު ބޭރީތު ނިންމި، ޖިލައްޔާގެ ނުރުހުމުގައި އޭނާއާއެކު ވަގުތު ހޭދަކުރި، އެނބުރި އަހުލުންގެ ގާތަށް ނުދެވޭނޭކަން ޖިލައްޔާއަށް އޭރު ޔަގީންވެއްޖެ، އަނެއްކޮޅުން އެނބުރިދާން ޢާއިލާގައި އެކަކުވެސް ސަލާމަތްވިކަމާމެދު ޖިލައްޔާއަށް ޝައްކު، ބޭރީތަށް ހަމައެކަނި ބާރުފޯރުވުނު އެއްޗަކަށްވީ ޖިލައްޔާގެ ހަށިގަނޑު، އެ ހަށިގަނޑު ބޭރީތުގެ ބާރު ހިނގާ އެއްޗެއްކަމުގައި އޭނާ ހެދި، ބަލިވެއިންކަން އެނގުމުން ޖިލައްޔާ ވަކިން ބޮޑަށް ހިތާމަކުރި، ބޭރީތު ފަދަ ޖިންނިއަކަށް އޭނާގެ ފުށުން ދަރިއަކު ލިބެން މެދުވެރިވީމަ، އެކަމަކު އޭނާ އެކަން ޤަބޫލުކުރި، ކެތްތެރިވި، ފަހަރެއްގައި އެއީ އޭނާގެ މައްޗަށް ލެއްވި ނިޢުމަތަކަށް ވެދާނޭ ހީކުރި، ބޭރީތުގެ ނުބައިކަމުން މިންޖުކުރައްވާތޯ ރެޔާއި ދުވާލު ޖިލައްޔާ އަޅުކަންކުރި... ދަރިފުޅު ވިހަންވީ ވަގުތު ޖެހުމުން ވެސް ނުވިހައިގެން އެކަމުގެ އަސަރު ޖިލައްޔާއަށް ކުރިމަތިވި، ދަރިފުޅާއެކު އޭނާގެ ފުރާނަ ދަނީކަމުގައި ހީކުރި، މަރިޔަމް ވިހޭއިރު އޭނާގެ އެންމެ ގާތުގައި ހުރީ އަހަރެން، އެހެންވެ ވިހޭގޭތެރޭގައި ހިނގާ ހުރިހާކަމެއް އަހަރެން ވެސް ދުށިން، އަހަރެންނަކީ ފޫޅުމައެއްނޫނަސް އެކަން އެނގިފައި ހުރީ އެހެންވެ، ޖިލައްޔާ ނުވިހައިގެން އެކަމުގައި ބޭރީތު ބުއްދިގޯސްނުވީ ކިރިޔާ، އޭނާ އަހަރެންގެ ފުރާނަ ހިފަން ދިމާކޮށްލި ވަގުތު ޖިލައްޔާ އެދުނީ އޭނާ ހިކިފަސް ތަނަކަށް ގެންގޮސްދިނުމަށް، އޭނާއާއެކު އަހަރެން ގެންދިއުމަށް... ފިނޮޅެއް ފަދަ އެއްވެސް ގަހެއްނުވާ ފަސްގަނޑަކަށް އަހަރެމެން ގޮވައިގެން ބޭރީތު އެރީ، ޖިލައްޔާގެ އުނަގަނޑުން ތިރި އޮތީ ރާޅުފަށުގައި، އޭނާ އަހަރެންނަށް އިރުޝާދު ދިނީ، ޖިލައްޔާ ވިހެއީ އެހެންއޮވެ، ލޯބި ލޯބި ފިރިހެން ކުއްޖެއް... ލޮނުގަނޑުގެ ތެރޭ އެކުއްޖާ ހިމޭންވެފައި އޮތުމުން އަހަރެން ކަންބޮޑުވި، ނަމަވެސް ފެނުން މައްޗަށް ހިއްލާލުމާއެކު އެކުއްޖާގެ ފުރަތަމަ ނޭވާ ލީ ކަހަލަ، މުޅި ފަޒާ އެކުއްޖާގެ ރުއިމުގެ އަޑުން ގުގުމާލީ ދެން، އަހަރެންގެ އަތުން ބޭރީތު ދަރިފުޅު އަތުލައި ޖިލައްޔާގެ ގާތަށް ޖެހިލި، އޭނާގެ ހާލު އަހަރެންނަށް ފެނުނީ ދެން، އޭނާ އުޑަށް ބަލަހައްޓައިގެން އޮވެ ފުންނޭވާތަކެއް ލަމުންދިޔައިރު ހީވަނީ ނޭވާލާނޭ ފުރުޞަތެއް އޭނާއަށް ލިބުނީ އެވަގުތުހެން، މިނިވަންކަމުގެ ހިނިތުންވުމެއް ޖިލައްޔާގެ ތުންފަތުން ފާޅުވެލި، އޭނާ ބޭރީތުގެ އަތުގައި އޮތް ދަރިފުޅަށް ބަލާލުމަށްފަހު ބުނީ، އޭނާގެ ބުރަކަށިން ފާޅުވާ ނިޝާނަކީ އޭނާގެ މައްޗަށް ބޭރީތުގެ ބާރު ނުހިނގާނޭކަމުގެ ނިޝާނެކޭ، އެ ދަރިފުޅު ބޮޑުވަމުން އަންނަވަރަކަށް އެކަން ކަށަވަރުކޮށްދޭނެއޭ.... އެއަށްފަހު އަހަރެން ގާތުބުނި ދަރިފުޅާ ވަކިވާންޖެހޭ ވަގުތު ޖެހިއްޖޭ، ދަރިފުޅު ދޫކޮށްލާފައި ދާން ބޭނުންނުވާކަމަށް، އަހަރެންގެ ގާތުގައި އެކުއްޖާފުޅު ހުރެއްޖެނަމަ އަހަރެމެންނަށް ލިބުނު ފަދަ ތަރުބިއްޔަތެއް އެކުއްޖާއަށް ދިނުމަށް، ޖިލައްޔާގެ ފަހުނޭވާ ދޫކޮށްލީ އެ ފަސްގަނޑުގައި، އެ ދެ ލޮލުގެ ދިރުން ގެއްލިގެންދިޔަ ހިނދު އަހަރެންގެ ޟަމީރު އެއްބަސްވި ޖިލައްޔާ އެތައް ވާހަކައެއް އަހަރެން ގާތުގައި ބުނަން ބޭނުންވެފައިވިކަން، އެހެންވިޔަސް މިލާފައިވާ އެ މޫނުން ހިތްހަމަޖެހުން އަހަރެން ދުށީން، އޭނާ ވަކިވެގެންދިޔައީ ބޭރީތުގެ އަތުން ދަރިފުޅު ނަގައި މޭގައި ބާއްވާލައިގެން އޮވެ، ޖިލައްޔާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ބޭރީތު ތެޅިފޮޅިގަތް، ނަމަވެސް އޭގެ ވެރިފާތުން އެ ފުރާނަ ގެންދެވީ، ރައުލް... ކަލޭގެ މަންމަގެ ނިމުން އައީ އެފަދައިން، އެއީ ސާލިހު ކެތްތެރި އަންހެނެއް، އޭނާ ވަކިވެގެންދިޔައީ ބޭރީތު އުފާކޮށްދިނުމަށްފަހު އޭނާގެ ހަމަޖެހުން ހިފައިގެން، ކަލޭ ބެލުމަށް ހަވާލުކުރެވުނީ އަހަރެންނާ، އަހަރެމެން ތިބީ އެންމެންނާ ދުރުގައި ހޮހޮޅައެއްގެ ތެރޭ ބައިތިއްބާފައި، ޖިލައްޔާ ވަކިވިފަދައިން ދަރިފުޅު މަރުވެދާނެތީ ބޭރީތު ކަންބޮޑުވި، ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވީ ދަރިފުޅަށް ތިންމަސްވީއިރު އެކުއްޖާގެ ބުރަކަށީގައިވީ ނިޝާން ބޮޑުވެ އެތަނުން ދެ ވަރަ ފާޅުވާން ފެށުމުން، އޭނާގެ އެންމެ ގާތުގައި ހުރި ވަޒީރަކީ ލާވީ ކިޔާ މީހެއް، އޭނާއާ މަޝްވަރާކޮށް ބޭރީތު ނިންމީ އެ ދަރިފުޅުގެ ވަރަ ބުރިކޮށްލުމަށް، އެ ވަރަ ހުރެއްޖެނަމަ ޖިލައްޔާ ބުނި ފަދައިން އޭނާގެ އަހުލުން ގާތަށް ހިނގައިދާނޭކަމަށް، އަހަރެން އެދުނިން ދިރިހުއްޓާ ދަރިފުޅު މަރާލުން ވެސް މާރަނގަޅުވާނޭކަން، އެކަމަކު އަހަރެން ބަހައްޓާފައި ބޭރީތު ހުރީ ތިކުއްޖާފުޅަށް ޓަކައި، ކަލޭގެ ބުރަކަށީގައިވި ވަރަ ބުރިކޮށްލީ ބޭރީތުގެ އަތުން، އޭރު ހަމަވަސްވީ، ކަލޭގެ ވަރައާމެދު ބޭރީތު ޝައުގުވެރިވި، ނަމަވެސް ޖިލައްޔާގެ ބަސްތައްވީ އޭނާގެ ބުއްދިއަށް ފޮނުވާލި ނުބައި ވިހައަކަށް، އެހެންވެ ބުރިކޮށްލީ، އެއަށްފަހު ދުނިޔޭގައި ހުރުމަށް ﷲ އިރާދަކުރެއްވީތީ ކަލޭ ދިރިހުރީ، އޮނަތިރީސް ރޭ ވަންދެން ކަލޭ ޚަބަރު ހުސްވެފައި އޮތް، އަހަރެން ހީކުރީ ކަލޭގެ އެންމެފަހުނޭވާކަމަށް ލަމުންދިޔައީ، ގަދަވީ ދެން، ބުރަކަށީގައިވާ ލަކުނު އެހެން އެހުރީ ދޮންކޮއްފައި ހުރި ދަގަނޑު ޖެއްސުމުގެ ސަބަބުން، ދަރިފުޅަށް އެއްއަހަރުވުމުން ބޭރީތު ނިންމީ އޭނާގެ ގާތުގައި ބަހައްޓައިގެން ތަރުބިއްޔަތުކޮށް ދަރިފުޅު ބޮޑުކުރަން، އޭރު ޔަގީންވެއްޖެ ދެން ބުރަކަށީގައި ހުރި ވަރައެއް ނުފަޅާނޭކަން، އެހެންވެ ގަސްދުކުރީ އޭނާ ހޭނިގޮތަކަށް އޭނާއަށް ކިޔަމަންތެރިވާ ދަރިއަކަށް ރައުލް ހެދުމަށް، އަހަރެން މި ހުރަގެއަށް އަހަރެން އެއްލާލީ ބޭރީތުގެ ގާތަށް ކަލޭ ގެންދިއުމާއެކު، އަހަރެންގެ ދެ ލޮލުން ޖިލައްޔާއާއި އޭނާގެ ދަރިފުޅުގެ ކަންކަން ދުށީތީ އަހަރެންގެ ދެ ލޯ ފުރަތަމަ ވެސް ކޮނެލީ، އެއަށްފަހު އެނބުރި ނުދެވޭނޭ ހެން އަހަރެންގެ ބުރަކަށީގައިވި ވަރަ ބުރިކޮށްލީ، އަދި އަހަރެންގެ ދެފައިތިލަ ޗިސްކޮށްލީ، ދެއަތް ބުރުކޮށްލެވުނީ ރައުލް ގެންގުޅުނީ މިދެއަތުން ކަމަށްވީމަ، އެކަމުގެ އެއްވެސް ނިޝާނެއް ފެންނަން ހުންނަން ބޭރީތު ނޭދުނީ، ޖިލައްޔާގެ އެދުމަށް އަހަރެން މަރާނުލާ ބަހައްޓާފައި ހުރީ، އަހަރެން ޖިލައްޔާއަށް ސިހުރު ޖެއްސީކަމުގައި ބޭރީތު ބުނޭ، ޖިލައްޔާގެ ހިތް ބަދަލުވިޔަނުދީ އަހަރެން ކަމުގައި، އޭނާ ވަކިވެގެންދިއުމުގެ ރުޅި ބޭރީތު އަމާޒުކުރީ އަހަރެންނަށް، އަހަރެންގެ ބޯވަކިކުރަން ދެފަހަރުމަތިން އުޅުމުން ވެސް އެކަންނުވީ، އެއިން ކޮންމެ ފަހަރަކު އަހަރެންގެ ވެރި އިލާހުގެ ކުޅަދުންވަންތަކަން އަހަރެންނަށް ދައްކަވާ، މިތަނުގައި މަރުވެދިއުމަށް ބޭރީތު އަހަރެން ދޫކޮށްލީ އެހެންވެ... ހިތަކަށްނާރާ އެ ދަރިފުޅާ ބައްދަލުވާނީ މިފަދަ ތަނަކުންނޭ... ރައުލް... ދަރިފުޅުގެ ވަރަވަނީ ބޭރީތުގެ ގަނޑުވަރުގެ ތެރޭގައި، އެ ވަރައިގެ ވަހަށް ގަނޑުވަރުގެ އެދިމާއަށް ގިއްނޯސްއާއި މާވަރުގެ އައިންގަނޑެއް ވަން، އެއީ ވަރަ ބުރިކޮށްލި ދުވަހު ވެސް އަހަރެމެން ތިބި ހޮހޮޅައިގެ ކައިރީއޮތް ކޯރުގެ ތެރެއިން ރެދަންލުމާއެކު ފާޅުވި ތަކެތި، ގަނޑުވަރަށް ގެނެވުނު ދުވަހު އަހަރެން ދުށީން އެފަދަ އައިންގަނޑެއް ގަނޑުވަރު ކައިރީ ވާތީ، ބޭރީތުގެ އަމުރަށް ލާވީ ވަނީ އެ ވަރަ ޖިލައްޔާގެ ވަރައާއެކު ފޮރުވާފައި، ފޮރުވީ ގަނޑުވަރުގައިކަން އަހަރެންނަށް އެނގުނީ އެ ގިއްނޯސްތައް އެތަނަށް ޖަމާވެފައިވާތަން ފެނިފަ، އަހަރެމެންގެ ވަރައަކީ ހަށިގަނޑުގެ ބައެއް، ހަށިގަނޑާވަކިވުމުން އެތަކެތީގެ ދިރުން ގެއްލިގެންދޭ، ހަށިގަނޑާ ވަކިވެގެންދާ ގުނަވަނެއް ފަދައިން" ޒޮރައިދާ ހުރިހާކަމެއް ކިޔައިދިނެވެ.

"ރައުލް" ރައުލް އަނގައިން ނުބުނުމުން ޒޮރައުދާ ގޮވާލިއެވެ.

"އަހަރެން... އަހަރެންގެ ބުރަކަށީގައި ދެވަރަ ހުރިތަ؟" ހިމޭނުން އިނދެފައި ރައުލް ސުވާލުކުރިއެވެ.

"އާން! އަހަރެންގެ ދެ ލޮލުން ދުށީން، ކަލޭ އުފަންވީ ލޮނުގަނޑުގެ ތެރެއަށް ވިޔަސް ކަލޭ އޮތީ އަހަރެމެންގެ ތެރެއިން އުފަންވާ ކުއްޖަކު ފަދައިން" ޒޮރައިދާ ބުންޏެވެ.

ހިމޭން ރުއިމަކުން ރައުލްގެ ހިތް ރޮމުން ދިޔައެވެ. އޭނާގެ މަންމައަކީ ކާކުކަން ރައުލްއަށް އެނގިއްޖެއެވެ. އަދި އޭނާގެ މަންމަގެ ސޫރަ ނުފެންނަކަމުގައި ހީކުރެވުނު ހީކުރުން ގޯސްވެއްޖެކަމުގައި ރައުލްގެ ޟަމީރު ބުންޏެވެ.

(ނުނިމޭ)