ކުޅިވަރު

މޮރިޝަސް މުބާރާތުން ނަބީހާ އާއި ނަބާހާއަށް ބްރޯންޒް މެޑަލް

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ޕެއާ އާމިނަތު ނަބީހާ އަބްދުއްރައްޒާގާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ލޯ މެޑަލް ހޯދައިފި އެވެ.

މިދިޔަ އަހަރު ރިހި މެޑަލް ހޯދި ނަމަވެސް މިއަހަރު ނަބާހާ އާއި ނަބީހާގެ ޕެއާ، ލޯ މެޑަލް ލިބުނީ ސެމީ ފައިނަލުގައި، މެލޭޝިއާގެ ޕެއާ އަތުން ބަލިވުމުންނެވެ. ސެމީ ފައިނަލަށް އެއްމާބަނޑު ދެބެން ދަތުރު ކުރީ ކްއާޓާ ފައިނަލުގައި، މުބާރާތުގެ އެއް ވަނައަށް ސީޑްކޮށްފައިވާ، މިރުގެ ޑޮހަ ހާނީ އަދި ހަދިއްޔާގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ.

ދުނިޔޭގެ ރޭންކިންގެ 70 ވަނަ މަގާމު ހޯދާފައިވާ ޑޮހަ ހާނީ އާއި ހަދިއްޔާގެ ޕެއާގެ މައްޗަށް، ދުނިޔޭގެ 186 ވަނަ ހޯދި ރާއްޖޭގެ ނަބީހާ އާއި ނަބާހާ ކާމިޔާބު ހޯދުމަކީ ހައިރާން ކުރުވަނިވި ނަތީޖާ އެކެވެ.

މިސްރުގެ ޕެއާއަކީ، 2015 ވަނަ އަހަރު ފެށިގެން އިންޓަނޭޝަނަލް މުބާރާތްތަކުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ. ޑަބަލްސް އިވެންޓްގައި އެ ދެކުޅުނުންތެރިން ވާދަ ކުރި އަށް މުބާރާތުގެ ތެރެއިން ހަތް މުބާރާތް ކާމިޔާބު ކުރި އެވެ.