ކުޅިވަރު

މެސީ އާއި އާޖެންޓީނާއަށް ހިތްދަތި ފެށުމެއް

ކޮލަމްބިއާ އަތުން 2-0 ން ބަލިވެ، ކޮޕާ އެމެރިކާގާއި އާޖެންޓީނާ އަށާއި ކެޕްޓަން ލިއޮނަލް މެސީއަށް ހިތްދަތި ފެށުމަކަށް ވެއްޖެ އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ މުބާރާތުގައި، އެ ގައުމުގެ ސަލްވާޑޯގައި ހުންނަ ފޮންޓޭ ނޯވާ އެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ކޮލަމްބިއާގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ އެންމެ ފަހު 20 މިނެޓްގަ އެވެ.

އެންމެ ފަހުން ބޭއްވި ބޮޑު ދެ މުބާރާތުގައި ވެސް އާޖެންޓީނާ އަށް ފެށުން ދިޔައީ ރަނގަޅަކަށް ނޫނެވެ. މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗު އައިސްލޭންޑު އަތުން އެއްވަރު ވެގެން ނިމުމަކީ އާޖެންޓީނާއަށް ކުރިމަތިވި ލަދުވެތި ނަތީޖާ އެކެވެ.

އެންމެ ފަހުން ބޭއްވި، ކޮޕާ އެމެރިކާގެ ދެ މުބާރާތުގައި ވެސް ފައިނަލު ކުޅުނު އާޖެންޓީނާއަށް، ކޮލަމްބިއާ އަތުން ކުރިމަތިވި ނަތީޖާއިން މުބާރާތުގައި އިތުރަށް ކުރިއަށްދާނަމަ އާޖެންޓީނާއިން ބުރަ މަސައްކަތެއް ކުރަން ޖެހޭނެ އެވެ. ގުރޫޕް ބީ ގައި ދެން އޮތީ ޕެރަގުއޭ އާއި އޭޝިއާގެ ޗެމްޕިއަން ގަތަރެވެ.

މެޗުގައި ކޮލަމްބިއާގެ ރޮޖާ މާޓިނޭޒް ވަނީ ހިތްގައިމު މޮޅު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 71 ވަނަ މިނެޓްގައި ހަމޭސް ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ބޯޅަ ހިފައިގެން އޭރިއާގެ ކަނާ ދިމާލުން ވަދެ ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލީ އާޖެންޓީނާގެ ދެ ޑިފެންޑަރުންނަށްވެސް ފުރުސަތު ނުދީ އޭރިއާޣެ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ.

ކޮލަމްބިއާގެ ދެ ވަނަ ލަނޑު 86 ވަނަ މިނެޓްގައި ދުފާން ޒަޕާޓާ ކާމިޔާބު ކުރީ، ޖެފާސަން ލާމާ އެވެ. ގުރޫޕް އޭ ގެ ދެ ވަނަ މެޗުގައި ރޭ، ވެނެޒުއެލާ އާއި ޕެރު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މުބާރާތުގައި މިރޭ ތިން މެޗު ކުޅޭނެ އެވެ. ރާއްޖޭގަޑިން މިރޭ 12:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ، ޕެރަގުއޭ އާއި ގަތަރެވެ. މިރޭ 3:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ ގުރޫޕް ސީގައި އުރުގުއޭ އާއި އެކްއެޑޯ އެވެ. މިރޭ ފަތިހު 4:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އާއި ޖަޕާން އެވެ.