ހަބަރު

ޖޭއެސްސީގެ ނިންމުމަކީ ޝަރުއީ ނިޒާމް ހަލާކު ކުރުމެއް: ޕީއެންސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ބަލައި ނުގަންނަން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޝަރުއީ ނިޒާމް ފުނޑުފުނޑުކޮށްލަން ނިންމި ނިންމުމެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ބުދަ ދުވަހު ޖޭއެސްސީއިން ނިންމި ނިންމުން ތަންފީޒު ކުރަން ހުއްޓުވައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ގޮންޖެހުމަށްފަހު ޖޭއެސްސީ އިން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ގާނޫނުތަކުގެ އިންތަކާއި މިންތަކުގެ ބޭރުން ނިންމި ނިންމުމެއް ކަމަށެވެ.

"ޖޭއެސްސީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ނެރުއްވި ނޫސްބަޔާނަކީ ގާނޫނުއަސާސީއާ ގާނޫނުތަކުގެ އިންތަކާއި މިންތަކުގެ ބޭރުން
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް ފުނޑުފުނޑުކޮށް، އިސްލާހު ގެނައުމުގެ ނަމުގައި އިތުރު ފަސާދައެއް ކުރުމަށް ހިންގުނު ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ މިހާރު ސަރުކާރުން ކަންކަން ކުރަމުންދަނީ ބަދަލުހިފުމުގެ ރޫހުގައި ޒާތީ ހަސަދައެއް ފިލުވާލުމުގެ ބޭނުމުގައި ކަމަށް ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލުމަށް މިހާރު ކުރަމުންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއްނޫންކަމަށްވެސް ޕީއެންްސީ އިން ބުންޏެވެ.

ޖޭއޭސްސީގެ ނިންމުމަށް އެޕާޓީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ އަމުރު ބަލައިނުގަތުމަކީ އެއަމުރުގެ ބާރު ކެނޑިގެންދާނެ ކަމެއް ނޫން ކަމަށެވެ. ދުސްތޫރީ މައްސަލަ ބަލައި ނިންމުމުގެ ބާރު ގާނޫނު އަސާސީން ލިބިފައިވަނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އެއަމުރުން ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުތުމަށް އެއްވެސް ހުރަހެއްނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.