ކުޅިވަރު

ޝަފުރާޒާއި މިންވާލަށް ގްރީންގެ މުހިންމު މަގާމެއް

ކުލަބު ގްރީން ސްޓްރީޓްގެ ޔޫތު ސިސްޓަމްގެ ތެރެއިން ފުރޭނިގެން ނުކުތް ޒުވާން ދެ ކުޅުންތެރިން ކަމަށްވާ، ޝަފުރާޒް މުހައްމަދާއި، މުހައްމަދު މިންވާލް ގްރީންގެ ސީނިއާ ޓީމަށް ޕްރަމޯޓް ކޮށްފި އެވެ.

ޝަފުރާޒާއި މިންވާލް ވަނީ މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ގުރީންއަށް ކާމިޔާބު ކޮށްދޭން މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. މި އަހަރު ސީޒަނަށް ގްރީން ސްޓްރީޓް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ފޯވަޑްލައިންގައި އަލީ އަޝްފާގް، ދަގަނޑޭ އާއި މުހައްމަދު އުމޭރުގެ އިތުރުން ޑިފެންސިވް މިޑްފީލްޑްގައި މުހައްމަދު އާރިފް، ބަކާގެ ތަޖުރިބާ މުހިންމު ދައުރެއް އަދާ ކުރާނެ އެވެ.

މިންވާލް އަކީ، އުމޭރުގެ މަގާމަށް ކުޅޭ އުމޭރުގެ ރިޕްލޭސްމެންޓެކެވެ. ޝަފުރާޒަކީ ޑިފެންސިވް މިޑްފީލްޑް ރޯލުގައި ބަކާގެ ރިޕްލޭސްމެންޓެކެވެ. ސަފުރާޒުގެ ކުޅުމުގެ ސްޓައިލްގައި ބަކާގެ ކުޅުމުގެ ސްޓައިލްއާ އެއްގޮތްތަކެއް އެބަހުއްޓެވެ. މިންވާލް އާއި ޝަފުރާޒް ސީނިއާ ޓީމަށް ޕްރަމޯޓް ކުރީވެސް އުމޭރު އާއި ބަކާ އާއެކޮށް ކުޅުވައި އެ ދެ ކުޅުންތެރިންގެ ޓެކްނިކަލް ޑިވްލަޕްމެންޓްގައި އެހީވުމަށެވެ.

ސީނިއާ ކުޅުންތެރިންނާ ވިއްދައިގެން ޒުވާން ކުޅުންތެރިންގެ ފެންވަރު މަތި ކުރުމުގައި މުހިންމު އެހީއަކަށް ވެއެވެ. ގުރީންގެ ކޯޗް އަލީ ސުޒޭންގެ އިސްނެގުމުގެ މަތިން މިންވާލް އާއި ޝަފުރާޒަށް ހުޅުވާލަ ދިން ފުރުސަތަކީ އެ ކުޅުންތެރިން ކުރިއަށް ދިއުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ އެވެ.

މިދިޔަ އަހަރު، ޔޫތު މުބާރާތުން ފުރުސަތު ނުލިބުނު ދައިޝަމްއަށް ވެސް ވަނީ ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ. ގުރީންގެ އުންމީދީ ކުޅުންތެރިޔާ އަބްދުﷲ ޔާމީންގެ ދައުރު މިއަހަރު ބޮޑުވެގެން ދާނެ ކަމަށް ސުޒޭން ވަނީ ކުރިން ބުނެފަ އެވެ. ގުރީންގެ ސީނިއާ ޓީމުން އޭނާއަށް ބަރާބަރަށް ފުރުސަތު ލިބެން ފެށީ މިދިޔަ އަހަރު ލީގް ފަހު ކޮޅުގަ އެވެ. އޭނާއަށް ދިން ފުރުސަތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.