އަތޮޅުތަކުގެ އެކި ސަރަހައްދުތަކުން މާލެ ސަރަހައްދުގެ ހޮސްޕިޓަލަތަށް ހިދުމަތް ހޯދަން އަންނަ އައުން މަދު ކުރަން މާލެ އާއި އެއް ފެންވަރުގައި އަތޮޅުތަކުގެ ފަސް ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރަން ދެ ފިޔަވައްސަކަށް ބަހާލައި 10 ހޮސްޕިޓަލެއް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އޭގެ [ފަސް ހޮސްޕިޓަލު ތަރައްގީ ކުރުމުގެ] މާނައަކީ އެ ހޮސްޕިޓަލްތައް ހުރި ސަރަހައްދުން އެ ހޮސްޕިޓަލުތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތަހުލީލު ކުރެވޭނެ ގޮތްތަކާއި އަދި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހޭނޭ... އިތުރަށް މިހާރު އާންމުކޮށް އެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުން މާލެއަށް އަންނަ ޖެހެނީ ކޮން ސަބަބުތަކާ ހުރެކަން ބަލައި އެ ކަންތައްތައް ހައްލު ކުރާނެ،" އަމީން ވިދާޅުވި އެވެ.
އެ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު އަތޮޅު ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ސަރުކާރުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފަސް ހޮސްޕިޓަލުން ރަނގަޅު ހިދުމަތް ދޭން ފެށުން ކަމަށެވެ.
އަމީން ވިދާޅުވީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ރަނގަޅު ނުވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ ބާރު ބޮޑުވެ އެ ހޮސްޕިޓަލުތަކުން ވެސް އެކަށީގެންވާ މިންވަރަށް ހިދުމަތްތައް ދިނުމުގައި އިތުރު ދަތިތަކެއް ދިމާވާ ކަމަށެވެ.