ހަބަރު

ސެންޓްރަލް މެޑިކަލް ސްޓޯރެއް ގާއިމުކުރަނީ

ރާއްޖެއަށް އެތެރެ ކުރާ ބޭސް ރައްކާތެރިކަމާއެކު ބަހައްޓައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބޭސް ރައްކާ ކޮށްފައި ބަހައްޓަން ސެންޓްރަލް މެޑިކަލް ސްޓޯރެއް ގާއިމު ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ބޭސް ފިހާރަތަކުން ހަމައަށް ބޭސް ލިބޭނެ ގޮތް ހަމަޖެއްސެމަށްޓަކައި ބޭސް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށާއި މެޑިކަލް ސްޓޯރެއް ގާއިމު ކުރެވުމުން، ރައްކާތެރިކަމާއެކު ބޭސް ބެހެއްޓުމާއެކު ރަށްރަށަށް ބޭސް ބޭނުންވާ ވަގުތު ބޭސް ފޯރުކޮށްދެވޭނެ ކަމަށެވެ.

"ސެންޓްރަލް މެޑިކަލް ސްޓޯރެއްގެ ވިސްނުމަކީ ކޮންމެ ތަނަކުން ރާއްޖެއަށް މި ބޭސް އެތެރެ ކުރި ކަމަށް ވިއަސް، އެސްޓީއޯއިން ސަޕްލައި ކުރިއަސް އަދި އެހެން ފަރާތަަކުން މި ސަޕްލައި ކުރިއަސް މި ތަކެތި ރައްކާތެރި ކަމާއެކު ބެހެއްޓޭނެ ނިޒާމެއް ހުރުން، އަދި އެ ނިޒާމު މެދުވެރިކޮށް އަޅުގަނޑުމެންނަށް ބޭސް ރަށްރަށަށް ފޯރުކޮށް ދެވޭނެ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ބޭސް އެތެރެ ކުރުމުގެ އުސޫލުތަކާއި ބޭސް ދިނުމުގައި ހުރި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވެސް ސަރުކާރުން ނިންމާފައިވާ މިނިސްޓަރު އަމީން މިއަދު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަން ގިނަ ދިރާސާތަކާއި ވަގުތު ވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ ދަންނަވާއިރު ގަބޫލު ކުރަންވާނެ ރާއްޖޭގައި ޒަމާނުއްސުރެން އަމަލު ކުރަމުން މި އަންނަ އުސޫލަށް ބަދަލު ގެނައުމަކީ ވަގުތާއި ވިސްނުން ހޭދަވާނެ ކަމެއް ކަން. އެހެންވެ އަޅުގަނޑުމެން ކުއްލިއަކަށް މި ބަދަލުތަކަށް ފުރޮޅާލުމުގެ ކުރިން މި އުސޫލުތަކަށް ހަރުދަނާ ވާން ޖެހޭނެ ދާއިމީ ގޮތެއްގައި،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ބޭސް ލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ސިއްހީ ދާއިރާއަށް ވަށައިޖެހޭ ހައްލުތަކެއް ހޯދިގެން ކަމަށެވެ. އެ ގޮތުން ސިއްހީ ހިދުމަތްތައް ޑިޖިޓަލް ކުރެވިފައިނެތް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތް ޑިޖިޓަލް ކުރަން ސަރުކާރުން ކުރާ މަސައްކަތް ނިމުމުން އެފަދަ ގިނަ މައްސަލަތައް ހައްލު ލިބިގެންދާނެ ކަމަށެވެ.