ހަބަރު

ތިން އެކްސިޑެންޓަކާ ގުޅިގެން ފިޔަވަޅު އަޅައިފި

މި މަހު ހިނގި ބޮޑު ތިން އެކްސިޑެންޓެއްގައި އިހުމާލުވި ފަރާތްތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައިފި އެވެ.

އެކްސިޑެންޓްތަކާ ގުޅިގެން އެ އޮތޯރިޓީން ފިޔަވަޅު އެޅި އެއް ފަރާތަކީ މި މަހުގެ ހަތަރު ވަނަ ދުވަހު މާލެ - ހުޅުމާލެ ހައިވޭގައި އެކްސިޑެންޓްވެ އެ މަގުގެ ޑިވައިޑާތައް ހަލާކުވި އިރު ކާރު ދުއްވަން އިން މީހާ އެވެ.

އޭނާގެ ލައިސެންސް އެއް އަހަރަށް ވަނީ ހިފަހައްޓާފަ އެވެ. އަދި އޭނާ އެ އެކްސިޑެންޓް ސިއްރު ކުރަން އުޅެފައިވާތީ ޖޫރިމަނާ ވެސް ކުރި އެވެ.

ދެން ފިޔަވަޅު އެޅީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑްގައި ދުއްވި ކާރެއް މާލެ އެރި ވަގުތު އޭގެ ކޮންޓްރޯލް ގެއްލި ބްރިޖް ސަރަހައްދުގައި ހުންނަ މެރިން ރިސާޗް ސެންޓަރު ފާރުގައި ޖެހުނު އިރު ކާރު ދުއްވަން އިން މީހާއަށެވެ. އޭނާގެ ލައިސެންސް އެއް އަހަރާ ހަ މަސް ދުވަހަށް ވަނީ ހިފަހައްޓާފަ އެވެ.

މި މަހުގެ އެކްސިޑެންޓްތަކުގެ ތެރެއިން ތިން ވަނަ އެކްސިޑެންޓަކާ ގުޅިގެން ވެސް އޮތޯރިޓީން ފިޔަވަޅު އެޅި އެވެ. އެއީ އަށް ވަނަ ދުވަހު މާލެ - ހުޅުމާލެ ހައިވޭ މަތީން، ރާޑަރު ހިމެނޭ ސަރަހައްދާ ހަމައިން ބާރަށް ދުއްވި ކާރެއް ކޮންޓްރޯލު ނުވެ ހައިވޭގެ ޑިވައިޑަރު ތަކުގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އަށެވެ. އޭނާގެ ލައިސަންސް ހިފެހެއްޓީ އަހަރު ދުވަހަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ތިން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އެޅީ މި އެކްސިޑެންޓު ތަކުގައި ހިމެނޭ މީހުނާމެދު އިދާރީ ފިޔަވަޅު އަޅަން އެ އޮތޯރިޓީއަށް އަންގައިގެން ކަމަށެވެ. ފިޔަވަޅު އަޅަން އެންގީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމެއް ނޫނީ ޓްރެފިކް ފުލުހުން ކަމެއް ނުބުނެ އެވެ.